މާފުށީ ޖަލުގައި ހައިހޫނުކަމުގެ ހަޅުތާލެއް ހިނގަމުން އެބަދާކަމަށް ޖަލުގައި ތިބި ފަރާތްތަކުގެ ބެލެނެވެރިންގެ ފަރާތުން ބުނަމުން އެބަދެއެވެ. ޚަބަރު ލިބޭގޮތުގައި މި ހަޅުތާލަކީ ޝަރީޢަތް ނިމެންދެން ޖަލުގައި ބަންދު ކުރެވިފައިވާ ފަރާތްތަކަށް ލިބެންޖެހޭ އަސާސީ ޙައްގުތައް ނުލިބޭ ކަމަށް ބުނެ ފަށާފައިވާ ހަޅުތާލެކެވެ.
ބައެއް ޢާއިލާތަކުން ބުނާ ގޮތުގައި ވާނުވާގައި ޖަލަށް ލާފައިވާ ފަރާތްތަކަށް ލިބެންޖެހޭ އަސާސީ ޙައްގުތަކުގެ ތެރޭގައި ހިމެނޭ ބޭސްފަރުވާ ނުލިބުމާއި ކަރަންޓް ނުލިބުމާއި ގޮޅިން ބޭރަށް ނުނެރެ ގިނަދުވަސްވުމާއި ކާންދޭ ތަކެތި ކަމުނުދިއުމާއި ޑޮކްޓަރަށް ދެއްކުމުގައި ފަރުވާކުޑަކުރުންފަދަ އެތައް ޙައްގުތަކަކުން ވާނުވާގައި ތިބި މީހުން ވަނީ މަޙުރޫމް ވެފައެވެ.
މިކަމާއި ބެހޭ އިތުރު ތަފުޞީލް ހޯދާލުމަށް ކަރެކްޝަނަލް ސާވިސްއާއި އެތައްފަހަރެއްގެ މަތިން ގުޅައިގެން ވެސް ފޯނު ނުނެގުމުގެ ސަބަބުން އިތުރު މަޢުލޫމާތެއް ލިބޭގޮތެއް ނުވިއެވެ. ޢާއިލާތަކުން ބުނާ ގޮތުގައި ވާނުވާގައި ޖަލަކަށް ލާފައިވާ ފަރާތްތަކަށް ޖަލުގައި ގެންގުޅެމުން އަންނަނީ ވަރަށް އިހާނެތްތެރިކޮށެވެ. ނިދާނެ ގޮދަޑިއެއް ނުލިބޭ އިރު ބައެެއްގޮޅިތަކުގައި ކަރަންޓެއްވެސް ނެތެވެ. އަދި ގޮޅިތަކުގައި ކުކުޅުހާ ގެންގުޅޭ ގޮތަށް ބޭރަށް ނުނެރެ ކަސްރަތު ނުލިބި ތިބެން ޖެހުމުން ސިއްޙީގޮތުން މެދުވެރިވާ ބަލިބަލި ވަނީ އިތުރުވެފައި ކަމަށާއި ދާއިމީ ގޮތުން ބޭސް ބޭނުންކުރަންޖެހޭ ބަލިބަލި ހުންނަ ފަރާތްތަކަށް ގަވާޢިދުން ބޭސް ނުލިބޭކަމަށްވެސް ޖަލުގައި ތިބިފަރާތްތަކާ ޙަވާލާދީ ޢާއިލާތަކުން ބުނެއެވެ.
އަދި ޖަލުގައި މިފަދަ މީހުނަށް ކާން ބޯންދޭ ތަކެތި ރަނގަޅުނޫން ކަމަށާއި ރަހައަކުން ކުރެ ރަހައެއް ކާނާއިގައި ނުހުންނަ ކަމަށްވެސް އެ ފަރާތްތަކުން ބުނެއެވެ.
ޝަރީޢަތް ނިމެންދެން ބަންދު ކޮށްފައި ތިބޭ ފަރާތްތަކުގެ ޝަރީޢަތްތައް ނުނިމި ފަސް ހަ އަހަރުވެފައިވާ މީހުން ޖަލުގައި އެބަތިބި ކަމަށާއި އެބައިމީހުން ގެންގުޅެނީ ތަޅުންގަނޑަށް އެއްލާލާފައިވާ ބުޅާތަކެއް ފަދައިން ކަމަށާއި އަރާމުތަންމައްޗެއްގައި ނިދާލެވޭނެ ވަސީލަތެއް ގާއިމްކޮށް ނުދީ ފަސްހައަހަރު ޖަލުގައި ތަޅަމުގައި ކުނާގަނޑެއް އަޅައިގެން ކުޑަކުޑަ ގޮޅިއެއްގައި ދިހަބާރަ މީހުން ތިބޭއިރު ގޮޅީގެ ފަންކާއަށް ކަރަންޓް ނުލިބޭނަމަ ދެން އެ އިންސާނުން އުޅޭނެ ނިކަމެތި ޙާލު އަމިއްލައަށް ވަޒަންކޮށްލާށެވެ.
ޝަރީޢަތް ނިމެންދެން ޖަލަށްލުމަކީ ރައްޔިތު އިންސާނާ ގެއްލުވާލުން ފަދަ ކަމެއްކަމަށް ގިނަބަޔަކު ސިފަކުރެއެވެ.
ދުވަހަކު އެ ޝަރީޢަތެއް ނުނިމެއެވެ. ޝަރީޢަތް ނިމެންދެން ޖަލަށްލެވޭ މީހުންނާއި ހުކުމްކޮށްފައި ތިބޭ ގައިދީންގެ މެދުގައި ހައްގުތައް ހަމަ ހަމައެއް ނޫނުނެވެ. ހުކުމްކޮށްފައި ތިބޭ ބައެއް ގައިދީން އަރާމު ގޮދަޑީގައި ނިންދަވާ ކަސްރަތު ކުރުމާއި ހިނގާ ބިގާވެ އުޅުމުގެ ފުރުޞަތު ފަހިވެފައި އޮވެއެވެ. އެހެނަސް ޝަރީޢަތް ނިމެންދެން ޖަލުގައި ބަންދުކޮށްފައި ތިބޭ ބައެއް ގައިދީންގެ ޝަރީޢަތް ނުނިނިމި ޖަލުގައި ފަސް ހަ އަހަރު މާޒީ ވެގެން އެ ދަނީ އަރާމު ނިދިން މަހުރޫމްކޮށް ކަސްރަތު ނުލިބި ބޮޑު ގޭސްބަނޑެއް ލިބިފައިވާ ހާލުގައެވެ.
ޝަރީޢަތް ނިމުނަސް ނުނިމުނަސް ސަރުކާރަށް އެނގެންވީ ހުކުމް ކުރިއަސް އަދި ނުކޮށް ތިއްބަސް ޖަލުގައި ބަންދުކޮށްފައި އެ ވަނީ ދިވެހި އިންސާނެއްކަމެވެ. އެހެންކަމުން އިންސާނީ ހަމަހަމަކަން ގައިދީއަކަށް ވިޔަސް އަދި ނުވިޔަސް ޖަލުގައި ބަހައްޓާނަމަ އެ އިންސާނާއަށް އޮންނާން ވާނެކަމެވެ. އަނެއްކޮޅުން ޝަރީޢަތް ނުނިމި ހަ އަހަރުދުވަހު ޖަލުގައި އޮތުމަށްފަހު ކުށް ސާބިތު ނުވެގެން އެބަ ދޫކޮށްލައެވެ. އެފަދަ ވޭނީ އަނިޔާގައި ހަ އަހަރު ޖަލުގައި ބޭއްވުމަށްފަހު ކުށް ސާބިތު ނުވެގެން ދޫކޮށްލުމުން ސަރުކާރަށް އެ ނިމުނީއެވެ.އޭނާގެ މުޅި ދިރިއުޅުން ބަރުބާދުވެ ޢާއިލާ ރޫޅި ދަރިން ވަގުންނާއި ގާތިލުންނަށް ވެފައިވީއިރު ބަންދުގައި ހުރި ކުށެއްނެތް އިންސާނާ ދޫކޮށްލުމުން އޭނާގެ ގެއްލުނު އެއްވެސް ޙައްގެއްގެ ބަދަލު ލިބޭނެ ގޮތެއްވެސްނެތެވެ.މީއީ ވެސް އިންޞާފުތޯއެވެ. ރައްޔިތުންނަކީ އިންސާނުން ކަމުގައިވާނަމަ ކޮންމެ އިންސާނަކަށް ވެސް އިންސާނަކަށް ވީތީ އޮންނަން ޖެހޭ އިންސާނީ ޙައްގު އޮންނާން ވާނެއެވެ.