ޓުއަރިސްޓު ވިސާގައި ރާއްޖެއައި ޗައިނާ އަންހެނަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ގެއްލިގެން ހޯދަމުންދަނީ ޗައިނާ ރައްޔިތެއްކަމަށްވާ ސޫ ޒިއޯނިންގ (30އ) އެވެ.
ފުލުހުން މިއަދު ބުނީ ސޫ ޒިއޯނިންގ ރާއްޖެ އައިފަހުން އާއިލާއަށް ޚަބަރެއް ވެފައި ނުވާތީ، ވީނުވީއެއް ނޭނގި ގެއްލިގެން، ދިވެހިރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީ މެދުވެރިކޮށް އާއިލާގެ ފަރާތުން ފުލުހުންނަށް މައްސަލަ ހުށަހަޅާފައި ވަނީ 2025 ޖަނަވަރީ 22 ވަނަ ދުވަހު ކަމަށެވެ.
މި މައްސަލަ ފުލުހުންނަށް ރިޕޯޓްކުރުމާއެކު އޭނާ ހޯދުމަށްޓަކައި ފުލުހުން މަސައްކަތް ކުރަމުން އަންނަ ކަން ހާމަކޮށް ފުލުހުން ބުނީ އޭނާ ޓްއަރިސްޓް ވިސާގައި ރާއްޖެ އައިސްފައި ވަނީ 2024 އޮކްޓޫބަރު 13 ވަނަ ދުވަހުކަން މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށެވެ.އަދި އޭނާ މާލޭގައި ހުރި ގެސްޓް ހައުސް އިން 2024 އޮކްޓޫބަރު 24 ވަނަ ދުވަހު ހެނދުނުގެ ވަގުތެއްގައި ޗެކްއައުޓް ވެފައިވާ ކަމާއި އެއަށްފަހު އޭނާ ރާއްޖެއިން ފުރައިގެން ގޮސްފައި ނުވާކަން ތަހުގީގަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ. ނަމަވެސް އޭނާ ހޯދުމަށް މިހަތާނަށް ކުރެވުނު މަސައްކަތުން އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް އަދި އުޅޭތަނެއް ހޯދިފައިނުވާ ކަމަށްވެސް ފުލުހުން މިއަދު ބުނެފައި ވެއެވެ.
އެހެންކަމުން ފުލުހުން ވަނީ އޭނާ އާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ޑިއުޓީ ނަންބަރު 9911099 އަށް ގުޅައި ހިއްސާކުރުމަށް އެދިފައެވެ.