ކޮންމެ އަތޮޅެއްގައި ޕަބްލިކް ވަރކްސް ޚިދުމަތް ދޭނެ ޔުނިޓެއް ގާއިމުކުރަނީ

Loading

January 23, 2025
sandhaanu news
Facebook
Twitter
WhatsApp

މި ހިނގާ 2025 ވަނަ އަހަރުގެ ތެރޭގައި ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ޕަބްލިކް ވަރކްސް ޔުނިޓެއް ގާއިމުކުރައްވާނެ ކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

ރައީސް އެ ޔަޤީންކަން ދެއްވާފައި ވަނީ މާޅޮސްމަޑުލު އުތުރުބުރިއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު މާކުރަތަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް މުޢިއްޒު ވިދާޅުވީ ރ.އަތޮޅުގައި ޕަބްލިކް ވަރކްސް ޚިދުމަތް ދޭ މަރުކަޒު ގާއިމުވެގެންދާނީ ރ. މާކުރަތުގައިކަމަށެވެ.

ރައީސް ވަނީ ތަރައްޤީއަށް ހިންގާ ގިނަ މަޝްރޫޢުތަކެއްގެ ދުރު ރާސްތާއަށް ބަލާއިރު އެފަދަ ތަންތަން ބެލެހެއްޓުމަށްޓަކައި ޕަބްލިކް ވަރކްސް ޚިދުމަތަކީ އިންތިހާއަށް މުހިންމު ކަމެއްކަން ފާހަގަކުރައްވާފައެވެ. އަދި މިއީ އެއްވެސް ޙާލެއްގައި ބޭކާރުވެގެންދާ ޚަރަދެއް ނޫން ކަމަށާއި ދުރު ރާސްތާއަށް ބަލާއިރު، ޢުމްރާނީ ގޮތުން ރަށްރަށަށް ގެނެވޭ ތަރައްޤީ ބެލެހެއްޓުމަށް ޕަބްލިކް ވަރކްސް ޔުނިޓެއް ހުރުމަކީ، އެތައް ޚަރަދެއް ސަލާމަތް ކުރެވޭނެ ކަމެއް ކަމުގައި ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ޕަބްލިކް ވަރކްސް ޚިދުމަތް ދިނުމަށްޓަކައި އެންމެ މަދުވެގެން، އެއް ޔުނިޓް ގާއިމުކުރެއްވުމުގެ އިތުރުން، ރާއްޖޭގެ އުތުރު އަދި ދެކުނުގެ ސަރަޙައްދު ހިމެނޭ ގޮތަށް، ހުރިހާ ވަސީލަތަކާއެކު އެއްތަނުން އަނެއް ތަނަށް އުފުލައި، ބަދަލު ކުރެވޭ މޯބައިލް ޕަބްލިކް ވަރކްސް ޔުނިޓްގެ 2 ޔުނިޓް އުފައްދަވާނެ ކަމަށްވެސް ރައީސް ވަނީ އިޢުލާންކުރައްވާފައެވެ. މި މަސައްކަތްތަކަކީ މި ހިނގާ 2025 ވަނަ އަހަރުގެ ބަޖެޓުން ޚަރަދު ކުރައްވައިގެން ކުރިއަށް ގެންދަވާނެ މަސައްކަތްތަކެއް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

Loading

One Response

  1. އަނެއް ކަންތައް. އަނެއް ޚަރަދު ބޮނޑި. ދެން ކީއްކުރާ ކައުންސިލް ތަނެއްތޯ އެވެ.؟

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް