ގަލްފް އޮފް މެކްސިކޯގެ ނަން ”ގަލްފް އޮފް އެމެރިކާ“އަށް ބަދަލުކޮށްފި 

Loading

January 25, 2025
profile
Facebook
Twitter
WhatsApp

ރައީސް ޓްރަމްޕް ސަރުކާރުގެ ފުރަތަމަ ދުވަހުގެ ޚާއްސަ ޕްރޮގްރާމް ތަކުގެ ތެރޭގައި ގަލްފް އޮފް މެކްސިކޯގެ ނަން ”ގަލްފް އޮފް އެމެރިކާ“އަށް ބަދަލުކުރުމާއި އަލަސްކާގެ އެންމެ އުސްފަރުބަދައިގެ ކުރީގެ ނަން ޑެނާލީ އަކީ މީގެފަހުން ”މައުންޓް މެކްކިންލީ“ ކަމުގައި ރަސްމީގޮތުން ކަނޑަ އަޅުއްވަފިކަން އެމެރިކާގެ ދާޚިލީ ކަންތަކާބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. 

                

ރައީސް ޓްރަމްޕް އަށް ލިބިވަޑައިގެންފައިވާ ބާރުގައި އެމެރިކާގެ ޖިއޯލޮޖިކަލް ސާރވޭއިން ގަލްފް އޮފް މެކްސިކޯގެ ނަން ގަލްފް އޮފް އެމެރިކާއަށް ބަދަލުކުރަން އެންގެވިދާނެއެވެ. އެހެންނަމަވެސް ދުނިޔެއިން އެ ނަން ބަލައިގަންނާނެކަމަކަށް ނުބެލެވެއެވެ. މި މައްސަލާގައި މެކްސިކޯއިން ބުނެފައިވަނީ “ ގަލްފް އޮފް މެކްސިކޯ “ މި ނަމަކީ  ކަނޑުދަތުރު ކުރުމުގައި އިއްޔެއަކު މިއަދަކު ބޭނުން ކުރެވެމުންދާ ނަމެއް ނޫނެވެ. އެތައް ހާސް އަހަރެއް ވެފައިވާ ނަމެކެވެ.

   FILE PHOTO: View of the shore of the Gulf of Mexico in Boca del Rio

އަލަސްކާގެ ޑެނާލީއަކީ އެ ސްޓޭޓުގެ އަސްލު ވަޒަންވެރިން އެދުމުގެ މަތިން ދީފައިވާ ނަމެއް ކަމުގައި ބުނެވެއެވެ. އެ ސްޓޭޓުގެ އަސްލު ވަޒަންވެރިންގެ މާދަރީ ބަސްކަމުގައިވާ ކޯޔޫކޮން އިން ޑެނާލީގެ މާނައަކީ “ އެންމެ އުސް “ އެވެ. އޭގެކުރިން  އެތަނަށް ނަން ދެވިފައިވަނީ 1897 ން 1901 ށް އެމެރިކާގެ ރައީސް ކަންކުރެއްވި ވިލިއަމް މެކްކިންލީގެ ނަންފުޅަށް ނިސްބަތްކޮށްފައި ކަމަށް ބުނެވެއެވެ.                                                      

ރައީސް ޓްރަމްޕް ރިޔާސީ ހުވާކުރުމަށްފަހު ދެއްކެވި ވާހަކަފުޅުގައި ރައީސް މެކްކިންލީގެ ރިޔާސަތުގައި ކަސްޓަމްސް ޑިއުޓީ ފަދަ ނިޒާމްތައް ތަޢާރުފްކޮށްގެން އެމެރިކާ މުއްސަނދި ކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅުއްވާފައިވާކަމަށް ވިދާޅުވެ ތައުރީފް ކުރެއްވިއެވެ.                     

އެމެރިކާ ސަރުކާރުން ބުނެފައިވަނީ މި ނަންތައް ބަދަލުކުރުމަކީ އެ ގައުމުގެ ސަގާފަތާއި ތަރިކަ ރައްކާތެރިކުރުމަށް އެޅުނު ފިޔަވަޅެއް ކަމަށެވެ.                                 

ގަލްފް އޮފް މެކްސިކޯގެ ނަން އެމެރިކާގެ ސަގާފަތާއި ތަރިކަ ރައްކާތެރި ކުރުމުގެ ބޭނުމުގައި ގަލްފް އޮފް އެމެރިކާއަށް ބަދަލުކުރުމާ ބެހޭގޮތުން މަލާމާތް ކުރައްވަމުން މެކްސިކޯގެ ރައީސް ކްލޯޑިއާ ޝެއިންބައުން ވިދާޅުވެފައިވަނީ “ އަންޒަމާނުގެ ޗާޓުގައި “ ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާވެސް ހިމެނޭ ގޮތުގައި އުތުރު އެމެރިކާގެ ނަމަކީ މެކްސިކަން އެމެރިކާއެވެ. އެހެންވީމާ ޔޫނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ ނަން މެކްސިކަން އެމެރިކާއަށް ބަދަލުކުރުން ތަރިކައާއި ސަގާފަތަށްޓަކައި މާ ރަނގަޅުވާނެއެވެ.                                      

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް