އެމެރިކާގެ 47 ވަނަ ރައީސް ކަމުގެ ހުވާ،ޑޮނަލްޑް ޓްރަމްޕް ކުރައްވައިފި

Loading

Facebook
Twitter
WhatsApp

އެމެރިކާގެ 47 ވަނަ ރައީސް ކަމުގެ ހުވާ،ޑޮނަލްޑް ޓްރަމްޕް ކުރައްވައިފިއެވެ.ހުވާކުރެއްވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ(ރާއްޖޭ ގަޑިން ރޭގެ 10 ޖެހިއިރު) އެތާ ގަޑިން މެންދުރު 12ޖެހިއިރު އެވެ.


ކުރީގެ އާދަކާދަޔާއި ޚިލާފަށް ރަސްމިއްޔާތު ބާއްވާފައިވަނީ ކެޕިޓަލްގެ ރޮޓަންޑާ ބިލްޑިންގ ގެ އެތެރޭގައެވެ. އިމާރާތެއްގެ ތެރޭގައި ރަސްމިއްޔާތު ބާއްވަން ނިންމާފައިވަނީ ހާމަ ތަނުގައި ބާއްވަން މޫސުން ތަން ނުދިނުމުގެ ސަބަބުންނެވެ.
ހުވާކުރެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި ޑޮނަލްޑް ޓްރަމްޕް ވަނީ އިއްޔެއިންފެށިގެން އެމެރިކާއަށް މިއައީ އައު ރަންޒަމާނެއް ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން ސަރުކާރުން ގެންގުޅޭނެ ގިނަ އައު ސިޔާސަތުތަކެއް ވަނީ އިއުލާނު ކުރައްވާފައެވެ. މީގެ ތެރޭގައި މެކްސިކޯ ކަނޑު ”އެމެރިކާގެ ކަނޑު“ ގެ ނަމަށް ބަދަލުކުރައްވާނެ ކަމަށާއި ޕަނަމާ ކެނޭލް ޗައިނާގެ ކިބައިން އަނބުރާ ހޯއްދަވާނެ ކަމަށް ވިދާޅުވިއެވެ.
ޓްރަމްޕް ވިދާޅުވީ ކޮންމެ ކަމެއްގައިވެސް އެންމެ އިސްކަން ދެއްވާނީ އެމެރިކާއަށް ކަމަށެވެ.އިންސާފުގެ ނިޒާމް އިސްލާހުކޮށް އަލުން ހަމަހަމަ ކުރައްވާނެކަމަށާ އެމެރިކާ އަށްދެން ފަހަތަށް ދިއުމެއް ނޯންނާނެކަމަށް ވިދާޅުވިއެވެ.
ޓްރަމްޕް ގެ ތަގްރީރުގައި އިއުލާން ކުރެއްވި ޚާއްސަ ފިޔަވަޅުތަކުގެ ތެރޭގައި މެކްސިކޯ އާއި އެމެރިކާ ގުޅޭ ސަރަހައްދީރޮގު ހުރަސްކޮށް މީހުން އެމެރިކާއަށް ހިޖްރަކުރުން ހުއްޓުވުމަށްޓަކާ އެސަރަހައްދުގައި ގައުމީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެމެރިކާއަށް ޤާނޫނުގެ ވެރިކަން އަނބުރާ ގެންނަވާނެ ކަމަށާއި ހަމުގެ ކުލައަށް ބަލާ ތަފާތު ކުރުމެއްނެތި މީހާގެ ހުރި ކުޅަދާނަކަން ނުވަތަ ”މެރިޓަށް“ ބަލައިގެން ބިނާކުރާ މުޖުތަމަޢުއެއް ގާއިމް ކުރައްވާނެ ކަމަށެވެ. ޓްރަމްޕް އިތުރަށް ވިދާޅުވީ އެމެރިކާސަރުކާރުން ރަސްމީކޮށް ދެން ގަބޫލު ކުރާނެގޮތުގައި އިންސާނުންގެ ތެރޭގައި ތިބޭނީ ހަމައެކަނި ދެ ޖިންސް ގެ މީހުންކަމަށާ އެއީ ފިރިހެނުންނާ އަދި އަންހެނުން ކަމަށެވެ.
އެމެރިކާގެ އަސްކަރީ ބާރުވެރިކަމާއި އަދި ދުނިޔޭގައި ހިންގަމުންދާ ހަނގުރާމަތަކަށް ބައްލަވާލައްވަމުން ޓްރަމްޕް ވިދާޅުވީ އޭނާ ދޫކުރައްވާނެ ލެގަސީ އަކަށްވާނީ ސުލްހަވެރިކަން ގާއިމް ކުރައްވާ އަދި އެއްބައިވަންތަކަން ގާއިމް ކުރައްވާ ވެރިއެއްގެ ގޮތުން ދޫކުރައްވާ ލެގަސީ ކަމުގައެވެ.
2020ވަނަ އަހަރު ގެ ރިޔާސީ އިންތިހާބުން ބަލިވެވަޑައިގެންނެވުމަށްފަހު ދެން އައި ދުވަސްތަކަށް ބައްލަވާލައްވަމުން ޓްރަމްޕް ވިދާޅުވީ ގައުމު އަލުން ހޯދުމަށް ކުރެއްވި ދަތުރަކީ މާފަސޭހަ ދަތުރެއް ނޫން ކަމުގައެވެ.އޭނާ އަވަހާރަ ކޮށްލުމަށް ދެވުނު ހަމަލާ އާއި ބެހޭ ގޮތުން ވިދާޅުވީ އެހަމަލާއިން ކަނލާގެ އޭނާ ސަލާމަތް ކުރެއްވީ އެމެރިކާ އަކީ އިއްޒަތް ލިބިގެންވާ ގައުމަކަށް ހެއްދެވުމުގެ ފުރުސަތު އޭނާއަށް ދެއްވަމުން ކަމުގައެވެ.
ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ފަހު ޑޮނަލްޑް ޓްރަމްޕް ވަނީ ވަރަށް ގިނަ އަދަދެއްގެ އެގްޒެކެޓިވް އޯޑަރ ނުވަތަ އައު ސަރުކާރުން އަޅާނެ ފިޔަވަޅުތައް ހުއްދަކުރާ އަމުރު ގައި ސޮއި ކުރައްވާފައެވެ.
ހުވާހުރެއްވުމަށްފަހު އެންމެ އަވަހަށް ކުރެއްވި އެއްކަމެއްގެ ގޮތުގައި 2021ވަނަ އަހަރުގެ ޖެނުއަރީ 6ވަނަ ދުވަހު ހިންގި ކެޕިޓަލް ރަޔަޓް ގައި ބައިވެރިވެގެން ޖަލަށްލާފައިވާ 1600މީހުން މައާފް ދެއްވުން ހިމެނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް