ކޮންގްރެސް އިން ބޭނުންނަމަ ޓްރަމްޕް ރިޔާސީ ގޮނޑީގައި އިށީނުން ހުއްޓުވިދާނެ

Loading

Facebook
Twitter
WhatsApp

އެމެރިކާގެ ކޮންގަރެސް އިން ބޭނުންވާނަމަ އިންތިޚާބީ ރައީސް ޓްރަމްޕް ރިޔާސީ ގޮނޑީގައި އިށީންދެ ވަޑައިގަތުން މިހާރުވެސް ހުއްޓުވިދާނެކަމަށް ދަ ހިލް ގެ އޮޕީނިއަނުން ހާމަ ވެއްޖެއެވެ. އެކަމަކު ކޮންގްރެސްއަށް ލިބިފައިވާ އެ ފުރުސަތު އަންނަނީ ކުޑަތަންވަމުންނެވެ.

ތިމާ ކޮށްފައިވާ ހުވަ އާއި ޚިލާފް ވެފައިވާ މުޖުރިމަކު އެމެރިކާގެ ރިޔާސީ ތަޚްތަށް އިންތިޚާބު ކުރުމަށް އެމެރިކާގެ ގާނޫނު އަސާސީ ހުއްދައެއް ނުކުރެއެވެ. އެމެރިކާގެ ގާނޫނު އަސާސީގެ މަޝްހޫރު 14 ވަނަ އެމެންޑްމެންޓުގެ 3 ވަނަ ނަންބަރުގައި ހުދު ކަރުދާހުގައި ކަޅުދެލިން ސާފު އިބާރާތުން މިވާހަކަ ވަނީ ލިޔެފައެވެ. އެ މާއްދާގައި ބުނެފައި ވަނީ މިފަދައިންނެވެ. “ މީގެ ކުރިން އެމެރިކާގެ ގާނޫނު އަސާސީ އަށް ހުރުމަތްތެރިކޮށް ހިތަން ހުވައެއް ކޮށްގެންހުރެ އެގާނޫނު އަސާސީއާއި ޚިލާފަށް ބަޣާވަތެއް ނުވަތަ ނުވަތަ އިންގިލާބެއް ނުވަތަ ދެކޮޅުވެރި ކަމެއް ހިންގައި ނުވަތަ އެފަދަ ކަމަކަށް ތާއީދުކޮށް ނުވަތަ އެހީވެދީ ނުވަތަ އެފަދަ ހަރަކާތެއް ހިންގި ބަޔަކަށް ހިތްހަމަޖައްސައިދީފި މީހަކު އެމެރިކާގެ ނުވަތަ އެމެރިކާގެ ސްޓޭޓެއްގެ މަދަނީ ނުވަތަ މިލިޓްރީ އޮފީހެއްގެ އިސް މަގާމަކަށް އައްޔަން ނުކުރެވޭނެއެވެ. “ މިކަމަށް ބޭނުންވަނީ ކޮންގްރެސްގެ ކޮންމެ ގެއެއްގެ ތިންބައިކުޅަ ދެބައިގެ އަޣްލަބިއްޔަތެކެވެ. ޓްރަމްޕްގެ ޖަރީމާތަކުގެ ތަފްސީލަށް ދިއުމުގެ ބަދަލުގައި އަޅުގަނޑުމެން ދެން ލިޔާނީ “ ގާނޫނު އަސާސީގެ ބާރު ކަނޑުވާލަން ހިންގި ޖަރީމާތައް މިހެންނެވެ. “       

އިސްވެ ބުނެވުނު ކުށެއް ފައިސަލާކުރުމުގައި ބަލާނީ ގާނޫނު އަސާސީގެ ބާރުކަނޑުވާލުން ކަމަށެވެ. ސަރުކާރާ ދެކޮޅަށް ކުރި އަމަލެއްގެ ގޮތުގައެއް ނޫނެވެ. ޑޮނާލްޑް ޓްރަމްޕް ކުރައްވާފައިހުރި އެބާވަތުގެ ކުށްތައް ވަރަށް ގިނައެވެ. މިހާތަނަށް ތަފާތު 3 ފޯރަމެއްގައި އެކަންތަކަށް ވަނީ ނިޔާ ކަނޑައަޅާފައެވެ. އޭގެތެރެއިން 2 ޖަރީމާއެއް ހިންގުމުގައި ޓްރަމްޕްގެ ފަރާތުން ވަނީ ބައިވެރިވެފައެވެ. އޭގެތެރެއިން އެންމެ ފުރަތަމަ ޖަރީމާއަކީ 2021 ވަނައަހަރު ޖެނުއަރީ 13 ވަނަ ދުވަހު ޓްރަމްޕް އާއި ދެކޮޅަށް ބޭއްވުނު 2 ވަނަ އިމްޕީޗްމެންޓް ( ތުހުމަތު ތަކާ ގުޅުންހުރި މުގައްދިމާ ) ތަކާއި ގުޅޭ ތަހްގީގުތަކެވެ. އެއީ އޭރު ރައީސް ކަމުގައި ހުންނަވައިގެން ގާނޫނު އަސާސީން ހުއްދަ ނުކުރާ ދެކޮޅުވެރި އަމަލުތަކެއް ހިންގަވާފައިވާތީ ކުރިމަތި ލައްވަން ޖެހިވަޑައި ގެންނެވި މުގައްދިމާއެވެ. 

ސެނޭޓުގައި ކުރިއަށްދިޔަ އެ މުގައްދިމާގައި ހުރިހާ ޑިމޮކްރެޓުންނާ އެކު އިތުރު 7 ރިޕަބްލިކަނުން ޓްރަމްޕް އާއި ދެކޮޅަށް ވޯޓު ދިންނަމަވެސް ތިންބައިކުޅަ ދެބައިގެ އަޣްލަބިއްޔަތު ނުލިބުމުން މައްސަލަ ކާމިޔާބު ނުކުރެވުނީއެވެ.

ދެވަނަ މުގައްދިމާއަކީ ކޮލޮރާޑޯގެ ކޯޓުގައި 5 ދުވަހަށް ދެމިގެންދިޔަ ޝަރުޢީ އަޑުއެހުން ތަކެވެ. ގާނޫނު އަސާސީގެ ބާރު ކަނޑުވާލަން ޓްރަމްޕް ހިންގަވާފައިވާ ޖަރީމާތައް  އެއްވެސް ޝައްކެއް ނެތް މިންވަރަށް ކޯޓަށް ވަނީ ސާބިތު ކުރެވިފައެވެ. އެހެންނަމަވެސް ޓްރަމްޕްގެ ފަރާތުން އެމެރިކާގެ ސުޕްރީމް ކޯޓުގައި އެ މައްސަލަ އިސްތިއުނާފް ކުރުމުން އެ ކޯޓުން ނިންމާފައިވަނީ އެއްވެސް ސްޓޭޓެއްގެ ކޯޓަކުން ފެޑެރަލް މައްސަލަތަކުގައި ގޮތެއް ކަނޑައެޅުމުގެ ބާރުލިބިފައި ނޯންނާނެ ކަމަށެވެ. ސުޕްރީމް ކޯޓުގެ އެ ނިންމުމާއެކު އެ މައްސަލައިން ޓްރަމްޕް ރެކޭނެ ފުރުސަތު ލިބުނު ކަމުގައިވިޔަސް އިތުރު ބައިވަރު މައްސަލަތައް އެބަހުރިކަމަށް ވެއެވެ. އޭގެތެރޭގައި ޖެނުއަރީ 6 ވަނަ ދުވަހު އެމެރިކާގެ ކެޕިޓްލް ހިލްގައި ޓްރަމްޕް ހިންގި ހަމަނުޖެހުން ފާހަގަ ކުރެވެއެވެ. އެ ޖަރީމާތަކުގެ ތަހްގީގުގައި ޓްރަމްޕް ސަރުކާރުގެ އިސް މަގާމުތަކުގައި ތިބި ބައެއް މީހުންވެސް ވަނީ ހެކިބަސް ދީފައެވެ. ގާނޫނު އަސާސީގެ ބާރު ކަނޑުވާލަން އެ ހިންގި ގަޑުބަޑުން ރެކެވޭނެ އެއްވެސް ގޮތެއް ޓްރަމްޕް އަކަށް ނޯންނާނެއެވެ. އޭގެތެރެއިން އެންމެ ފާހަގަކުރެވެނީ ގާނޫނު އަސާސީގެ ބާރު ކަނޑުވާލައި ޖޯ ބައިޑްންގެ އިލެކްޓޯރަލް ވޯޓުތައް އުކާލަން ވައިސް ޕްރެޒިޑެންޓް މައިކް ޕެންސަށް އަމުރުކުރުން ފާހަގަކުރެވެއެވެ. ނައިބް ރައީސް މައިކް ޕެންސް އެކަމަށް އިންކާރު ކުރެއްވުމުން “ ނައިބް ރައީސް މައިކް ޕެންސް ދަންޖައްސަން “ ކެޕިޓްލް ހިލްގައި ހުރެފާ ޓްރަމްޕް ގޮވި ގޮވުން ޚާއްސަ ގޮތެއްގައި ފާހަގަ ކުރެވެއެވެ.                             

ވޯޓު ގުނުމާގެހޭ ގާނޫނުގެ ދަށުން އޮބްޖެކްޝަނެއް ފައިލް ކުރަން ބޭނުންވާނަމަ ކޮންގްރެސްގެ 2 ގެއިންކުރެ ކޮންމެ ގެއަކުން %20 މެމްބަރުންގެ ސޮއި ބޭނުން ވާނެއެވެ. އެއަށްފަހު 2 ގޭގެ މެމްބަރުންގެ އަޣްލަބިއްޔަތު ދެމެހެއްޓިއްޖެނަމަ ކަމަލާ ހަރިސް ރިޔާސަތާ ހަވާލުވުމުގެ ފުރުސަތު ހުޅުވިގެންދާނެއެވެ. މިފަދަ ބަދަލަކަށް ޑިމޮކްރެޓުންގެ ހިތްވަރުވެސް ހުންނަން ޖެހޭނެއެވެ.                                       

Loading

3 Responses

  1. މި ލިޔުން ކިޔައި ވިސްނައިލީމާ އެނގުނީ އެމެރިކާގެ ޤާނޫނުގެ ދޯހަޅިކަމެވެ. ޤާނޫނަށް ޢަމަލުކުރުމުގައި ކުރަފި ވިސްނުން ވިސްނާކަމެވެ. އެހެނީ އެފަދަ މީހަކު ރިޔާސީ ގޮނޑީގައި އިށީނުން ޤާނޫނުމަނާ ކުރާ ސަބަބުތަކެއް ހުރެމެ، އޭނާ އެގޮނޑީ ގައި އިށީނުމަށް ފެނޭތޯ އެމެރިކާގެ ދައުލަތުން ރައްޔިތުންނަށް ފުޞަތު ހޯދައި ދިނުމެވެ. ރައްޔިތުން އެ ފުރުޞަތުގެ ބޭނުން ހިފައި، ރައްޔިތުން އެ އޮތީ އޭނާ ގޮނޑީގައި އިށީނުމަށް ސާފު އަޣުލަބިއްޔަތުން އާއެކޭ ބުނެފައެވެ. ވީމާ ރައްޔިތުންގެ ފަރާތުން ބާރު ލިބިގެން ހިނގާ ޑިމޮކްރަސީއެއް ކަމަށް ވާނަމަ، ތިޔަ ވިދާޅުވާ އެމެރިކާގެ ޤާނޫނުގެ ތިޔަވިދާޅުވި މާއްދާގެ ބޭނުމެއްނެތެވެ.

  2. އަލިފް ހާ އަށް ވެދުން ސަލާމް..
    އެމެރިކާގެ ގާނޫނު އަސާސީ ވެސް އަޅުގަނޑުމެންގެ ގާނޫނު އަސާސީވެސް ހަމަ ބަރާބަރެވެ.
    އަޅުގަނޑުމެން ވޯޓުދީގެން ރައީސަކު ހޮވަނީ ގާނޫނުގައި ލިއެފައި އޮތް އެތި ނުރަނގަޅުވީމަކާ ނޫނެވެ. އަޅުގަނޑުމެންނަށް ވަގުތީގޮތުން ލިބޭ ފައިދާއެއްގެ ބޭނުމުގައެވެ. އޭގެފަހުން ވެގެންދާގޮތް ލިއުމަށްވުރެން ސާފުކޮށް މިދަނީ ފެންނަމުންނެވެ. އަޅުގަނޑުމެންގެ މަޖިލީހަށްވެސް ރައީސަކު ގޮނޑިއަށް ދިއުން ހުއްޓުވުމާއި ގޮނޑިން ބޭލުމުގެ ބާރު ގާނޫނުގައި އޮތީ ދީފައެވެ. އެކަމަކު ކަންތައްދަނީ އެހެންނަކުންނޫނެވެ.
    ގާނޫނު އަސާސީތައް ރަނގަޅެވެ. އޭގައި ލިޔެފާއޮތް އެއްޗެއް ނޭންގޭ ކަމަށް ހަދާފައި ވަގުތީ ފައިދާއެއް ލިބޭގޮތަށް ވޯޓު ދިނުމަކީ ދިވެހިން ބުނެއުޅޭގޮތަށް މަސްނުބޭވުނީމާ ކަނޑު ނުބައި ކުރުމެވެ. ކޮންމެ ގައުމެއްވެސް ކުރިއަށްދާނީ ރައްޔިތުން އިޚްތިޔާރު ކުރާގޮތަކަށެވެ. ރަނގަޅުގޮތާއި ނުރަނގަޅުގޮތް ނޭންގެނީއެކޭ ނުބުނެވޭނެއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް