އޭސީސީން ކުރާ ތަހުގީގުތައް އަވަސްކުރަން ޕީޖީން އަމުރުކޮށްފި

Loading

January 26, 2025
sandhaanu news
Facebook
Twitter
WhatsApp

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހިނގާ ޖިނާއީ ތަހުގީގުތައް އަވަސްކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)އައްބާސް ޝަރީފް އަމުރުކުރައްވައިފިއެވެ.

ޕީޖީ އޮފީހުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ވިދާޅުވީ އޭސީސީއިން ހިންގާ ޖިނާއީ ތަހުގީގުތައް އެކަށީގެންވާ އަވަސްމިނެއްގައި ހިނގަމުން ނުދާކަމުގެ ޝަކުވާ ޕީޖީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އެކަން ޕްރޮސިކިއުޓާ ޖެނެރަލް ބެއްލެވިއިރު، ދިވެހި ދައުލަތާއި އާންމު ރައްޔިތުންގެ މަސްލަހަތު މަތީ މިންވަރަކަށް ހިމެނޭ މައްސަލަތަކުގެ ތަހުގީގު ހިމެނޭގޮތުން، އޭސީސީން ހިންގާ ޖިނާއީ ތަހުގީގުތައް ލަސްވެ، ކޮރަޕްޝަނާއި ހިޔާނާތުގެ މައްސަލަތަކުގައި ދައުލަތަށް ގެއްލޭ ފައިސާ އަނބުރާ ހޯދުމުގައާއި، އެފަދަ މައްސަލަތަކުގައި ދައުލަތާއި އާންމު ރައްޔިތުންގެ މަސްލަހަތުތަކަށް އުނިކަން އަންނަމުންދާކަން ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އެ ސަބަބަށްޓަކައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ޅ) އާއި، އެ މާއްދާގެ (ފ) ގެ ދަށުން ޕްރޮސިކިއުޓާ ޖެނެރަލްއަށް ލިބިދޭ ބާރުގެ ދަށުން، އޭސީސީއިން ތަހުގީގުކުރަމުންދާ އެންމެހައި ޖިނާއީ މައްސަލަތައް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމުގައި އަމަލުކުރާނެ ގޮތުގެ އިރުޝާދެއް އެކުލަވާލައްވައި، އެ އިރުޝާދަށް މިއަދުން ފެށިގެން އަމަލުކުރުމަށް، އޭސީސީގެ މައްޗަށް އަމުރުކުރައްވައިފި ކަމަށް ޕީޖީ އޮފީހުން ނެރުނު ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

ޕީޖީ އޮފީހުން ވިދާޅުވީ ޕްރޮސިކިއުޓާ ޖެނެރަލްގެ އަމުރުގައި، އޭސީސީން ތަހުގީގުކުރަމުންދާ އެމްއެމްޕީއާރްސީގެ މައްސަލައާއި، ކޮވިޑް-19 އާ ގުޅިގެން ދައުލަތުގެ މުދަލާއި ފައިސާ ނަހަމަގޮތުގައި ބޭނުންކުރުމުގެ މައްސަލައާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމްއާ ގުޅުންހުރި މައްސަލަތައް ފަދަ ދައުލަތުގެ މާލިއްޔަތާއި ޢާންމު ފަރުދުންގެ މަސްލަހަތާ ގުޅުންހުރި ހިޔާނާތުގެ ބޮޑެތި މައްސަލަތަކުގެ ތަހުގީގުތަކަށް ހާއްސަ ސަމާލުކަމެއްދީގެން އަވަހަށް ހިންގައި، ދެއްވާފައިވާ އިރުޝާދާ އެއްގޮތަށް އެ އޮފީހަށް ހުށަހެޅުމަށްވާ ކަމަށެވެ.

އޭސީސީގެ މައްސަލަތައް އަވަސްކޮށް، ހަރުދަނާކުރުމަށްޓަކައި ޕްރޮސިކިއުޓާ ޖެނެރަލް ނެރުއްވާފައިވާ އިރުޝާދަކީ އެ ކޮމިޝަނުން ތަހުގީގުކުރަމުންދާ ހުރިހާ މައްސަލަތައް އެ އޮފީހަށް ހުށަހެޅުމުގައި، މިއަދު ދުވަހުން ފެށިގެން އަމަލުކުރަންޖެހޭނެ އިރުޝާދެއް ކަމަށް ޕީޖީ އޮފީހުން ވިދާޅުވެއެވެ.

މީގެ އިތުރުން ޕީޖީ އޮފީހުން ވިދާޅުވީ އެ އިރުޝާދުގެ ބޭނުމަކީ، އެ ކޮމިޝަނުން ތަހުގީގުކުރާ މައްސަލަތަކުގެ ތަހުގީގު އަވަސްކުރުމުގެ އިތުރުން، ތަހުގީގުތަކުގެ މަރުހަލާތައް ކުރިއަށްގެންދާނެ ސިސްޓަމިކް ގޮތްތަކެއް ކަނޑައެޅުމާއި، ޖިނާއީ މައްސަލަތައް ބަލާ އެކިއެކި އިދާރާތަކުން ހިންގާ ތަހުގީގުތަކުގެ ޔުނީފޯމިޓީ ކަށަވަރުކުރުމާއި، ތަހުގީގުގެ ކުރީ މަރުހަލާއިން ފެށިގެން އެ އޮފީހުގެ ލަފާ ހޯދަން އިތުރަށް ފަސޭހަކޮށް، އެކަމާގުޅޭ އިންތިޒާމުތައް ހަމަޖެއްސުން ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް