ވެރިކަމުގެ ތަޚުތަށާއި ރައްޔިތުންގެ މަޖިލީހަށް މެންބަރުންނާއި ރައީސަކު ހޮވައިދެނީ ރައްޔިތުން ވާރެއާ އަވީގައި ކިޔޫ ހަދައި ވޯޓުލައިދީގެންނެވެ.
މި އެންމެހައިފަރާތްތަކަށް ވޯޓުދީ މަގާމްތަކާއި ޙަވާލުކޮށް ގެދޮރާއި ބޭސްފަރުވާއާއި ކެއިންބުއިމާއި އަދި މިނޫންވެސް ގިނަގުނަ ޢިނާޔަތްތައް މިދެންނެވި ބޭފުޅުންނަށް ދެނީ ރައްޔިތުން ކަމަގައި ވީހިނދު މަގާމުގެޢިއްޒަތާ ލައްޒަތު ލިބުމުން ރައްޔިތުންގެ މައްޗަށް ކުލުނެއް ޢަގަލެއް ނެތީ ފަހެ ކޮންސަބަބަކާހެދި ތޯއެވެ. ރައްޔިތުންގެ ކިބައިން މިކަންކަން ޙާޞިލްކުރަން އުޅުއްވާއިރު ރައްޔިތުންގެ ގާތަށް ދަތުރުހައްދަވައި ވަޑައިގެން ރައްޔިތުންނަށް ތަރިބާލަދޭންވެ ވަޑައިގަންނަވާ ވަޢުދުތަކާ އަޙުދުގެ މަތިން ހަނދުމަފުޅު ނައްތާލައްވަނީ މާ އަވަހަށް ވިއްޔާއެވެ. ކޮންމެ ފަސްއަހަރަކުން އެއްފަހަރު ގައުމުގެ މިޞްރާބު ރަނގަޅު ކުރުމަށްޓަކާ ރައްޔިޔުން އާ މާލިމީއަކު އިޚުތިޔާރު ކުރަނީ ގައުމުގެ ކުރިމަގު އުޖާލާކޮށް ރައްޔިތުންގެ މުސްތަގްބަލް ބާއްޖަވެރި ކުރުމުގެ މަތިވެރި މަގުޞަދުގައެވެ.
ކޮންމެ ފަސް އަހަރަކުން އެއްފަހަރު ގައުމަށް އައު މާލިމީއަކު ނަގަނީ ރައްޔިތުން ގޮވައިގެން އަމާން ބާއްޖަވެރި ދަތުރެއްކޮށް އަމާން މަންޒިލަކަށް ބަނދަރު ކުރުމަށް ޓަކައެވެ.އެހެނަސް ރައްޔިތުން އިޚުތިޔާރު ކުރާ މާލީމީ އާއި އެމަނިކުފާނަށް ހޭހަން ކުރަން ތިއްބަވާ ބޭފުޅުން ގުޅި ވަޑައިގެން އެ ފަސްއަހަރުގެ ޓާމް ނިންމަވާ ލައްވަނީ ގައުމު އަނދަވަޅަކަށް ވައްޓަވާ ލައްވާފައެވެ. ގައުމަކީ ރައްޔިތުންގެ މުޅި މިލްކިއްޔާތެވެ.
ކަން މިހެން ހުރިނަމަވެސް ގައުމުގެ މިޞަރާބު ހަމަ މަގަށް އެޅުވުމަށްޓަކާ ރައްޔިތުން އިޚުތިޔާރު ކުރާ މާލިމީއާއި އެމަނިކުފާނުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން އެ ބޭފުޅުންނާއި ރައްޔިތުން ޙަވާލު ކުރާ އަމާނާތަކަށް ޚިޔާނާތްތެރިވެވަޑައިގެން ރައްޔިތުންގެ ހިތްތައް ކިލަނބުކޮށް ގައުމުގެ ތަނަވަސްކަން ހިއްޕަވައިގެން ފަސްއަހަރުގެ ދަތުރު ނިންމަވާ ލައްވަނީ ރައްޔިތުން ރޮއްވާލާފައެވެ. ރައްޔިތުންގެ މައްޗަށް ލޯތްބެއް ކުލުނެއް އޯގާވެރިކަމެއް ހުރި އެންމެ މާލިމީއަކު މެނުވީ އަދި މިހާތަނަށް ރައްޔިތުންނަށް ލިބިފައެެއް ނުވެއެވެ. ކޮންމެ މާލިމީއަކުވެސް އެމާލިމީއާއި ރައްޔިތުން ޙަވާލުކުރާ ދަތުރު ނިންމާ ލައްވަނީ ރައްޔިތުންގެ ޚަޒާނާގެ ފޫދުއްވާލުމަށްފަހުގައެވެ.
ރައްޔިތުންގެ މަޖިލީހަށް ރައްޔިތުން ހޮވާ މެންބަރުންނަކީ ސަރުކާރު ޖަވާބުދާރި ކުރުވުމަށްޓަކާ ރައްޔިތުންގެ ފަރާތުން އެކުލަވާލާފައިވާ ރައްޔިތުންގެ މަންދޫބުންނެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ސަރުކާރާގުޅިގެން ރައްޔިތުންގެ މުދަލާ ފައިއިސާ އިން ނާޖާއިޒު މަންފާ ޙަޞިލްކޮށް ސަރުކާރުގެ ވެރިން ހިންގާ ޖަރީމަތަކަށް ފަސްއަޅާ އެކަން ކަން ރައްޔިތުންނަށް އޮޅުވާލަން ތިބޭ ބަޔަކަށް ވެއްޖެ ނަމަ ރައްޔިތުންގެ ފަރާތުން ސަރުކާރު ޖަވާބުދާރީ ކުރަން އޮތްމަގު ބަންދުވެ ރައްޔިތުންގެ ކިބައިގާ އޮތް ރައްޔިތުންގެ ބާރު ނެތިގެން ދާނެއެވެ.
މިގައުމުގެ ވެރިކަން ބިނާވެގެން ވަނީ ތިންބާރުފެ މައްޗަށެވެ.އެއީ ވެރިކަން ކުރާބާރާއި ރައްޔިތުންގެ ބާރާއި ޢަދުލުއިންޞާފު ގާއިމްކުރުމުގެ ބާރެވެ. މި ތިންބާރަކީ އެއްބާރުންއަނެއްބާރަށް ފާރަވެރިވެ ގައުމުގެ ކަންކަން ހަމަހަމަކަމާއެކު ކުރިއަށް ގެންދިއުމަށް ރައްޔިތުން ކަނޑައަޅާފައިވާ ތިންބާރެވެ. މިއިން އެއްވެސް ބާރެއް އަބެއްބާރާ ގުޅިއްޖެ ނަމަ ގައުމުގެ ބެލެންސް ގެއްލި ގައުމުގައި ޚިޔާނާތާއި ވައްކަމާއި ރިޝްވަތުާއި ފަސާދަ ޢާންމުވެ ގައުމުގެ މާލީ ޙާލަތު ދަށަށްގޮސް ރައްޔިތުން ހައިހޫނުކަމާއި ކުރިމަތިލާންޖެހިދެއެވެ.
ރައްޔިތުން ޚިޔާރުކުރާމާލިމީ ރައްޔިތުން ހަވާލުކުރާ ފަސްއަހަރުގެ ދަތުރު ނިންމާވާލައްވާފައި ވަޑައިގަންނަވަންވާނީ ރައްޔިތުންނަށް ގައުމުގެ ޚަޒާނާގެ ޙާލަތު ބަޔާންކޮށްދީ ޚަޒާނާއިން ފައިސާ މަދުވެފައިވާނަމަ އެ މަދުވި ފައިސާގެ ޒިންމާ ނެންގެވުމަށްފަހުގައެވެ. ކޮންމެ ފަސްއަހަރެއް ނިމެން ގާތްވުމުން ދައުލަތުގެ ޚަޒާނާ އޮޑިޓްކުރަންޖެހޭނެއެވެ. މިގޮތަށް ޢަމަލު ނުކުރުމުގެ ސަބަބުން ކެޔޮކޭވަރު އެނގެނީ މާފަހުން ބިތުފަންގި ނެގޭ ހިސާބުންނެވެ. އޭރު އޮންނަނީ ކެޔޮކޭ ބަޔަކު ދައުލަތުގެ ތަޙުގީގީއިދާރާތަކަށް ރިޝްވަތުދީ އެކަންކަމަށް ފަސްއަޅާފޮރުވާފައެވެ.
މީ ރައްޔިތުން ވިސްނަން ވެއްޖެ ކަމެކެވެ. ފަސްއަހަރެއް ނިންމާފައި ވަޑައިގަންނަވާ ރައީސްމީހާ އުފުއްލަވަން ޖެހިވަޑައިގަންނަވާ ޒިންމާ އެބޭފުޅާ ނުނަންގަވާ ފަރުޖެހޭގޮތް ވެގެން ނުވާނެއެވެ. އެހެންކަމުން މިގައުމު މިވަނީ ބަނގުރޫޓުވުމާ ދާދި ގާތްވެފައެވެ. މިއީ ސަރުކާރު ހިންގާ މައިޕާޓީއަށް ގިނަމެންބަރުންތަކެއް ރައްޔިތުން ހޮވައިދިނުމުގެ ހިތި ނަތީޖާއެވެ. މި ގައުމުގެ ވެރިންނަށްޓަކާ ރައްޔިތުން ނުވަނީ ކޮން ގުރުބާނެއްތޯއެވެ. ވޯޓުން ހޮވައިދީ ހުރިހާ ޚަރަދު ބަރަދު ބަލަހައްޓައިދީ ރައްޔިތުންގާތަށް ވަޑައިގަންނަވާ ކޮންމެ ފަހަރަކު ރަތްދޫލައިގެ މަރުޙަބާ ކިޔާ ރަރްދަކަ އަވަލީގައި ސަފުތައް ރުކުރުވާލައި މާފަތިއަޅުވައިދީ އަރާމުގެ ރޫމްތަކުގައި އަވަހާރަފުޅުލެއްޕުމުގެ އިންތިޒާމް ހަމަޖައްސައިދީ ފެންވަރުގެ ފަރިއްކޮޅުތަކާއި ޖާފަތް ދީ ޚިދުމަތުގައި އެރަށެއްގައި ތިބޭ އެންމެ ރީތި އަންހެންކުދިން ބައިތިއްބައި ދެއެވެ. މިހެންގޮސް ރައްޔިތުންގެ ފަރާތުން ވެރިންެނަށް ނުލިބެނީ ކޮންޚިދުމަތެއް ތޯއެވެ.
މިރާއްޖެއަކީ އާބާދީގެ ނިސްބަތުން ރައްޔިތުންނަށް ތަނަވަސްކަމާއެކު ފުދިގެން އުޅެވޭ މިންވަރަށް މާލީ ނަފާ ލިބޭ ގައުމެކެވެ. ކަން މިހެން ހުރިއިރު ރާއްޖޭގައި ރައްޔިތުން އުފައްދާ ކޮންމެސަރުކާރެއް ނިމިގެންދަނީ ގައުމަށް ލިބޭ އެންމެހައި އާމްދަނީ އިން ރައްޔިތުންނަށް ޙައްގުވާ މިންވަރު ނުދީ ވެރިންގެ ޖީބުތައް ފުރާލައިގެންނެވެ. މީ ރައްޔިތުންދެކެ ލޯބިވާ އެއްވެސް ވެރި ބަޔަކު ކަންކުރައްވާނެގޮތެއް ނޫންތާއެވެ.
އަދި ސަރުކާރު ދެމެހެއްޓުމަށާއި ވެރިންގެ ޖާހަތާއި ލައްޒަތަށް ޓަކައި ދައުލަތުގެ ޚަޒާނާއިން ޚަރަދު ކުރަން ނުޖެހޭ މިންވަރަށް ޚަރަދު ކުރުމުގެ ސަބަބުން ދުވަހެއް ދުވަހެއް ރައްޔިތުންއެދަނީ އަގަޔާއަތާދިމާނުވެއެވެ. މިރާއްޖެއަކީ ނިސްބަތުން ތަނަވަސް ގައުމަކަށް ވީނަމަވެސް ގައުމުގެ ހުންގާނާއި ރައްޔިތުން ޙަވާލުކުރާފަރާތްތަކުން ހުންގާނު އަތުގައި ޖެހުމަށްފަހު އޮޑިދުއްވަނީ އެ ވެރިޔަކު ހިތުހުރި ގޮތަކަށެވެ. އަދި މިހެން މިކަންކަން ހުރި އިރު ސަރުކާރުން ކުރާބޭކާރު ޚަރަދުތަކާއި އަދި ވަމުންދާ ޚިޔާނާތްތަކުގެ ސަބަބުން ދައުލަތުގެ ޚަޒާނާއިންމަދުވާ ބައި ރައްޔިތުންގެ ދިޔަފެލާލައިގެންވިޔަސް އެ ގެންދަވަނީ ނަންގަވަމުންނެވެ. ދެރަ ކަމަކީ ސަރުކާރުން ކުރާ އިސްރާފުތަކާއި ހިންގާ ޚިޔާނާތްތަކަށް ބެލުމެއްނެތި ސަރުކާރުން އެދޭ ކޮންމެފަހަރަކު އެދޭ ކޮންމެކަމެއް ރައްޔިތުންގެ ޙާލަތަށް ބެލުމެއްނެތި މަޖިލީހުން އެކަންކަން ކޮށްދެމުން ދާތީއެވެ. ރައްޔިތުންގެ ޙާލަތަށް ހެޔޮބަދަލެއް ނުފެނި ނުހަނު ނިކަމެތި ޙާލުގައި ރައްޔިތުން ތިއްބާ އަބަދުވެސް ފެނިގެން އެދަނީ ރައްޔިތުންގެ އަތުން ފާޑުފާޑުގެ ނަންނަމުގައި ޓެކްސް ނަގައި ދޭ ތަނެވެ އެއީ މަޖިލީހުގެ މެންބަރުން ގެ ހިތްތަކުގައި ރައްޔިތުންގެ މައްޗަށް އެއްވެސް ލޯތްބެއް ކުލުނެއް ރަޙުމެއް ހަމްދަރުދީއެއް ނެތުމުގެ ސަބަބުން ސަރުކާރާއި ގުޅިވަޑައިގެން ކުރަމުންގެންދާ ރަޙުމުކުޑަ ޢަމަލަކަށް މެނުވީ ނުވާނެއެވެ.
ކޮންމެ ސަރުކާރެއް ނިމިގެން ދަނީ ރައްޔިތުން ރޮއްވާލާފައެވެ.
ރައްޔިތުމީޙާ ތަރައްގީ ވާދުވަހެއް ނުފެނި ސަރުކާރުތައް ނިމިގެން ދާއިރު އާސަރުކާރެއް ހޮވަންވީ ރައްޔިތުންނަށް އެފަދަ ދެރަގޮތްތައްމެދުވެރިނުވާނެ ފަދަ ގާނޫނުތަކެއް ވުޖޫދު ކުރުމަށް ފަހުފައެވެ. ހުރިހާ ގާނޫތައްވެސް ފަރުމާކުރެވެމުން އެދަނީ ވެރިންނަށް މޮޅުގޮތް ރައްޔިތުންނަށް ދެރަގޮތް މެދުވެރިވާ ގޮތަށެވެ.
މީ ކުރިއަށް އޮތްތާގައި ރައްޔިތުން ވިސްނާ ފިކުރު ހިންގާން ޖެހިފައިވާ ކަންކަމެވެ.