ރ.ހުޅުދުއްފާރުގައި ޤާއިމްކުރާ ދަނާލުގެ ޢަމަލީ މަސައްކަތްތައްވެސް މި ދެ އަހަރު ދުވަހުގެ ތެރޭގައި ހިންގަވައިދެއްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ދެއްވައިފިއެވެ.
ރައީސް މުޢިއްޒު އެ ޔަޤީންކަން ދެއްވީ ރ.އަތޮޅަށް އެ މަނިކުފާނު މިހާރު ކުރައްވަމުން އަންނަ ދަތުރުފުޅުގައި މިއަދު ހެނދުނު އެ އަތޮޅު ހުޅުދުއްފާރަށް ވަޑައިގެން ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވަނީ ވެ ވަޑައިގެންފައިވާ އެއްވެސް ވަޢުދުފުޅެއް ހަނދުމަނެތި ނުދާ ކަމަށް ވިދާޅުވެ ރ. ހުޅުދުއްފާރުގެ ތަރައްޤީއަށްޓަކައި އަދުގެ ސަރުކާރު ކުރައްވަމުން ގެންދަވާ، އަދި ދައުރުގެ ތެރޭގައި ކޮށްދެއްވާނެ އިތުރު ކަންކަމަށްވެސް އަލިއަޅުވާލައްވާފައެވެ.
އެގޮތުން ރ. ހުޅުދުއްފާރަކީ ބޭރުގެ އެކި ރަށްރަށުން ގިނަ ޢަދަދެއްގެ ދަރިވަރުން އެ ރަށަށް ހިޖުރަކޮށްފައިވާ ރަށެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ދަރިވަރުންނަށް ވީހާވެސް ލުއި ފަސޭހަ ވާނެ ފަދައިން، ދަނާލުގެ ޢަމަލީ މަސައްކަތްތައްވެސް މި 2 އަހަރު ދުވަހުގެ ތެރޭގައި ހިންގަވައިދެއްވާނެ ކަމަށެވެ.
ހަރުދަނާ ގޮތެއްގައި، ފެންވަރު ރަނގަޅު، ހިތްހަމަޖެހޭ މާޙައުލެއްގައި ކިޔަވައިދެވޭނެ ގޮތް މަގުފަހިކޮށްދިނުމަކީ އެންމެ ރަނގަޅު ނަތީޖާއާއި ޙަޤީޤީ އުފާވެރިކަން ލިއްބައިދޭނެ ކަމެއް ކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ. އެހެންކަމުން ސްކޫލުތަކާއި ތަޢުލީމީ ދާއިރާއަށް ބޭނުންވާ ޢުމްރާނީ ތަރައްޤީއާއި އެހެނިހެން ކަންކަމަށް ވަރަށް ބޮޑު އިސްކަމެއް، މި އަހަރާއި އަދި ކުރިއަށް އޮތް 2026 ވަނަ އަހަރު ދެއްވަމުން ގެންދަވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.