ދުނިޔޭގައި ފާހަގަކޮށްލެވޭ ގިނަ އަދަދެއްގެ ކަނޑުއަޑީގެ ޓަނަލްތައް މިހާރުވެސް ހުރިއިރު މިހާތަނަށް އެޅޭ އެންމެ ދިގު ޓަނަލް ޤަތަރުން އީރާނަށް އަޅަން އެދެގައުމުން ކަނޑައަޅައިފިއެވެ.އީރާނުގެ އޮފިޝަލަކު ހާމަ ކޮށްފައިވާ ގޮތުގައި މިކަމާބެހޭ ޕްރެލިމިނަރީ ސްޓަޑީތައް ހެދުމުގައި ހަރަކާތްތެރިވާނެ އީރާންގެ އެކްސްޕާޓުންގެ ގްރޫޕެއް މިހާރު ވަނީ އެކަށައަޅާފައެވެ. އަދި ކަމާބެހޭ ރަސްމީ ވާހަކަތައް ވަރަށް އަވަހަށް ދޯހާގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ.
އީރާނާއި ޤަތަރު ގުޅުވާލުމަށް ޕާޝިއަން ގަލްފް ހުރަސްކޮށް އަޅާ ޓަނަލްގެ ދިގުމިނުގައި 190 ކިލޯމީޓަރު ހުންނާނެއެވެ.މިއީ މީހާރު އޮތް އެންމެ ދިގު ޓަނަލް އަށްވުރެ ތިންގުނަޔަށް ވުރެ ދިގު ޓަނަލަކަށް ވާނެއެވެ.
މިހާރުއޮތް އެންމެ ދިގު ކަނޑުއަޑީގެ ޓަނަލް އަކީ ޖަޕާނުގެ ހޮންޝޫ އާއި ހޮކައިޑޫ ގުޅުވާދިނުމަށްއަޅާފައިވާ ސެއިކަން ޓަނަލް ކަމަށް ވެއެވެ. 1988ވަނަ އަހަރު ފުރިހަމަ ކުރެވުނު މިޓަނަލްގެ ދިގުމިނަކީ 53.85 ކިލޯމީޓަރެވެ. ސެއިކަން ޓަނަލްއަކީ ދުނިޔޭގައިވެސް ފުރަތަމަ ބިނާކުރެވުނު ކަނޑުއަޑީގެ ޓަނަލް އެވެ.
ދެވަނަޔަށް އެންމެ ދިގު ޓަނަލް އަކީ އިންގްލަންޑުން ފްރާންސަށް އަޅާފައިވާ ޗެނެލް ޓަނަލް އެވެ. މިއީވެސް ވަރަށް ޚާއްސަ ބޮޑު ޓަނަލް އެކެވެ.ޗެނެލް ޓަނަލްގެ މަސައްކަތް 1988ގައި ފަށާފައިވާއިރު މަސައްކަތް ނިމިފައިވަނީ 1991ވަނަ އަހަރުއެވެ. އަދި ރަސްމީކޮން ހުޅުވާފައިވަނީ 1994ގެ މޭމަހުއެވެ.
އީރާނާ ޤަތަރު ގުޅުވާލުމަށް އަޅާ ޓަނަލް ގެ ޕްލޭން ފުރަތަމަ ހާމަކޮށްފައިވަނީ 2022ވަނަ އަހަރުއެވެ.އޭގެ ފަހުން މިއަހަރުގެ ނޮވެމްބަރުމަހުވެސް އީރާންގެ ފަސްޓް ވައިސް ޕްރެޒިޑަންޓް މުހަންމަދު ރިޒާ ވަނީ ޕްލޭން އަލުން އިއުލާން ކުރައްވާފައެވެ. މި މެގަ ޕްރޮޖެކްޓްގައި ހިމެނޭ ކަނޑުއަޑީގެ ބައިގެ ދިގުމިނުގައި އެންމެ ކުޑަވެގެންވެސް 185 ކިލޯމީޓަރު ހުންނާނެއެވެ.
ކަނޑު އަޑިން އަޅާ ޓަނަލް ތަކަކީ ހަމަގައިމުވެސް ޚާއްސަ ޓެކްނިކަލް މަސައްކަތްތަކެއް ކޮށްގެން މެނުވީ ކުރެވޭނެ ކަމެއް ނޫނެވެ. ގިނަ ޓަނަލް ތައް އަޅާފަ ހުރީ ދެގައުމެއް ގުޅުވާދިނުމަށް ކަމުގައި ވާއިރު، ޓަނަލްގެ މައިގަޑު މަގްސަދަކަށް ވެފަ އޮތީ ހަމައެކަނި ޓްރާންޕޯޓް ބޭނުންތަކުގެ ބަދަލުގައި ދެގައުމެއްގެ ދެމެދުވެވޭ ވިޔަފާރީގެ ގުޅުންތައް ވަރުގަދަކޮށް، ބައިލެޓަރލް ޓްރޭޑް އިތުރު ކުރުމެވެ.
އީރާން އާއި ދޯހާއާއި ދެމެދު އެޅޭ ބިޔަ ޓަނަލްގެ މަސައްކަތް މިހާތަނަށް ނުފެށިއޮތީވެސް އެދެގައުމު ދެމެދު ކުރެވޭ ވިޔަފާރި އެހާގިނަ ނޫން ކަމަށް ވުމުންނާއި އެފަދަ މެގާޕްރޮޖެކްޓަކުން ލިބޭނެ މާލީ ފައިދާ،ޕްރޮޖެކްޓަށް ކުރެވޭ ޚަރަދަށް ވުރެ ކުޑަވީމައެވެ.
ރާއްޖެއަށް ބަލާނަމަ،ޓްރާންސްޕޯޓް ބޭނުންތަކަށް އެހާބޮޑު ޚަރަދެއްކޮށްގެން ޓަނަލްއެއް ބޭނުންތޯ މިއީ އުފެދޭ ބޮޑު ސުވާލެކެވެ. އަނެއްކޮޅުން މިހާރުވެސް ކަނޑުއަޑީގެ ރީތިކަން ދައްކާދޭ އެކިތަންތަން ހުރިއިރު،އެހާގިނަ ކަސްޓަމަރުން އެތަންތަނަށް ނުދާއިރު، ހަމައެކަނި ކަނޑުއަޑީގެ ރީތިކަން ދައްކާލުމަށް އަގުބޮޑު ޓަނަލް އެއް އަޅައިގެން ދެކޮޅުޖެއްސޭނެތޯ މިއީ ވެސް އުފެދޭ ސުވާލެކެވެ.