ހިމާލިޔާ ސަރައްދުގެ ގައުމެއް ކަމަށްވާ ޓިބެޓަށް އަންގާރަ ދުވަހު ހެނދުނު އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 106 އަށް އަރައިފިއެވެ.ބިންހެލުމުގެ ގުޑުންތައް އެސަރަހައްދުގެ އެހެން ބައެއް ގައުމުތައް ކަމަށްވާ ނޭޕާލް،ބޫޓާން އަދި އުތުރު އިންޑިޔާ އަށްވެސް އައިސްފައިވާކަމަށް ޚަބަރުތައް ބުނެއެވެ.
7.1 ގެބާރުމިނުގައި އެތާ ގަޑިން ހެނދުނު 9ޖެހިއިރު ބިމުގެ 10 ކިލޯ މީޓަރު އަޑިން އައި ބިންހެލުމަށް ފަހު ވަރަށް ގިނަ އާފްޓާ ޝޮކްތައް އައިސްފައިވާކަމަށް އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އާއި ހަވާލާދީ ލިބޭ ހަބަރުތައް ބުނެއެވެ.ބިންހެލުމުގެ އެޕިސެންޓާ ހުރީ ”ޓިބެޓަން ޕްލޭޓޯ“ ކިޔާ ވަރަށް ދުރުހިސާބެއްގަ ކަމަށް ވެއެވެ.މިއީ ނޭޕާލްގެ ބޯޑަރާވެސް ފަންސާހަކަށް މޭލު ދުރުގައިވާ ހިސާބެކެވެ.
ބިންހެލުމުގައި މަރުވި މީހުންގެ އިތުރުން 175 މީހުންނަށް އެކި އަނިޔާތައް ލިބި، ތިންހާހެއްހާ ގެ ހަލާކުވެފައިވާ ކަމަށްވެސް ޙަބަރުތައް ބުނެއެވެ.
ޓިބެޓަށް ބިންހެލުން އައި ރަށްފުށުގެ ހިސާބުތަކުގައި އާބާދީ އެހާގިނަ ނޫން ކަމަށް ވެއެވެ. މިހިސާބުގައި 27 ވިލެޖްގައި އުޅެނީ ހަހާސް ނުވަސަތޭކައެއްމީހުން ކަމަށް ވެއެވެ.
ބިންހެލުމުގައި ޓިބެޓްގެ ބައެއް ގަދީމީ ސިޓީތަކަށް ބޮޑެތި ގެއްލުންތައް ވަނީ ލިބިފައެވެ.ބިންހެލުން އައުމާއިއެކު އަވަށްޓެރި ނޭޕާލްގެ ވެރިރަށް ކަތުމަންޑޫގައިވެސް މީހުންތައް ދުވަމުން މަގުތަކަށް ނިކުމެފައި ވެއެވެ. މި ބިންހެލުމާއި ގުޅިގެން،2015 ގައި ނޭޕާލް އަށް އައި ބާރުގަ ބިންހެލުމުގެ މަތިން ގިނަބަޔަކު ހަނދާންވިއެވެ. 7.8 ގެ ބާރުމިނުގައި އެފަހަރު އައި ބިންހެލުމުގައި 9000 މީހުން މަރުވެފައި ވެއެވެ.