ޔަމަނުގެ މުޖާހިދުންނަކީ އާދައިގެ ދުޝަމަނުންނެއް ނޫން ކަމަށް އެ ޤައުމުގެ މިލިޓްރީއާ ހަވާލާދީ އިސްރާއީލުގައި ހަވީރުނެރޭ ދުވަހު ނޫސް މާރިވް އިން ބުނެފިއެވެ.
އިއްޔެ ހެނދުނު ދެކުނު އަދި މެދުތެރޭ އިސްރާއީލުގައި ކުއްލި ހާލަތުގެ ބަރު ގޮނު އަޅާފައިވަނީ ޔަމަނުގެ ހޫތީ މުޖާހިދުންގެ ބެލިސްޓިކް މިސައިލް ހަމަލާއެއްގެ ސަބަބުން ކަމަށާއި އެ މިސައިލް އިސްރާއީލުގެ ދިފާއީ ނިޒާމުން ދެނެގަތުމަށްފަހު ވައިގެ ސަރަހައްދުގެ ތެރެއަށް ގޮއްވާލެވުނު ކަމުގައިވިޔަސް އެ މިސައިލް ހަލާކުވުމުން ބުރައިގެން ދިޔަ ބައިތަކުން ލިބިދާނެ ގެއްލުންތައް ކުޑަ ކުރުމަށްޓަކައި ކަމަށް އިސްރާއީލުގެ ޑިފެންސް ފޯސް އިންބުނެފިއެވެ.
ކުއްލި ނުރައްކަލުގެ ބަރުގޮނު އެޅި ސަރަހައްދުތަކުގެ ތެރޭގައި ތެލް އަވީވާއި ޖައްފާ އާއި ޕެޓާއާއި ޓިކްވާއާއި ރިޝޯން ލެޒިއޯން އާއި އަޝްދުދާއި ރަމަތު ގަން އާއި ލޯޑް އާއި ރަމްލޭ އާއި ހަޒްލިޔާ އަދި ރެހްވޯތު ހިމެނެއެވެ. އޭގެ ކުޑައިރުކޮޅެއްފަހުން އިސްރާއީލުގެ ދެކުނު ސަރަހައްދުތަކުގެތެރެއިން އަރާދު އާއި ކުސައިފް އާއި ނެގެވްގެ އަރްއަރާ އާއި ބަދަވީންގެ ގަބީލާތައް ދިރިއުޅޭ ބައެއް ސަރަހައްދު ތަކުގައިވެސް ކުއްލި ހާލަތުގެ ބަރުގޮނު ވަނީ އަޅާފައެވެ. އިސްރާއީލުގެ ޑިފެންސް ފޯސް އިން ހާމަކޮށްފައިވާ ގޮތުގައި އެ ގައުމުގެ ދިފާއީ އައްޑަނަތަކަށް ވަރަށް ގިނަ އިންޒާރު ތަކެއް ލިބިފައިވާއިރު ގިނަ އަދަދެއްގެ ހަމަލާތަކެއް ވާނީ ވައިގެ ތެރެއަށް ހަލާކު ކޮށްލާފައެވެ.
ހޫތީ މުޖާހިދުން ވަނީ މި ހަމަލާތަކުގެ ޒިންމާ އުފުލާފައެވެ. ހޫތީ މުޖާހިދުން ބުނެފައިވަނީ އެ ޖަމާއަތުގެ މިސައިލް ހަމަލާ އަމާޒުކޮށްފައިވާނީ އިސްރާއީލުގެ މިލިޓްރީ ޓާގެޓް ތަކަށް ކަމަށާއި އިސްރާއީލުން ކޮންމެ ވާހައެއް ދެއްކި ނަމަވެސް އެ ހަމަލާތައް އޭގެ އަމާޒަށް ވާސިލު ވެފައިވާކަމަށެވެ.
ޔަމަނުގެ މުޖާހިދުންގެ ރޮކެޓް ހަމަލާތަކުގެ އަނދިރި ހިޔަނި ތެލް އަވީވަށް އެޅެމުން ދިއުމުން ދޭހަކޮށްދެނީ އިސްރާއީލުގެ މިލިޓްރީއާއި ސެކިއުރިޓީ ނިޒާމްތަކުގައި ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި ކަމަށާއި އަދި ހޫތީ މުޖާހިދުންނަކީ އާދައިގެ ދުޝްމަނުންކަމުގައި ބެލެވެން ނެތްކަމަށެވެ. ހޫތީ މުޖާހިދުންގެ ހަމަލާތަކާމެދު އަޖައިބުވާން ޖެހިފައިވާކަމަށް އިސްރާއީލުގެ މިލިޓްރީންވެސް އެއްބަސް ވެފައިވާ ކަމަށް މާރިވް އިން ބުނެފައިވެއެވެ. މާރިވް އަކީ އިސްރާއީލުގައި ހަވީރުނެރޭ ދުވަހު ނޫހެކެވެ، އިސްރާއީލުގެ މިލިޓްރީން ވެސް އެއްބަސްވަފައިވާގޮތުގައި ހޫތީ މުޖާހިދުންގެ ހަމަލާތަކަކީ ވަރަށް ދެނެގަތުން އުދަނގޫ އަދި މިހާތަނަށް އިސްރާއީލުގެ މިލިޓްރީން ތަޖްރިބާ ކުރަން ޖެހިފައިނުވާ އުކުޅުތަކެއްގެ މައްޗަށް ބިނާކޮށްގެން ދެމުންގެންދާ ހަމަލާތަކެކެވެ. އަދި އެ ޖަމާއަތުން ބޭނުންކުރަމުންގެންދާ އުކުޅުތައް ދެނެގަނެވޭނެ މަގެއްވެސް މިހާތަނަށް ފެނިފައި ނުވާކަމަށް އިސްރާއީލުގެ މިލިޓްރީން ވަނީ އެއްބަސް ވެފައެވެ.
ހޫތީ މުޖާހިދުން ބުނެފައިވަނީ ގައްޒާގައި އިސްރާއީލުން ހިންގަމުންގެންދާ ގަތުލު އާންމު ހުއްޓާލައި އިސްރާއީލުގެ ސިފައިން ގައްޒާއިން ފައިބާ ދުވަހަކާ ހަމަޔަށް އެ ޖަމާއަތުން އިސްރާއީލަށް ހަމަލާދިނުން ނުހުއްޓާނެ ކަމަށެވެ.
One Response
ހޫތީންނަށް ހަމަ ސާބަސް އިރާދަކުރެވިއްޔާ އިޒުރޭލު ހަލާކުވެދާނެ