ކިތަންމެ ފައިސާއެއް އަތުގައި ހުއްޓަސް ދުނިޔެއާއި ވަކިވެދާންޖެހޭނީ ހުސްއަތާއެވެ.

Loading

Facebook
Twitter
WhatsApp
ފޮޓޯ:މި ނޫސް

ކޮންމެ ވެރިޔަކުވެސް އަދި ކިތަންމެ ބާރުގަދަ ސިޔާސީ މަގާމެއް ފުރުއްވާ ބޭފުޅަކަށް ވިޔަސް އަދި ކިތަންމެ ގިނަފައިސާއާއި މުދާ އަތުގައި ހުއްޓަސް ކޮންމެ ބޭފުޅަކުވެސް މި ދުނިޔެދޫކުރައްވާ ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނީ ހުސްއަތާއެވެ. މީ އަޅުގަނޑުގެ ހިތުގައި އުފެދޭ ސުވާލެކެވެ. މިދެންނެވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ކޮންމެ ބޭފުޅަކުވެސް މަގާމާއި ޙަވާލުވެ ވަޑައިގަންނަވަނީ ރައްޔިތުންގެ މުދަލާ ފައިސާ އަމާނާތްތެރި ކަމާއެކު ބަލަހައްޓައި ދިނުމަށާއި ރައްޔިތުންގެ ޙައްގުތަކާއި ވާޖިބުތައް އަދާކުރުމުގައި އިޚުލާސްތެރިވެ ތެދުވެރިކަންމަތީގައި ދެމިހުންނެވުމަށް ހުވާކުރެއްވުމަށްފަހުގައެވެ.



ކަން މިހެން ހުރި ނަމަވެސް މަގާމާއި ޙަވާލުވެ ވަޑައިގެން ރައްޔިތުންގެ މުދަލާފައިސާ އަތްމައްޗަށް އެރުމާއެކު ކުރެއްވި ހުވާގެ މަތިން ހަނދުފުޅު ނެތި ރައްޔިތުންގެ މުދަލާ ފައިސާއަށް ޚިޔާނާތެރިވެ ރައްޔިތުންގެ ޙައްގުތައް ފޭރެން އެފަށްޓަވާ ސަބަބަކީ ކޮބައިތޯއެވެ؟ ކޮންމެ މުސްލިމަކަށްވެސް ތިމާ މަރުވެދާނެކަމާއި ގިޔާމަތްދުވަސް އަންނާނެކަމާއި ތިމާއާއި ޙަވާލުކުރެވިފައިވާ ރައްޔިތުންގެ ވާޖިބުތަކާއި ޒިންމާތައް އަދާނުކޮށްފިނަމަ ގިޔާމަތްދުވަހު ތިމާއާއި ސުވާލު ކުރެވޭނޭކަން އެނގިވަޑައިގަންވާނެެއެވެ. ނަމަވެސް އިސްވެ މި ދެންނެވުނު އެެއްވެސް ބޭފުޅަކު މިއިން އެއްވެސްކަމެއްގެ މައްޗަށް ފަރުވާލެއް ނުބަހައްޓަވާ ރައްޔިތުންގެ މުދަލާފައިސާ ނަހަމަގޮތުގައި ބޭނުންކުރައްވަމުން ގެންދަވާ ބޭފުޅުންނެވެ. ސުވާލަކީ ޙައްގުން އެއްކިބާވެ އެގޮތަށް އެކަންކަން ކުރައްވަމުން އެގެންދަވަނީ ތިމާ ނަރަކައަށް ވަންނަންޖެހުނަސް އޯކޭވެގެންތޯއެވެ.
ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމެއް ކަމުން މިރާއްޖޭގެ ވެރިކަމަށް ޝަރުތުހަމަވަނީ ސުންނަތް ޖަމާޢަތުގެ އިސްލާމަކަށްވުމުންނެވެ. އެހެނަސް މިރާއްޖެއަށް އުފަންވެއްޖެނަމަ މުސްލިމް ނަމެއް ކިޔާފައިވާތީ އެއީ ސުންނަތް ޖަމާޢަތަށް ނިސްބަތްވާ މީހެއްކަމަށް ނިންމައި ހުރިހާފަރާތްތަކުން ވެސް އެއީ މުސްލިމެއް ކަމަށް ސިއްކަޖައްސަވަނީއެވެ. ދުވަހަކުވެސް ވެރިކަމަށް ކުރިމަތިލާއެއްވެސް ދިވެހި ރައްޔިތަކާއި ދައުލަތުގެކަމާއި ބެހޭ އެއްވެސް ފަރާތަކުން ސުވާލެއް ކޮށްފައެއް ނުވެއެވެ.
ވެރިކަމަށް އަރާ އެފަދަ ކޮންމެ ބޭފުޅަކުވެސް ވެރިކަން ނިންމާ ލައްވަނީ ރައްޔިތުންގެ ފައިސާކޮޅާއި މުދާކޮޅު ފެންފޮދަކާވެސް ނުލާ ދިރުވާލައިގެންނެވެ. ދިވެހި ޖުމްހޫރިއްޔާގެ ގާނޫއަސާސީގައި ދައުލަތުގެ ބާރުތަކަކީ ތިނެއް ކަމަށާއި އެއީ ވެރިކަމުގެ ބާރާއި ރައްޔިތުންގެ ބާރާއި ޢަދުލުއިންޞާފު ގާއިމް ކުރާ ބާރުކަމުގައި ލިޔެފައި އޮވެއެވެ. އަދި މިތިން ބާރު އެކުވިޔަނުދިނުމަށާއި އެއްބާރުން އަނެއްބާރަށް ނުފޫޒެއް ފޯރުވައިގެން ނުވާނެ ކަމަށްވެސް ލިޔެފައި އޮވެއެވެ.

ގާނޫނު އަސާސީގައި މިހެން ލިޔެފައި ވީނަމަވެސް ކަންހިނގަމުން ދަނީ ދިމާއިދިކޮޅަށެވެ. ރައްޔިތުންނަށް ފެނިގެން ދަނީ ވެރިއަކަށް ހުންނަވާ ބޭފުޅެއްގެ މުށުތެރެއަށް ހުރިހާބާރެއް އެއްކުރެވިފައިވާތަނެވެ. އެހެން ކަމުން ރާއްޖޭގެ ރައްޔިތުންގެ މުދަލާފައިސާއަށް ޚިޔާނާތްތެރިވަމުންދާ ވެރިންގެ މައްސަލަތައް ނުބެލި ރައްޔިތުންނަށް އިންޞާފު ލިބެންހުރި ހުރިހާދޮރުތައް ބަންދުވެގެންދެއެވެ.ދިވެހިޖުމްހޫރިއްޔާގެ ގާނޫނުއަސާސީގައި އަދިވެސް ލިއެފައިވެއެވެ. ވެރިކަން ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނެވެ. އޭގެ މާނައަކީ ވެރިކަން ފެށެނީ ރައްޔިތުން އެ މީހަކަށް ވޯޓުދިމުންނެވެ. ރައްޔިތުންގެ ކިބައިން ފެށޭނަމަ ވެރިކަންނިންމުމުގެބާރުވެސް އޮންނަންވާނީ ރައްޔިތުންގެ ކިބައިގައެވެ.

ގާނޫނު އަސާސީގައި މިހެންވެސް ލިޔެފައިވެއެވެ. އަދިވެރިކަން ދެމިއޮތުމުގެ ބާރުވެސް އޮންނާނީ ރައްޔަތުންގެ ކިބައިގައެވެ. ގާނޫނުއަސާސީގައި މިބުނާ ގޮތަކީ ރައްޔިތުންގެ ބާރުން ރައީސްމީހާ ޣަޒުލްކުރެވޭނެ ވާހަކައެވެ. އެހެނަސް ރައްޔިތުންގެ ބާރުގައި ހިމެނިވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހަށް ރައްޔިތުންހޮވާ މެންބަރުން ވެރިކަމުގެ ބާރުން ގަނެ އެ ބާރު ޕެރަލައިޒް ކޮށްލުމުން ވެރިކަން ދެމިއޮތުމަށް ރައްޔިތުންގެ ކިބައިގާ އޮތް ބާރު އެހުސްވީއެވެ.މިހެން ދިމާވެ ރައްޔިތުންނަށް ގޮތްހުސްވުމުން ރައްޔިތުން ދަނީ މަދަނީ ބަސްނޭހުމަކަށެވެ. ނަތީޖާއަކީ ފުލުހުންނާއި ސިފައިން ގާނޫނުއަސާސީގެ ރޫޙާއި ޚިލާފަށް ރައްޔިތުންގެ ގަޔަށް އަތްލައި ލޮލަށް ބޮލަށް ތިޔަގޭހާއި ކަރުނަގޭސް ޖަހައި ރައްޔިތުން ފަހާލަނީއެވެ. އެހެންދިމާވުމުން ގާނޫނުއަސާސީ ވެފައި ވަނީ ބޭކާރުއެއްޗަކަށެވެ. އެހެންކަމުން ރައްޔިތުންގެ ކިބައިން ވެރިކަން ފަށައި ދިނަސް ވެރިކަން ނިންމުމަށް ގާނޫނުއަސާސީއިން ލިބިދީފައިވާ ބާރު ވާބަލިޖެހިގެން ތަންމަތިވެދެއެވެ.
ކަންމިހެން ހުރުމާއެކު ރާއްޖޭގެ ރައްޔިތުންގެގާތު އަޅުގަނޑު ބުލެލަންއޮތީ އަޅުގަނޑު ކޮށްފައިވާ ތަޖުރިބާގެއަލީގައި ރައްޔިތުން ކިތަންމެ ސުލްޙަވެރިކަމާއެކު މަގުމައްޗަށް ނުކުންނެވިނަމަވެސް އެނބުރި ގެއަށް ވަންނަން ޖެހޭނީ ކަރުނަގޭހާއި ތިޔަގޭސް ބޮއިގެންނާއި އަދި އިތުރު ޖިސްމާނީ އެތައް އަނިޔާއެއް ލިބިގެނެވެ. ވީމާ ކުރިއަށް އޮތްތަނަށް ވިސްނައި ރައްޔިތުންގެބާރަށް ނިސްބަތްވާ ސަރުކާރު ހިންގާ މައިޕާޓީއިން ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލާ ބޭފުޅަކަށް ރައްޔިތުންގެ ފަރާތުން އެއްވެސް ވޯޓެއް ނުދެއްވާށެވެ. މިހާރު ތިޔަ ރައްޔިތުންނަށް ސަރުކާރު ހިންގާ މައި ޕާޓީއިން ކުރިމަތިލާ ފަރާތްތަކަށް ވޯޓުދިނުމުގެ ކުރިމަތިލާން ޖެހިފައިވާ ހިތި ތަޖުރިބާ ވަޒަން ކުރެވޭނެއެވެ.ރައްޔިތުންގެ ބާރަކީ ރައްޔިތުންގެ މަޖިލީހަށް ރައްޔިތުން އިންތިޚާބުކުރާ މެންބަރުންކަން ދެކެ ދެނެ ތިބެ ކުރިއަށް އޮތް ތަނަށް ވިސްނާށެވެ. އަދި ފައިސާވިކިގެން ގޮސްފައިވާ އެއްވެސް ފަރާތަކަށް އެއީ ދަރިއެއްކަމުގައި ވިޔަސް ވޯޓު ނުދެއްވާށެވެ. ތިމާއާއި ތިމާގެ އާއިލާގެ ފައިދާއަށް ނުބަލާ މުޅި ގައުމުގެ ކަރާމަތާ ޝަރާފަރަތަށް އިސްކަންދޭށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް