މި މަސްތެރޭގައި ނަޑެއްލާގައި އާ ބަނދަރެއް ހެދުމަށް ކޮންޓްރެކްޓަރެއް ހޯދަން އިޢުލާންކުރަނީ

Loading

January 7, 2025
sandhaanu news
Facebook
Twitter
WhatsApp

މި ޖަނަވަރީ މަހުގެ ތެރޭގައި، ގދ. ނަޑެއްލާގައި އާ ބަނދަރެއް ހެދުމަށް ކޮންޓްރެކްޓަރެއް ހޯއްދަވަން އިޢުލާންކުރައްވާނޭ ކަމަށް ރައީސުލްޖުމްހުރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ހުވަދުއަތޮޅުގެ ބައެއް ރަށްތަކަށް މިއަދު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ނަޑެއްލާގެ ރައްޔިތުންނާ މުޚާޠަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ނަޑެއްލާގައި މިހާރު ބޭނުންކުރަމުންދާ ބަނދަރަކީ، 2008 ވަނަ އަހަރު ތަރައްޤީކޮށްފައިވާ، ރަށަށް މިހާރު އައިސްފައިވާ ތަރައްޤީއާ ނުބައްދަލު ބަނދަރެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އާ ބަނދަރުގެ މަސައްކަތް ކުރިއަށްގެންދަވާނީ، ރަށަށް ދިމާވެފައިވާ ރަށްގިރުމާއި އުދައެރުމުގެ މައްސަލައަށް، އެ މަޝްރޫޢުގެ ތެރެއިން ޙައްލެއް ގެނެވޭނޭ ގޮތަށް ކަމަށެވެ.

މީގެ އިތުރުން، ނަޑެއްލާގައި ޒަމާނާ އެކަށީގެންވާ ފެންވަރުގެ އާ މިސްކިތެއް ބިނާކުރުމުގެ މަސައްކަތާއި، ސްކޫލާއި ސިއްޙީ މަރުކަޒަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލުކުރުމުގެ މަސައްކަތްތައްވެސް މި އަހަރު ކުރައްވާނޭކަމުގެ ޔަޤީންކަން އެ މަނިކުފާނު ދެއްވިއެވެ. ރަށުގެ ޒުވާނުންގެ ކަންބޮޑުވުންތައް ކަމުގައިވާ، ފުޓުބޯޅަ ދަނޑާއި، ފުޓްސަލް ދަނޑާއި، ވޮލީ ދަނޑު އަދި ޒުވާނުންގެ މަރުކަޒުގެ މަސައްކަތްވެސް މި އަހަރު ފެށޭނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ނަޑެއްލާގެވެސް އާބާދީގެ ނިސްބަތުން ބޭނުންވާ ފެންވަރަށް ޚިދުމަތް ދިނުމަށް ޤާއިމުވެ ތިބޭ ފުލުހުންގެ ޚިދުމަތް ލިބޭނޭ އިންތިޒާމު ހަމަޖައްސަވާނޭކަން އެމަނިކުފާނު އިޢުލާންކުރެއްވިއެވެ.

ރައީސް ވަނީ، ނަޑެއްލާ ކައުންސިލުން ފާހަގަކުރެއްވި ކަންބޮޑުވުންތަކަށް ޙައްލު ހޯދުމަށް، ވަރަށް ފަރުވާތެރިކަމާއެކު ސަރުކާރުން މަސައްކަތް ކޮށްދެއްވާނޭކަމުގެ ޔަޤީންކަން ދެއްވާފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް