ހިޔާވެހި ފައިނޭންސް ސްކީމަކީ ރައްޔިތުންނަށް ލިބިފައިއޮތް ރަނުގެ ފުރުޞަތެއް ކަމަށާ، ހުރިހާ ރައްޔިތުންވެސް މި ފުރުޞަތުގެ ބޭނުން ހިއްޕެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފިއެވެ.
ރައީސް މިގޮތަށް އިލްތިމާސް ކުރައްވާފައި ވަނީ، ހުވަދު އަތޮޅުގެ ބައެއް ރަށްތަކަށް އެ މަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ގއ. މާމެންދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ހިނގަމުން މިދާ ރިޔާސީ ދައުރު ނިމޭއިރު، ދިވެހި ކޮންމެ ރައްޔިތަކީ ގެދޮރުގެ މައްސަލައަށް ދާއިމީ ޙައްލެއްގެ ފުރުޞަތު އޮތް މީހަކަށް ވުމަކީ ޢަމާޒުކަމުގައި ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ރައްޔިތުންނަށް އެންމެ ބޮޑުވެފައިވާ މައްސަލައަކީ ބޯހިޔާވަހިކަމުގެ ދަތިކަން ކަމުގައިވާހިނދު، މި މައްސަލައަށް ޙައްލެއް ލިބެން އޮތް ދެވަނަ ގޮތަކީ ހައުސިންގް މަޝްރޫޢުތައް ހިންގުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މި މަޝްރޫޢުތައް މި އަހަރުގެ ތެރޭގައި ފެށުމަށް ދަޢުލަތުގެ ބަޖެޓުގައި 1.5 ބިލިއަން ރުފިޔާ ހިމަނުއްވާފައި އޮތްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މިއީ ކުރިއަށް އޮތް އަހަރުތަކުގައިވެސް ބަޖެޓަށް އިތުރު ކުރެވޭނެ މިންވަރެއް ކަމަށާ، މަޤްޞަދަކީ ގެދޮރުގެ ދަތިކަމުގެ މައްސަލައަށް، ޙަޤީޤީ މާނައިގައި ދާއިމީ ޙައްލެއް ހޯއްދަވައިދެއްވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މީގެ އިތުރުން ކޮންމެ މީހަކީވެސް ބޯހިޔާވައްސަށް ފުރުޞަތު ލިބިފައިއޮތް ރައްޔިތެއް ކަމުގައި ހެއްދެވުމަށް ވެވަޑައިގެންނެވި ވަޢުދު ފުއްދަވަމުން ގެންދަވާނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.