ހަމާސް ޖަމާއަތުން ހިފަހައްޓާފައި ތިބި އިޒްރޭލްގެ ހޮސްޓެޖުންގެ ތެރެއިން ހަތަރު އަންހެންސިފައިން ހޮނިހިރު ދުވަހު މިނިވަންކޮށްފިއެވެ.ހިފެހެއްޓުނުތާ 15މަސް ދުވަސް ފަހުން ހޮސްޓެޖުން ދޫކުރުމުން އެމީހުންނާއި ހަވާލުވެފައިވަނީ ރެޑްކްރޮސްގެ އޮފިޝަލުންނެވެ.
އިޒްރޭލްގެ ހަތަރު އަންހެން ސިފައިން ދޫކޮށްލުމުގެ ބަދަލުގައި އިޒްރޭލުންވެސް ވަނީ އިޒްރޭލް ޖަލުތަކުގައި ތިބި ފަލަސްތީނުގެ ގައިދީންގެ ތެރެއިން 200 މީހުން ދޫކުރާނެ ކަމަށް ވައުދު ވެފައެވެ. އަދި އެކަން ވަނީ ފަށާފައެވެ.
އެކަމަށް ޚާއްސަކުރެވިފައިވާ ބޮޑު އެރީރާއަކަށް 4 ހޮސްޓެޖުން އެސްކޯޓްގައި ގެންދެވުނުއިރު އެތަނަށްވަނީ ވަރަށް ގިނަ އަދަދެއްގެ މީހުން އެއްވެފައެވެ.ހަމާސްގެ ވެހިކަލްތަކުން ފައިބާ ރެޑްކްރޮސްގެ ވެހިކަލްއަށް އެރުމުގެ ކުރިން ހޮސްޓެޖުންވަނީ އެއްވެފައިވާ މީހުންނާދިމާލަށް ސަލާމުގެ އަތްހޫރާ ހަދާފައެވެ.
މިއަދު ދޫކުރެވުނު ހަތަރު އަންހެން ސިފައިންނަކީވެސް 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7ވަނަ ދުވަހު ހަމާސްޖަމާއަތުން ހިފެހެއްޓި 250އެއްހާ ހޮސްޓެޖުންގެ ތެރޭގައި ހިމެނުނު ހަތަރު މީހުންނެވެ.އިޒްރޭލްގެ ސަރަހައްދަށް ގެންދެވުމާއިއެކު އެމީހުން ވަނީ އާއިލާތަކާ ބައްދަލު ކުރުވާފައެވެ.އަދި އޭގެ ފަހުގައި މެޑިކަލް ޗެކްއަޕް ހެދުމަށްޓަކާ ހޮސްޕިޓަލް އަށް ގެންދެވޭނެކަމަށް އިސްރާއިލުގެ އަސްކަރިއްޔާއިން ބުނެފައި ވެއެވެ.
ހަތަރު އަންހެން ސިފައިން މިނިވަން ވުމާއިއެކު ފަލަސްތީންގެ ރަހީނުން އަރުވައިގެން ބަސްތައް ދަތުރު ފެށިކަމަށްވެސް ޚަބަރުތައް ބުނެއެވެ.
މިޖެނުއަރީ މަހުގެ 19ވަނަ ދުވަހުވެސް ހަމާސްޖަމާއަތުން ވަނީ އިޒްރޭލްގެ ހަތަރު އަންހެން ހޮސްޓެޖުން މިނިވަން ކޮށްފައެވެ. މިކަމުގެ ބަދަލުގައި އިޒްރޭލުންވަނީ ފަލަސްންގެ 90 ގައިދީން މިނިވަން ކޮށްފައެވެ.