ކަރަޕްޝަނުގެ މައްސަލަތައް ރިޕޯޓުކުރަމުންދިޔަ އިންޑިއާގެ ނޫސްވެރިއަކު ޗައްޓީސްގަރް ސްޓޭޓްގެ ސެޕްޓިކް ޓޭންކެއްގެތެރޭ މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
ބައިނަލްއަޤްވާމީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާގޮތުގައި ސެޕްޓިކް ޓޭންކެއްގެ ތެރޭގައި ޒަހަމްތަކަކާއެކު މަރުވެފައި އޮއްވާ ފެނުނީ އިންޑިއާގެ ނޫސްވެރިއެއް ކަމަށްވާ މުކޭޝް ޗަންދްރަކަރު28އ އެވެ.
އޭނާ މަޝްހޫރުވެފައިވަނީ އިންޑިއާގެ ޗައްޓީސްގަރް ސްޓޭޓުގައި ކޮރަޕްޝަންގެ މައްސަލަތައް ރިޕޯޓް ކުރުމަށެވެ.
މި އަހަރު ފެށުނު ދުވަހު ގެއްލުނު ޗަންދްރަކާރު މަރުވެފައި އޮއްވާ ފެނިފައި ވަނީ އޭނާގެ މޯބައިލް ފޯނުގެ ރެކޯޑްތައް ފުލުހުން ޓްރޭސް ކުރުމުން ބިޖާޕޫރުގެ މަގު ހެދުމުގެ ކޮންޓްރެކްޓަރެއްގެ ކޮމްޕައުންޑުން މިދިޔަ ހުކުރު ދުވަހުއެވެ.
ޗަންދްރަކާރު ވަނީ ދައުލަތުގެ ކޮރަޕްޝަނުގެ ވާހަކަ ރިޕޯޓްކޮށް، މަޝްހޫރު ޔޫޓިއުބް ޗެނަލް ”ބަސްޓަރ ޖަންކްޝަން“ ހިންގާފައެވެ.
ޗަންދްރަކާރުގެ މަރާއި ގުޅިގެން މުޒާހަރާތައް ފަށައިފާވާއިރު އިންޑިއާގެ ޕްރެސް ކައުންސިލުން ވަނީ ސްޓޭޓް ސަރުކާރުން ”މި މަރުގެ މައްސަލައާގުޅޭގޮތުން“ ރިޕޯޓެއް ނެރުމަށް ގޮވާލާފައެވެ.އަދި ހިންދުސްތާން ޓައިމްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ސަރަހައްދުގެ ނޫސްވެރިން ވަނީ އެ ކުށް ކުރި ކަމަށް ބުނާ މީހުންނާ މެދު ހަރުކަށި ފިޔަވަޅު އެޅުމަށް ގޮވާލައި މުޒާހަރާއެއް ބާއްވާފައެވެ.
ޗައްޓީސްގަރުގެ ޑެޕިއުޓީ ޗީފް މިނިސްޓަރު ވިޖޭ ޝަރްމާ ވިދާޅުވީ މުކޭޝްގެ މަރުގެ މައްސަލަ ތަހުގީގު ކުރުމަށް ސްޕެޝަލް އިންވެސްޓިގޭޝަން ޓީމެއް އެކުލަވާލާފައިވާ ކަމަށެވެ.
ޝައްކު ކުރެވޭ މީހާއަކީ ސިޔާސީ ގުޅުންތަކެއް ހުރި މީހެއް ކަމަށް ބުނި ނަމަވެސް އިންޑިއާގެ މީޑިއާތަކުން ބުނާ ގޮތުގައި ކޮންގްރެސް ޕާޓީ އާއި ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އިން ވެސް ވަނީ އޭނާ ނިސްބަތްވާ ކަމަށް ދޮގުކޮށްފަ އެވެ.
ވެރިކަން ކުރާ ބީޖޭޕީގެ ޗައްޓީސްގަރުގެ ޗީފް މިނިސްޓަރު ވިޝްނޫ ޑިއޯ ސައި ވަނީ ޗަންދްރަކާރުގެ މަރު ”ހިތްދަތި“ ކަމަށް ސިފަކޮށް އެކަމުގެ ޒިންމާ ނަގާ ފަރާތްތަކަށް ”އެންމެ ހަރުކަށި އަދަބު“ ދޭނެ ކަމަށް ވައުދުވެފައެވެ.