މިދިޔަ އޮކްޓޯބަރ މަހު ރަޝިޔާގެ ރައީސް ޕޫޓިންގެ ރިޔާސަތުގައި އެ ގައުމުގެ ހުޅަނގު ސަރަހައްދުން ޓާރޓާރސްޓަން ޖުމްހޫރިއްޔާގެ ވެރިރަށް ކަޒާންގައި ބޭއްވި ބްރިކްސް ޖަމާއަތުގެއެންމެ އިސްވެރިންގެ ދައުވަތަށް ވަޑައިގެންނެވި ތައިލޭންޑްގެ ޑެލިގޭޝަނަށް ރައީސް ޕޫޓިން ދެއްވި ދައުވަތު ގަބޫލު ކުރައްވައި އެ ޖަމާއަތުގެ މެމްބަރަކަށް ވުމަށް ތައިލޭންޑުން ނިންމައިފިއެވެ.
މިކަމާ ގުޅިގެން ތައިލޭންޑުގެ ވަޒީރުންގެ މަޖިލީހުން ޑިސެމްބަރ 24 ގައި ކުރެވުނު މަޝްވަރާތަކުގައި ނިންމަވާފައިވަނީ ބްރިކްސް ޖަމާއަތުގައި ގުޅުމަކީ އެ ގައުމަށް ގިނަ ދާއިރާތަކަކުން ފައިދާ ކުރަނިވި ކަމެއް ކަމަށެވެ. އޭގެތެރޭގައި ކާބޯތަކެއްޗާއި ހަކަތައިގެ ޔަގީން ކަމާއި އަދި ވިޔަފާރިއަށް ލިބިގެންދާނެ ކުރިއެރުން އެ ބޭފުޅުން ފާހަގަކުރެއްވިއެވެ. މި ޑިސެމްބަރ މަހުގެ 26 ވަނަ ދުވަހު ނޫސްވެރިންނަށް ދެއްވި ބަސްދީ ގަތުމެއްގައި ތައިލޭންޑުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ވަނީ ބްރިކްސްގެ ޕާރޓްނަރަކަށްވުން ތައިލޭންޑުން ގަބޫލުކޮށްފިކަން ކަށަވަރުކޮށްދީފައެވެ.
ބޭންކޮކްގެ މި ނިންމުމަށް ހުޅަނގުގެ މީޑިއާތައް މެދުވެރިކޮށް ވަރަށް ގިނަ ފާޑުކިއުންތައް އައިސްފައިވެއެވެ. އޭގެ ތެރޭގައި 2022 ވަނަ އަހަރު ރަޝިޔާއިން ޔޫކްރެއިނަށް އަރާގަތުމާގުޅިގެން ހުޅަނގުގެ ގައުމުތަކުން ރަޝިޔާއާ ދެކޮޅަށް އަޅަމުންގެންދާ އިގްތިސާދީ ދަތިކުރުންތަކުގައި ބޭންކޮކުން ބައިވެރި ނުވުމާއި އަދި އެ ހަނގުރާމައިގާ ވަކިފަރާތަކަށް ނުޖެހުމުގެ ސިޔާސަތެއް ގެންގުޅޭތީވެ ބޮޑެތި ފާޑުކިއުންތަކެއް ވަނީ އަމާޒު ކޮށްފައެވެ. ހުޅަނގުގެ ސިޔާސަތަށް ތާއީދުކުރާ އެ ވިސްނުމަށް ތައިލޭންޑުގެ ރައްޔިތުން ފަރުދީ ގޮތުންވެސް ވަނީ ރައްދު ދީފައެވެ. އޭގެތެރެއިން ބައެއް މީހުންގެ ރައްދުގައި ތައިލޭންޑުގެ ރަށްވެހިން ނޫން އެހެން މީހުން ތައިލޭންޑުގެ ސިޔާސަތަށް ފާޑުކިއުމަކީ ތާކުންތާކު ނުޖެހޭ ބޭކާރު ކަމެއް ކަމަށާއި އަދި އޭޝިޔާއާއި މެދުއިރުމަތީގެ ގިނަ ގައުމުތަކުންނާއި އެފްރިކާ ބައްރުގެ ގައުމުތަކުންވެސް ރަޝިޔާއާއި ޔޫކްރެއިންގެ ދެކޮޅުވެރިކަމުގެ ތެރެއަށް ވަދެފައި ނުވާކަން ހަނދާންކޮށްދީ ތިމަތިމާ މެންނާ ނުބެހޭ ކަންތަކާ ކާޅުކެޔަސް ސޮ ނުކިޔާ ތިބުންފަދަ އިބާރާތްތައް ބޭނުންކޮށްފައި ހުރިތަން ފެނެއެވެ.
ބްރިކްސް ޖަމާއަތް އުފެދުނުފަހުން އެންމެ ފުރަތަމަ އެ ޖަމާއަތުގައި ބައިވެރިވި ދެކުނު އެފްރިކާއިންނެވެ. އެއަށްފަހު 2024 ވަނަ އަހަރު ފެށުނު ހިސާބުގައި މިސްރާއި އިތިއޯޕިޔާއާއި އީރާނާއި އަދި އެމިރޭޓްސް އިން ވަނީ އެ ޖަމާއަތުގައި ބައިވެރި ވެފައެވެ. ކަޒާންގައި ބޭއްވި އެ ޖަމާއަތުގެ އެންމެ އިސްވެރިންގެ ބައްދަލުވުމުގައި 36 ގައުމެއްގެ އެންމެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިކަން ފާހަގަކުރެވެއެވެ. އަދި އިތުރު 34 ގައުމަކުން އެ ޖަމާއަތުގައި ބައިވެރިވުމަށް އެދި މިހާރުވަނީ ހުށައަޅާފައެވެ.
ބްރިކްސް ޖަމާއަތުގެ މިހާރުގެ މާރކެޓަކީ ދުނިޔޭގެ ނިސްބަތުން %35 އެވެ.