އެމެރިކާގެ ތާރީޚުގައި ކެލިފޯރނިޔާ ސަރަހައްދަށް ކުރިމަތިވެފައިވާ އެންމެ ނުރައްކާތެރި އަދި ގެއްލުން ލިބެމުންދާ އަލިފާން ފެތުރުމުގެ ކާރިސާގައި އަލިފާން ނިއްވާލަން ކުރަމުން ގެންދާ މަސައްކަތުގައި ފާހަގަކުރެވޭފަދަ ކާމިޔާބީއެއް ލިބެމުންނުދާތީ އެ ކަމުގައި ބައިނަލް އަގްވާމީ އެހީއަށް އެމެރިކާއިން އެދިފައިވާކަމަށް މީޑިއާތަކުން ހާމަކޮށްފިއެވެ.
އެމެރިކާގެ މި އެދުމަށް ޖަވާބު ދިން ފަރާތް ތަކުގެ ތެރޭގައި އެންމެ ބޮޑަށް ފާހަގަކުރެވިފައިވަނީ އީރާނުގެ ރެޑް ކްރެސްންޓުން އެމެރިކާގެ ރެޑް ކްރޮސް އަށް ފޮނުވާފައިވާ މެސެޖެވެ. އެ މެސެޖްގައި އީރާނުގެ ރެޑް ކްރެސެންޓްގެ ކޮމާންޑަރ ވިދާޅު ވެފައި ވެއެވެ. “ އެމެރިކާއަށާއި އެމެރިކާގެ ރައްޔިތުންނަށް މެދުވެރިވެފައިވާ އަލިފާނުގެ ނުރައްކާތެރި ކާރިސާގައި އީރާނުގެ އަލިފާން ނިއްވާ ޓީމުތަކުގެ ތަޖްރިބާ ހިއްސާ ކުރުމުގެ ފުރުސަތަކަށް މި އެދެނީ އެމެރިކާގެ ރައްޔިތުންނާ ދޭތެރޭ އީރާނުން ގެންގުޅޭ ހިތް ހެޔޮ ކަމާއި އިންސާނިއްޔަތުގެ ނަމުގައެވެ. ހިތާމައިގެ ވަގުތުގައި ނަފުރަތާއި ރުޅިވެރިކަން އެއްފަރާތްކޮށް އެއްބަޔަކު އަނެއްބަޔަކަށް އަޅާލުމާއި އެއްބައިވަންތަކަން ހިއްސާކުރަންޖެހޭނެއެވެ. އީރާން ރެޑް ކްރެސެންޓުގެ މި އެދުމަށް ރަނގަޅު ޖަވާބެއް ލިބި އެމެރިކާގެ ރައްޔިތުންނާއި އެމީހުންގެ މުދާ ސަލާމަތް ކުރުމުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެކަމަށް އުންމީދު ކުރަމެވެ ”.
ހިންދުސްތާން ޓައިމްސް އިން މިއަދު ޚަބަރު ދީފައިވާ ގޮތުގައި އެމެރިކާގެ ދެކުނު ލޮސް އެންޖަލްސް ގައި އަނދަމުންދާ އަލިފާންގަނޑު ނިއްވާލުމަށް އެއްގަމުންނާއި ވައިގެ މަގުން ކުރެވެމުންދާ މަސައްކަތަށް ފާހަގަކުރެވޭފަދަ ކާމިޔާބީ އެއް ލިބެމުން ނުދިއުމާއެކު އެމެރިކާއިން މިހާރުވަނީ އަލިފާން ނިއްވާލުމަށް ނުކުޅެދި ބައިނަލް އަގްވާމީއެހީއަށްވެސް އެދިފައެވެ.
އެމެރިކާގެ ރަސްމީ ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި މިހާތަނަށް 24 މީހަކު އަލިފާނުގެ ހާދިސާގައި މަރުވެފައިވާކަން ވަނީ ކަށަވަރު ކުރެވިފައެވެ. އަދި އެތައްހާސް އިމާރާތެއް ވަނީ އަނދާއަޅިއަށްވެފައެވެ.
ދެކުނު ކެލިފޯރނިއާގައި ރޯވެ އަނދަމުންދާ އަލިފާންގަނޑު ނިއްވާލަން ނުކުޅެދިފައިވާއިރު ކުރިއަށް އޮތް ހަފުތާގެ މެދުތެރެއާހަމަޔަށް އަލިފާން ފެތުރުން އިތުރުވެގެން ހިނގައިދާނެކަމުގެ އިންޒާރު މިހާރު ވަނީ އިއުލާން ކޮށްފައެވެ. އެ އިއުލާނުގައި ބުނެފައިފައިވާގޮތުން މިހާރު ތަޖުރިބާކުރަން ޖެހިފައިމިވާ ’ ހިކި ވައި ’ ގެ ސަބަބުން ކުރިއަށް އޮތް ދުވަސްތަކުގައި އަލިފާން ފެތުރުމުގެ ނުރައްކާތެރިކަން ބޮޑުވާނެއެވެ.
ކެލިފޯރނއާގެ ތާރީޚުގައި މިހާތަނަށް ތަޖުރިބާކުރަން ޖެހިފައިވާ މި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި މިހާތަނަށް 23000 އޭކަރގެ ބިމާއި އެ ބިމުގައިވާ އިމާރާތްތަކާއި ވިޔަފާރީގެ މަރުކަޒުތަކާއި ތާރީޚީ އެތައް ތަނެއް ވަނީ އަނދާ އަޅިއަށްވެފައެވެ. އަލިފާނުގެ ހާދިސާއާއި ބެހޭ އެންމެ ފަހުގެ ޚަބަރުތަކަށް ބަލާއިރު
ޕެލިސޭޑްސްގައި އަނދަމުންދާ އަލިފާންގަނޑު އުތުރަށާއި އިރުމައްޗަށް ފެތުރެމުންދާތީ އެންސިއޯ އާއި ބްރެންޓްވޫޑްގައި ދިރިއުޅޭ މީހުން އެ ސަރަހައްދު ހުސްކުރަން މިހާރުވަނީ އިންޒާރު ދީފައެވެ. ގިނަ އަދަދެއްގެ މުއްސަނދިން ދިރިއުޅެމުންގެންދާ މަޝްހޫރު ބާވެލީ ހިލް އަކީ ޕެލިސޭޑްސް އާއި 11 ވަރަކަށް މޭލުގައި އޮންނަ ޝަހަރެކެވެ.
ސަންޓާ އަނާ އާއި ދިމާލުން ޖެހެމުން އަންނަ ގަދަވައިގެ ސަބަބުން ލޮސް އެންޖަލްސް އާއި ވެންޓުރާ ކައުންޓީޒްގައި އިތުރަށް އަލިފާން ފެތުރެމުންދާކަމަށާއި އަލިފާން ނިއްވުމަށް ކުރެވެމުންދާ މަސައްކަތްތަކަށް ބޮޑެތި ހުރަސްތަކެއް ކުރިމަތި ވަމުންދާކަމަށް އޮފިޝަލުން ހާމަކޮށްފައި ވެއެވެ. އޮފިޝަލުން ހާމަކޮށްފައިވާ ގޮތުގައި އުތުރު އަދި އިރު އުތުރުން ގަޑިއަކު 35 މޭލާއި 55 މޭލާ ދެމެދުގެ ބާރުމިނުގައި ޖެހެމުންދާ ވައިގެ ސަބަބުންނާއި ވައިގާ ތެތްފިނިކަން ނެތުމުގެ ސަބަބުން އަލިފާނުގެ ބިރުވެރިކަން ބަނީ އިތުރުވެފައެވެ. އެ ސަރަހައްދުތަކުގައި މިހާރު ވަނީ ރަތް ދިދަ ނަގާފައެވެ.
މިހާތަނަށް ލިބިފައިވާ މައުލޫމާތުން އެނގިފައިވާ ގޮތުގައި މި ސަރަހައްދުން މިހާރު 12000 އިމާރާތް ވަނީ އަނދާ އަޅިއަށް ވެފައެވެ. އަދި އެ ސަރަހައްދުގެ ޖުމުލަ ބިމުން 40300 އޭކަރުގެ ވީރާނާވެފައެވެ.
އެ ސަރަހައްދުގައި ދިރިއުޅޭ އާބާދީގެ ތެރެއިން 105000 މީހުން ވަގުތުން އެ ސަރަހައްދުން ނިކުތުމަށް އަންގާފައިވާއިރު އިތުރު 87000 މީހުން ނިކުންނަން ޖެހިދާނެ ކަމަށް ވަނީ އިންޒާރު ދީފައެވެ. އެހެންނަމަވެސް ބައެއް ސަރަހައްދުތަކުން އަލިފާން ނިއްވުމުގެ މަސައްކަތް ކޮންމެވެސް މިންވަރަކަށް ކާމިޔާބު ކުރެވޭކަމަށް ވެސް އޮފިޝަލުން މައުލޫމާތު ދީފައިވެއެވެ.
ރަސްމީ އިދާރާތަކުން އާންމުކޮށްފައިވާ އެންމެ ފަހުގެ އަންދާޒާގައި އިގްތިސާދީގޮތުން ލިބިފައިވާ ގެއްލުން 250 ބިލިއަން އެމެރިކާ ޑޮލަރ ހުރަސްކޮށްފި ކަމަށާއި އަދި ކެލިފޯރނިއާ ސްޓޭޓްގެ ބިމުގެ ހަތަރުބައިކުޅައެއްބަޔަށް ( ގާތްގަނޑަކަށް 25 މިލިއަން އޭކަރ ގެ ބިން ) މިހާރު ވަނީ އަލިފާނުގެ އެންމެ ނުރައްކާތެރިކަން އިއުލާން ކޮށްފައެވެ.
އެމެރިކާގެ ކެލިފޯރނިޔާއަކީ ދުނިޔޭގައި އެންމެ ފާހަގަކުރެވޭ ޝަހަރު ކަމުގައި ބުނުމަކީ ހަގީގަތުން އެއްކިބާ ވުމެއް ނޫނެވެ. މުޅިދުނިޔެއަށް މަޝްހޫރު ހޮލީވުޑްގެ މައި މަރުކަޒަކީ އެއީއެވެ. ދުނިޔޭގެ އެންމެ އަގުބޮޑު ގެ ތައް ހުރީ އެ ޝަހަރުގައެވެ. ދުނިޔޭގެ އެންމެ ގިނަ މަހުޖަނުންނާއި މަޝްހޫރު ފިލްމްސްޓާރުން ދިރިއުޅެނީ އެތަނުގައެވެ. ދުނިޔޭގައި އެންމެ އަގުބޮޑު ޚަބަރުތައް އުފައްދަނީވެސް އެޝަހަރުގައެވެ. އެކަމަކު މިއަދުގެ ހާލަތުގައި އެ ޝަހަރަކީ ދުނިޔޭގެ އެންމެ ހިތާމަވެރި އެއް ކާރިސާ މެދުވެރިވަމުންދާ ޝަހަރުކަމަށް އޮތީ ވެފައެވެ. މުއްސަނދިންގެ މިލްކިއްޔާތުތައް އަނދާ އަޅިޔަށްވަމުންދާއިރު ސަލާމަތް ކުރުމަށްޓަކައި އެޅިދާނެ ކާމިޔާބު ފިޔަވަޅެއް އޮތްކަމަކަށް ނުވެއެވެ. މުއްސަނދިންނާއި އާންމު ރައްޔިތުންނަށް ލިބެމުންދާ ނަފްސާނީ އަދި މާއްދީ ގެއްލުންތަކަށް ލުޔެއް ލިބިދާނެ މަގެއް ފެންނާކަށް ނެތެވެ. ސްޓޭޓްފާރމް ފަދަ ބިޔަ އިންޝުއަރެންސް ކުންފުނިތަކުން ބަދަލު ދޭކަށް ބޭނުމެއް ނުވެއެވެ. ސިޔާސީ ބޭފުޅުން ގެންދަނީ އެއްބަޔަކު އަނެއް ބަޔަކުގެ ބޮލަށް ކަނޑާލަމުންނެވެ. އިންތިޚާބީ ރައީސް ޑޮނާލްޑް ޓްރަމްޕް ގެ ފާޑުކިއުމުގައި ކެލިފޯރނިޔާގައި އަލިފާންނިއްވާނެ ފެނާއި ފެންހޮޅިވެސް ނެތްކަމަށް ވިދާޅުވެފައިވެއެވެ. މިއީ އެމެރިކާގެ ހާލަތެވެ. ދިވެހިން ބުނެ އުޅޭ ފަދައިން ވަޅަށްވެއްޓުނު ގެރީގެ ސައްލާގައި ތިއްބާ ކެލިފޯރނިޔާ އަނދާ ހުލިވެގެންދަނީއެވެ.
2 Responses
اللهއަށް އުރެދިފައިވާ ކޮންމެބަޔަކަ ކުރިމަތި ވާނެ މުސީބާއް އެމެރިކާގެ ރައިޔަތުންނަ ކުރިމަތި ވަމުންއެދަނީ އެމީހުނަށް ހެޔޮވިސްނުން ދެއްވާށި އާމީން
ލޫތުގެފާނުގެ ގައުމަށް ވީގޮތް މިހާރު ދުނިޔޭގައި މިއުޅޭ މީހުންނަށް އެނގޭނެ ނަމައެވެ. މިހާރު ﷲއަށް އުރެދުމުގައި ހައްދެއް ނެތެވެ. މިފަދަ ކަންކަމުން ޢިބުރަތް ލިބި އިސްލާޙް ވަމާތޯއެވެ.