ސަޢުދީ ޢަރަބިއްޔާއިން ރާއްޖޭގެ ރައްޔިތުންނަށް ހަދިޔާކުރި ކަދުރު ބެހުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ފަށައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ކަދުރު ބަލައި ހާޟިރުވާ ތަރުތީބުން، ކޮންމެ ގޭބިސީއަކަށް 1 ޕެކެޓު ކަދުރު ދޭ ގޮތަށް ހަމަޖެހިފައިވާއިރު، ގޭބިސީތަކަށް ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ އެ ގޭބިސީއެއްގެ ކަރަންޓު މީޓަރުގެ ނަންބަރަށް ބަލައި އަދި ކަދުރާ ހަވާލުވާ ބޭފުޅެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑަށް ބެލުމަށްފަހު ކަމަށެވެ.
މާލެއާއި ހުޅުމާލެއާއި ވިލިމާލެއަށް ކަދުރު ބަހާނީ އެ މިނިސްޓްރީގައި ކަމަށާއި މާލެ ސަރަހައްދުގައި ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ 20 ޖަނަވަރީ 2025 ވަނަ ދުވަހުން ފެށިގެން 06 ފެބްރުއަރީ 2025 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު ހެނދުނު 09:30 އިން މެންދުރުފަހު 13:00 އަށް ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.
ރަށްރަށުގައި ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތައް މެދުވެރިކޮށެވެ.
މީގެ އިތުރުން ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ތެރެއިން ރަމަޟާން މަހުގެ އިފްތާރު ޕްރޮގުރާމަށް ނުވަތަ ރޯދަވީއްލުމުގެ އިންތިޒާމް ހަމަޖައްސައިދޭ ޖަމްޢިއްޔާ ޖަމާޢަތްތަކަށްވެސް ކަދުރު ދޭ ގޮތަށް މިފަހަރު ހަމޖައްސާފައިވާއިރު، އެކަމަށް ޝައުޤުވެރިވާ ޖަމްޢިއްޔާ ޖަމާޢަތްތަކުން ވުޒާރާގައި ނަންނޯޓު ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.
ކޮންމެ އަހަރަކުވެސް ރަމަޟާން މަހާ ދިމާކޮށް ސަޢުދީ ސަރުކާރުން އަންނަނީ ރާއްޖެއަށް ކަދުރު ހަދިޔާކުރަމުންނެވެ. މި އަހަރު ސަޢުދީ ޢަރަބިއްޔާއިން ވަނީ ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާކޮށްފައިވެއެވެ. ކަދުރުތައް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއާ ޙަވާލުކޮށްފައިވަނީ ޖަނަވަރީ މަހުގެ 16 ވަނަ ދުވަހުއެވެ. ވުޒާރާގެ ފަރާތުން ރަސްމީކޮށް ކަދުރާއި ހަވާލުވެލެއްވީ އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފްއެވެ.