ގަނޑުކުރި މަސް ވިއްކާ ފެކްޓަރީއެއްގައި މަސައްކަތް ކުރާ މީހަކު އުޅުނެވެ.އޭނާއަކީ ފެކްޓަރީގެ އެންމެނާވެސް ގުޅޭ ހިތްހެޔޮ މިޒާޖެއްގެ މީހެކެވެ.ކޮންމެ މީހަކާދިމާލަށްވެސް ހިނިތުންވެލާ ވާހަކަދައްކާލާ ހެދުމަކީ އޭނާ އާންމުކޮން ކޮށް އުޅޭ ކަމެކެވެ.
ފެކްޓަރީގައި މައިގަނޑު ގޮތެއްގައި އޭނާ ކުރަންޖެހޭ މަސައްކަތަކީ މަސް ގަނޑުކުރުމަށް ގެންގުޅޭ ބޮޑެތި ފްރީޒަރުތައް ފުރިހަމަޔަށް މަސައްކަތް ކުރޭތޯ ބަލާ އަދި މަސް ހުރީ ބަހައްޓަން ޖެހޭ ފިނިމިނުގައިތޯ ބަލާ ޗެކް ކުރުމެވެ. މީގެ އިތުރުން މަހުގެ ސްޓޮކް ހުރި މިންވަރު ބަލާ،މަދުވާ ބާވަތްތައް ނޯޓުކޮށް ވެރިންނަށް މައުލޫމާތު ދިނުމަކީވެސް އޭނާގެ މަސައްކަތުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
މިކަމަށްޓަކާ ކޮންމެ ދުވަހަކުވެސް އެތައްފަހަރަކު ފްރީޒަރު ކޮޓަރިތަކުގެ ތެރެޔަށް އޭނާޔަށް ވަންނަން ޖެހެއެވެ.ނަމަވެސް އެއީ އެކަމަށް ޚާއްސަ ހެދުމާއި ބޫޓު ބޭނުންކޮށްގެންނެވެ.
މިގޮތަށް މަސައްކަތުގައި އުޅުނު އެއްދުވަހަކު،އޭނާ ފްރީޒަރު ކޮޓަރިއެއްގެ އެތެރޭގައި އުޅެނިކޮން ކޮންމެވެސް މީހަކަށް ނޭނގި،އެތަނުގެ ދޮރުލައްޕާލެވުނެވެ. މިކަން އޭނާޔަށް އެނގުނީ އިރުކޮޅެއް ފަހުންނެވެ. ދޮރުލެއްޕުނުކަން އޭނާއަށް އެނގުމުން ބާރަށް ހަޅޭއްލަވާ ދޮރުހުޅުވާދިނުމަށް އެދި ގޮވާހެދިއެވެ.ނަމަވެސް އެތަން ހުންނަނީ ވަރަށް ވަރުގަދަ،ބޯ ދޮރެއްލާފައިކަމުން އެތެރޭން މީހަކު ހަޅެއްލެވިނަމަވެސް ބޭރަށް އެއްގޮތަކަށްވެސް އަޑުއިވޭ ގޮތެއް ނުވެއެވެ.
އިރުކޮޅަކުން ފެކްޓަރީގެ މަސައްކަތް ނިންމާ ގަޑިޖެހުމުން ތަން ބަންދުކޮށްފައި އެންމެން ގެޔަށް ދާން ފަށައިފިއެވެ. ފްރީޒަރު ކޮޓަރީގަ ބަންދުވެފަހުރި މީހާ ވަރަށް މާޔޫސްވެއްޖެއެވެ.އޭނާ އެގޮތަށް ހުރެ މަރާ ކުރިމަތިލާން ޖެހިދާނެ ކަމުގެ ބިރު، އަދި އެކަމުގެ ހިތާމަ ހިތުތެރޭ ހިނގަންފަށައިފިއެވެ. އެގޮތުގަ އިރުއަރަންދެން ދިރި ނުހުންނާނެކަންވެސް އިނގެއެވެ. އެހެންކަމުން ހިއްވަރު ހުރި ވަރަކުން އޭނާ ދޮރުގައި ތަޅަމުން ގެންދިޔައެވެ. އިރުގަނޑަކުން ހޭވެރިކަންނެތިގެން ވެއްޓިއްޖެއެވެ.
މިގޮތުގައި ވަގުތުތައް ގުނެމުން ދަނިކޮން ފެނުނީ ފެކްޓަރީގެ ގާޑު އައިސް ކުއްލިއަކަށް އެކޮޓަރީގެ ދޮރު ހުޅުވާލިތަނެވެ.އަދި ޔަގީން މަރަކުން އޭނާ ސަލާމަތްކޮށް އަވަސް އަވަހަށް އެތަނުން ނެރެގެން ގެންގޮސްފިއެވެ.
އަނެއްދުވަހު ފެކްޓަރީގެ މެނޭޖަރު ގާޑު ކައިރީގައި އެހިއެވެ. ”އޭނާ ގެޔަށް ނުދާކަމާ ވީ ފެކްޓަރީގެ އެތެރޭގަކަން ކަލެޔަށް ޔަގީންވީ ކިހިނަކުން ހެއްޔެވެ.؟“ މިހެން އެހުމުން އޭނާ ޖަވާބުދިނެވެ.“އަހަރެންނަށް ސަލާންގޮވާލާ ހިނިތުން ވުމާއިއެކު ހާލުއަހުވާލު އަހާލާ މީހަކު އޭނާ ނޫނީ މި ފެކްޓަރީ އަކު ނޫޅެއެވެ.އަދި އޭނާ ކޮންމެ ދުވަހަކުވެސް ގެޔަށް ދަމުންވެސް އަހަރެންނަށް ގޮވާލާ،ސަލާމް ކޮށްލާ ހެދުމަކީ އޭނާގެ އާދައެކެވެ.އެ ދުވަހު ބަންދުކުރާގަޑި ޖެހުނު އިރު އޭނާ ނުނިކުންނަކަން އަހަރެންނަށް ޔަގީންވިއެވެ.އޭނާވީ އެތެރޭގައިކަން ޔަގީންވިއެވެ.އެހެން ކަމުން ނުނިކުމެ ގިނައިރު ތަކެއް ވާންފެށުމުން އަހަރެން ވަދެ އެތަން މިތަން ހޯދީއެވެ. ހޯދިއިރު އޭނާ އޮތީ ފްރީޒަރު ކޮޓަރި ތެރެޔަށް ހޭނެތިގެން ވެއްޓިފައެވެ.ދެން ނެރެގެން އަވަހަށް އެހީ ހޯދީއެވެ.“
ހިނިތުންވުމެއް ނުވަތަ ހެޔޮބަހަކީ އަތުން އެއްވެސް ޚަރަދެއް ނުގޮސް އަނެކާއަށް ވެދެވޭ ޚައިރާތެކެވެ.އަދި މިކަމުގެ ހެޔޮކަން ތިމާޔަށް އެނބުރި އަންނާނެއެވެ.އިންސާނުންގެ ސިކުނޑިތަކަށް އަދި ހިތްތަކަށް އެންމެ އަސަރު ކުރުވަނީ އަނެކާގެ ފުށުން ފެންނަ ހެޔޮ ކަމުގެ ސަބަބުންނެވެ.ހެޔޮކަން ގަނޑުއައިސް ވިރުވައެވެ.ދަގަނޑު ދޮރުތައް ހުޅުވައެވެ.އަދި ފުރާނަވެސް ސަލާމަތް ކުރުވަން މެދުވެރިވެއެވެ.