ސެޕްޓެމްބަރު މަސް ފެށެންވާއިރަށް ހުރިހާ ކްލާސްރޫމުތަކެއްގައި އޭސީ ހަރުކޮށް ނިންމުމަކީ އަމާޒެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ ރ.އަތޮޅަށް އެ މަނިކުފާނު މިހާރު ކުރައްވަމުން އަންނަ ދަތުރުފުޅުގައި މިއަދު ހެނދުނު އެ އަތޮޅު ހުޅުދުއްފާރަށް ވަޑައިގެން ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން ރައީސް ވިދާޅުވީ މި އަހަރުގެ ބާކީ އޮތް މަސްތަކުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ހުރިހާ ކްލާސް ރޫމްތަކެއް އިއާދަކުރަނިވި ހަކަތައިގެ ބޭނުންކޮށް އޭސީކޮށްދީ، ފިނިކޮށްދޭނެ ކަމަށެވެ. އަދި އޭސީ ހަރުކުރުމާއި އެ ތަކެއްޗަށް ބޭނުންވާ ހަކަތަ، ފޯރުކޮށްދޭނީ އިއާދަކުރަނިވި ހަކަތައިގެ ތެރެއިން ސޯލާ ޕަވަ ބޭނުންކޮށްގެން ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
ހަމައެހެންމެ އެ މަޝްރޫއުގެ މަސައްކަތްތައް ރަނގަޅު ހިސާބަކަށް ގެންދެވިފައިވާކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ކޫލް ސްކޫލް މަޝްރޫއުގެ ދަށުން ފުރަތަމަ އިސްކަންދޭނީ ހުރިހާ ސްކޫލުތަކެއްގެ ކްލާސްރޫމްތައް ފިނިކުރަން އޭސީ ހަރުކުރަން ކަމަށާއި އެއަށްފަހު ސްކޫލުގެ އިދާރީ މަސައްކަތްތައް ހިނގާ ތަންތަނުގައި ވެސް އޭސީ ހަރުކުރާނެ ކަމަށެވެ.