ޕާކިސްތާނުން ބަންގްލާދޭޝްއަށް ބޯޓުފަހަރު ދިއުން އިންޑިއާގެ ކަންބޮޑުވުމަކަށް!

Loading

December 25, 2024
profile
Facebook
Twitter
WhatsApp

ބަންގްލާދޭޝްގެ ޗިޓަގޯންގް ބަނދަރާއި މޮންގްލާ ބަނދަރު އިންޑިއާއިން ބޭނުންކުރުން ހުއްދަކޮށްފައިވާ އެއްބަސްވުން އަލުން މުރާޖަޢާ ކުރަން ބޭނުންވާ ކަމުގެ އިޝާރާތެއް އެ ގައުމުގެ މިނިސްޓްރީ އޮފް ޝިޕިންގ ގެ އޮފިޝަލުންގެ ފަރާތުން ލިބިފައިވާ ކަމަށާއި ޕާކިސްތާނުން މުދާ އެތެރެކުރުމަށް ވެސް ބާރު އަޅަމުންގެންދާކަމަށް ބަންގްލާދޭޝްގެ ބައެއް ވިޔަފާރި ވެރިންނަށް ހަވާލާދީ އިކޮނޮމިކް ޓައިމްސް އިން ވަނީ  މި ޑިސެމްބަރ މަހު 23 ވަނަ ދުވަހު ރިޕޯރޓްކޮށްފައެވެ.  

                                                   

މި ހުސްވި ނޮވެމްބަރ މަހު ޗިޓަގޯންގް ގެ ފިނި ޖައްވުގެ ތެރެއަށް ކުއްލިއަކަށް މެދުވެރި އާދަޔާ ޚިލާފް ހާދިސާއަކީ ގާތްގަނޑަކަށް 53 އަހަރު ދުވަހުގެ ދިގު މުއްދަތަކަށްފަހު ޕާކިސްތާނުން ބަރުކޮށްގެން ބަންގްލާދޭޝްގެ ޗިޓަގޯންގަށް ކޮންޓޭނަރ އުފުލާ ބޯޓެއް އައުމެވެ.                                                  

ޗައިނާގެ އަންހުއީ ގުއޯހާއި ސަންލޯންގް ޝިޕިންގ އަށް ނިސްބަތްކުރެވޭ ޔުއާން ޒިއާންގް ފާ ޒާން އަކީ ޕެނަމާގައި ރަޖިސްޓަރީ ކޮށްފައިވާ ބޯޓެކެވެ. އެ ބޯޓު ދަތުރުކޮށްފައިވަނީ އެމިރޭޓްސް އިން ޕާކިސްތާނަށް އަދި އެއަށްފަހު ސިދާ ބަންގްލާދޭޝްގެ ޗިޓަގޯންގަށެވެ. އެބޯޓުން ގެނައި ކަމަށްވަނީ ޓެކްސްޓައިލްގެ ބާވަތްތަކާއި އަދި ހަކުރު ކަން އެނގިފައިވެއެވެ.                                                      

އިންޑިއާއިން ދެކޭގޮތުގައި ޕާކިސްތާނުން މިއަންނަ ބޯޓު ފަހަރުން ބަންގްލާދޭޝްގެ ޓެރަރިސްޓް ޖަމާއަތްތަކަށް ހަތިޔާރު އުފުލުގެ ފުރުސަތު އޮތްކަމަށްޓަކައި ފާރަލާން ޖެހޭކަމަށް ދަ އިކޮނޮމިކް ޓައިމްސްއަށް މައުލޫމާތު ދީފައިވެއެވެ. ޗިޓަގޯންގް ބަނދަރުގެ ސަލާމަތީ ފިޔަވަޅު ތައްވެސް ހަރުދަނާގޮތެއްގައި ބެލެހެއްޓެމުން ނުދާކަން ވަނީ ފާހަގަ ކޮށްފައެވެ. 2004 ވަނައަހަރުވެސް ވަގަށް ހަތިޔާރު އެތެރެކުރަން އުޅުމުގެ ހާދިސާއެއްވަނީ މެދުވެރިވެފައެވެ. ފަހުން އެނގިފައިވާގޮތުގައި އެއީ ޕާކިސްތާނުގެ ލަޝްކަރޭ ތައިބާއިން ބަންގްލާދޭޝްގެ ލިބަރޭޝަން ފްރަންޓް އޮފް އާސަމް އަށް ފޮނުވި ހަތިޔާރުތަކެކެވެ.                              

މީގެ ކުރިން ޕާކިސްތާނުން ބަނގްލާދޭޝް އަށް މުދާ އެތެރެކުރަންޖެހެނީ މެލޭޝިއާ ނުވަތަ ސިންގަޕޯރ ނުވަތަ ސްރީލަންކާ މެދުވެރިކޮށެވެ.                                                      

ބަންގްލާދޭޝްގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާއެކުވެސް ބަންގްލާދޭޝް ސަރުކާރުގެ ޚާއްސަ މުޝީރު މުހަންމަދު ޔޫނުސް އާއި ޕާކިސްތާނުގެ ބޮޑުވަޒީރު ޝާހްބާޒް ޝަރީފް ގާހިރާގައި ބައްދަލު ކުރެއްވިތާ އެއް ދުވަސްފަހުން އެއްހާސް ކޮންޓޭނަރާއެކު އެހެން ބޯޓެއް ޕާކިސްތާނުން ފުރައިގެން ޗިޓަގޯންގް ބަނދަރަށް އަތުވެއްޖެއެވެ. އެހެންނަމަވެސް އެ ކޮންޓޭނަރ ތަކުގައި ހުރީ ކޮން ބާވަތެއްގެ މުދަލެއްކަން ބަނގްލާދޭޝް ސަރުކާރުން ހާމައެއް ނުކުރެއެވެ.                                                  

މިދިޔަ ސެޕްޓެމްބަރ މަހުގެ ފަހުން މުހަންމަދު ޔޫނުސް އާއި ޝާހްބާޒް ޝަރީފް ވަނީ ދެފަހަރު ބައްދަލުކުރައްވާފައެވެ.                                            

2022 ވަނައަހަރު ޕާކިސްތާނުގެ މަނަވަރު ޕީ އެން އެސް ތައިމޫރު ޗިޓަގޯންގްގައި ބަނދަރުކުރުމުގެ ހުއްދަ އޭރުގެ ބޮޑުވަޒީރު ހަސީނާ ނުދެއްވިއެވެ. އެ މަނަވަރަކީ ޗައިނާގައި ބަނދެފައިވާ މަނަވަރެކެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް