ގައުމީ ކޮމްޕިއުޓަރ ވިއުގަ، ނޭޝަނަލް ކޮމްޕިއުޓަރ ނެޓްވޯކް (އެންސީއެން)ގެ ހިދުމަތް ހަރުދަނާކޮށް، ކެޕޭސިޓީ އިތުރުކުރުމަށް ބޭނުންވާ ދިރާސާ ހެދުމަށް، ސްރީލަންކާގެ ކުންފުންޏަކއެކު ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާ އިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ހަތަރުމަސްދުވަހުގެ މުއްދަތަކާއެކު މި މަސައްކަތް ކުރުމަށް ހަވާލުކޮށްފައި ވަނީ އެން-އޭބަލް ޕްރައިވެޓް ލިމިޓެޑާއެވެ.
މިއީ ވޯލްޑް ބޭންކްގެ ހިލޭ އެހީގެ ދަށުން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާއިން ކުރިއަށްގެންދާ ޑިޖިޓަލް މޯލްޑިވްސް ފޮރ އެޑަޕްޓޭޝަން، ޑީސެންޓްރަލައިޒޭޝަން އެންޑް ޑައިވަރސިފިކޭޝަން (ޑީމެޑް) ޕްރޮޖެކްޓްގެ ދަށުން ފޯރުކޮށްދޭ ފަންނީ އެހީތެރިކަމެކެވެ. ބައިނަލްއަޤްވާމީ ބީލަމަކަށް ހުޅުވާލައި މިކަމަށް ކުރިމަތިލީ ކުންފުނި ތަކުގެ ތެރެއިން ބީލަން ކާމިޔާބުކޮށްފައިވަނީ އެން-އޭބަލް ޕްރައިވެޓް ލިމިޓެޑުންނެވެ.
އެސްޑީވޭން ޓެކްނޯލޮޖީއަކީ އިންޓަރނެޓް މެދުވެރިކޮށް ރައްކާތެރިކަމާއެކު އެކި ޖިއޯގްރަފިކް ލޮކޭޝަންތަކުގައި ހުންނަ ބްރާންޗް އޮފީސްތައް ގުޅާލުމަށް ބޭނުންކުރާ ނެޓްވޯކް ޓެކްނޯލޮޖީއެކެވެ. ނަމަވެސް ސަރުކާރުގެ ވަކިވަކި އިދާރާތަކާއި، އެ އިދާރަތުގެ ބްރާންޗް އޮފީސްތަކާއި، އަދި ބޭނުންކުރާ ސިސްޓަމްތަކުގެ އެކްސެސް ކައުންސިލްތަކަށް، އެއް ވިއުގައެއްގެ ތެރެއިން ދިނުމަށްޓަކައި މި ޓެކްނޯލޮޖީއަކީ ޓެކްނިކަލް އަދި މާލީގޮތުން ފީޒިބަލް ޓެކްނޯލޮޖީއެއްތޯ ދެނެގަތުމަށް އިތުރަށް ދިރާސާކުރަންޖެހެވެ.
މިގޮތުން އެން-އޭބަލް ޕްރައިވެޓް ލިމިޓެޑް އަށް އެން.ސީ.އައި.ޓީ އިން ފޯރުކޮށްދީފައިވާ ރިކުއަޔަމަންޓާއި އެއްގޮތަށް މި ޓެކްނޯލޮޖީ ބޭނުންކުރެވޭތޯ ބެލުމަށް ޕްރޫފް އޮފް ކޮންސެޕްޓް ހެދުމުގައި އެން.ސީ.އައި.ޓީއަށް ފަންނީ އެހީތެރިކަން އެ ކުންފުނިން ފޯރުކޮށްދޭނެއެވެ.