އިސްދޫ ދާއިރާގެ ކުރީގެ މެމްބަރުގެ ކުންފުނީގެ މައްސަލަ ތަހުގީގު ކުރަން ޕްރޮސެކިއުޓާ ޖެނަރަލް އައްބާސް ޝަރީފް ފުލުހުންނަށް އަމުރުކުރައްވައިފިއެވެ.
ޕީޖީ އައްބާސް އަމުރުކުރައްވާފައި ވަނީ އަލީ ހަމީދުގެ ނޯތު ކޯސްޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް އޮފީސް އިމާރާތެއް އެޅުމަށް އެޑްވާންސް ޕޭމަންޓެއްގެ ގޮތުގައި 44 މިލިއަން ރުފިޔާ ދިން މައްސަލަ ތަހުގީގު ކުރުމަށެވެ.
އެގޮތުން ޕީޖީ އޮފީހުން މިއަދު ބުނީ މި މައްސަލައަކީ ދިވެހި ދައުލަތާއި، ރައްޔިތުންގެ އާންމު މަސްލަހަތު މަތީ ދަރަޖައަކަށް އޮތް ހައްސާސް މައްސަލައެއް ކަމުން މި މައްސަލައަށް އިތުރު ސަމާލުކަމެއް ދީގެން ހާއްސަ ތަހުގީގު ޓީމެއް އެކުލަވާލައި، އަވަސް މައްސަލައެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަށް އެދިފައިވާނެ ކަމަށެވެ.މީގެ އިތުރުން މި މައްސަލައިގައި ހިމެނޭ ފަރާތްތަކާ ގުޅޭ މި ބާވަތުގެ އިތުރު ޕްރޮޖެކްޓެއްވާނަމަ އެކަންކަންވެސް މި މައްސަލައިގެ ތެރެއިން ތަހުގީގު ކުރެއްވުމަށް އަންގާފައި ވާނެ ކަމަށް ޕީޖީ އޮފީހުން ބުނެފައި ވެއެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުން އަލީ ހަމީދުގެ ކުންފުންޏާ އެންމެ ފުރަތަމަ ހަވާލުކުރީ ހޮސްޕިޓަލެއް ތަރައްޤީ ކުރުމަށެވެ. އަދި ދެހާސް ބާވީސް ވަނަ އަހަރު އެ އެއްބަސްވުން ބާތިލްކޮށް އޮފީސް އިމާރާތެއް އެޅުމަށް އަލީ ހަމީދުގެ ކުންފުންޏާ ހަވާލުކުރުމަށްފަހު އެ އިމާރާތް އެޅުމަށް މިދިޔަ އަހަރު އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ވަނީ އެ ކުންފުންޏަށް 44 މިލިއަން ރުފިޔާ ދައްކާފައެވެ.