ސަރުކާރުން ކަންކަން ޢިއުލާންކުރަނީ، އެ ކަންކަން ކުރެވޭނެ ގޮތްތައް ކަނޑައެޅުމަށްފަހު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ހއ.އަތޮޅުގެ ރަށްތަކަށް އެ މަނިކުފާނު މިހާރު ކުރައްވަމުން އަންނަ ދަތުރުފުޅުގައި ހއމުރައިދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އެރަށު ސުކޫލުގައި ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން ރައީސް ވިދާޅުވީ ސަރުކާރުން ކަންކަން ޢިއުލާންކުރަނީ، ކުއްލިއަކަށް އެއްވެސް ކަމެއް ނުބައްލަވައި ނޫންކަމަށާއި، އޭގެ ބަދަލުގައި ކަންކަން ޢިއުލާން ކުރައްވަނީ، އެ ކަންކަން ރާވައި އެކަންކަން ކުރުމަށް މަޝްވަރާކުރުމަށްފަހު، އެކަންކަން ކުރެވޭނެ ގޮތްތައް ކަނޑައަޅައިގެން ކަމަށެވެ.
”އަޅުގަނޑު އަބަދުވެސް މަސައްކަތް ކުރާ ގޮތަކީ ރައްޔިތުންގެ ގާތުން ކަންކަން އޮޅުން ފިލުވައިގެން، އެންމެ އިސްކަން ދޭންޖެހޭ ކަންކަމަށް އިސްކަންދީގެން، ރައްޔިތުންނަށް އެ ދަތިވާކަންކަމަށް ޙައްލުތައް ގެނެސްދިނުމަށް“ ރައީސް ވިދާޅުވިއެވެ.
ސަރުކާރުކާރުގެ ކަމާބެހޭ ވުޒާރާތަކާއެކު މަޝްވަރާކުރައްވައިގެން، ރަށްރަށުގައި ނުފެށި ހުރި، އަދި ހުއްޓިފައިހުރި މަޝްރޫޢޫތައް ހިންގޭނެ މަގު ތަނަވަސްކުރުމުގެ މަސައްކަތް މިހާރުވެސް ކުރައްވަމުންގެންދަވާ ކަމަށާއި އެކަންކަން ކާމިޔާބު ކުރެއްވޭކަމުގައި ރައީސް ވަީ ފާހަގަކުރައްވާފައެވެ. ރައީސް ވިދާޅުވީ ދެން ފެނިގެންދާނީ ބަޖެޓުގައި ހުރި ފުރުޞަތުތަކުގެ ތެރެއިން ހުއްޓިފައި ހުރި، ނުހިނގާހުރި ކަންކަމާއި، އަދި ސަރުކާރުން އަލަށް ކުރުމަށް ވަޢުދުވެފައިވާ ކަންކަން ހިނގައިގަންނަ މަންޒަރު ކަމަށެވެ.