ރާއްޖޭގައި ރޫހާނީ ފަރުވާގެ ހިދުމަތްތަކެއްދޭ ކަމަށް އިސްތިހާރުކުރި ފާދީރީއެއްގެ މައްސަލަ ފެންމަތިވެ އެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން މިއަދު ބުނީ ”މާސްޓަ ދުރްގާ ރާއޯ ގުރުޖީ“ ނަމަކަށް ކިޔާ މީހަކު ރާއްޖޭގައި ރޫހާނީ ފަރުވާގެ ހިދުމަތްތަކެއްދޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އިޝްތިހާރު ކުރަމުންދާ މައްސަލައެއް ފުލުހުންގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށާއި އެ މައްސަލައާ ގުޅިގެން، ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ކުރަން ޖެހޭ މަސައްކަތްތައް ކަމާބެހޭ އިދާރާތަކާ ގުޅިގެން ފުލުހުން ކުރަމުންދާ ކަމަށެވެ.
ހަމައެހެންމެ ދިވެހިންގެ ސަގާފަތާއި ދީނާ ހިލާފު މިފަދަ ކަންކަމުގެ މައުލޫމާތު އެކަކު އަނެއްކަކާ ހިއްސާކުރުމުގެ ބަދަލުގައި ވީ އެންމެ އަވަހަކަށް ކަމާ ބެހޭ އިދާރާތަކުގެ ސަމާލުކަމަށް ގެނެސް ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަކީ މުހިންމު ކަމެއް ކަމަށާއި މިފަދަ އިޝްތިހާރެއް ފެނިފައިވާނަމަ ލަސްނުކޮށް ފުލުހުންނަށް ރިޕޯޓުކުރުމަށް ފުލުހުން އެދިފައި ވެއެވެ.
”މާސްޓަ ދުރްގާ ރާއޯ ގުރުޖީ“ ކިޔާ ފޭސްބުކް ޕޭޖެއްގައި ޖަހާފައިވާ އިޝްތިހާރުގައި ބުނާ ގޮތުން ފާލު ބެލުމާއި ސިހުރު ރަނގަޅު ކުރުމަށް އަތް ބަލައި އަތާއި މޫނު ބަލައިގެން އަދި ހޮރޮސްކޯޕް މެދުވެރިކޮށް ދިމާވެފައިވާ ހުރިހާ މައްސަލައަކަށް އޭނާ ހައްލު ހޯދައިދެއެވެ.