މިހާރުވެސް ސަރުކާރުން މަސައްކަތް ފަށާފައި ވަނީ، ބޭރުގެ އެހީ އާއި ސަރުކާރުގެ ބަޖެޓުގެ ތެރެއިން މަސްވެރި ސިނާޢަތް ފުޅާކޮށް، އެ ސިނާޢަތަށް މީހުން އިތުރުކުރުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ، ހުވަދޫ އަތޮޅުގެ ބައެއް ރަށްތަކަށް ކުރެއްވި ދަތުރުފުޅުގައި، ގއ. ދެއްވަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން ރައީސް ވިދާޅުވީ ރަނގަޅަށް މަސައްކަތްކޮށްފިނަމަ މަސްވެރިކަމަކީ ރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަމުގެ އެންމެ ބޮޑު ހިއްސާދާރަށް ހެދިދާނޭކަމަށެވެ. އަދި މިއީ ދިވެހިންގެ އަމިއްލަ އަތް މަތީގައި އޮތް، ރައްޔިތުންގެ މުއްސަނދިކަން އިތުރުކޮށްދެވޭނޭ ސިނާޢަތެއްގެ ގޮތުގައި އެ މަނިކުފާނު ސިފަކުރެއްވިއެވެ.މަސްވެރިކަމުގެ ސިނާޢަތަކީ، ރާއްޖޭގެ އިޤްތިޞާދީ މަސައްކަތްތަކުގެ ތެރެއިން ބޭރުން އަންނަ ލޮޅުންތަކުގެ ހިރާސް އެންމެ ކުޑަ ސިނާޢަތްކަންވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން މިހާރުވެސް ސަރުކާރުން މަސައްކަތް ފަށާފައިވަނީ، ބޭރުގެ އެހީ އާއި ސަރުކާރުގެ ބަޖެޓުގެ ތެރެއިން މަސްވެރި ސިނާޢަތް ފުޅާކޮށް، އެ ސިނާޢަތަށް މީހުން އިތުރުކުރުމަށް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މި ސަރުކާރުން މަސްވެރިންނާ ގުޅުންހުރި މަސައްކަތްތައް ބައްޓަންކުރައްވަމުން ގެންދަވާނީ މަސްވެރިންގެ ކަންބޮޑުވުންތައް އަޑުއައްސަވައިގެން، މަސްވެރިންގެ ޚިޔާލާއެކުގައިކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.