ރަޝިޔާގެ މުސްލިމް ފިރިހެނުންނަށް އެކަކަށްވުރެގިނަ އަނބިންނާ އިނދެވޭ ގޮތަށް އޮތް އޮތުން އެގައުމުގެ އެންމެ މަތީ އިސްލާމިކް ކައުންސިލުން ބަދަލުކޮށްފިއެވެ.
ރަޝިޔާގެ އިސްލާމިކް ކައުންސިލް އޮފް ސްކޮލާސްގެ ފަރާތުން މިގޮތަށް ނިންމުމުގެ ކުރިން، ޑިސެމްބަރ 17 ވަނަ ދުވަހު ވަނީ މުސްލިމް ފިރިހެނުންނަށް ހަތަރު އަނބިން ހުއްދަވާ ހާލަތްތައް ހާމަކޮށް ފަތުވާއެއް ނެރެފައެވެ. އެއީ ކައިވެނީގައި ހުރިހާ އަނބިންނަށް ހަމަހަމަ ކޮން ހިތުމާއި ވަކިން ދިރިއުޅެވޭނެ ތަންތަން ހަމަޖައްސައި ދިނުމާއި އަދި ކޮންމެ އަންބަކަށް ހަމަހަމަޔަށް ފިރިމީހާ ވަގުތު ދިނުމެވެ.
ރަޝިޔާގައި އެއް އަންބަށްވުރެ ގިނަ މީހުނާ އިނުމަކީ ގާނޫނީ ގޮތުން މަނާ ކަމެކެވެ. އެހެންކަމުން އިސްލާމިކް ކައުންސިލުން ނެރުނު މިފަތުވާއާއި އެކު މަޖިލީހުގައި އަދި ސޯޝަލް މީޑިޔާގައިވަނީ ވަރަށް ބޮޑަށް ފާޑުކިއުންތައް އިތުރުވެގެން ގޮސްފައެވެ. ޕާލިއަމެންޓަރީ ފެމިލީ އެފެއާސް ކޮމިޓީގެ ހެޑް ވެސް ވަނީ އިސްލާމިކް ފަތުވާ ބަލައިނުގަނެވޭނެ ކަމަށް ބުނެފައެވެ.
ސޯޝަލް މީޑިޔާގައި ފާޑުކީ ފަރާތްތަކުން ބުނެފައިވަނީ މިއީ ކަނޑައެޅިގެން ރަޝިޔާގެ ގާނޫނާ ޚިލާފް ފަތުވާއެއްކަމުގައެވެ.
ހޯމަ ދުވަހު ޕްރޮސެކިއުޓަރ ޖެނެރަލް ގެ އޮފީހުން ވަނީ އިސްލާމިކް ފަތުވާ ކޮމިޓީގެ ރޫލިންގ، ނުވަތަ ނިންމުން ރަޝިޔާގެ ދައުލަތުގެ ފެމިލީ ޕޮލިސީ ތަކާ ޚިލާފް ކަމަށް ކައުންސިލް އޮފް ސްކޮލާސް އަށް އަންގާފައެވެ. މިއާއެކު އިސްލާމިކް ކައުންސިލް އޮފް ސްކޮލާސް އިން ބުނެފައިވަނީ ހަތަރު އަނބިން ހުއްދަކުރާ ކަމަށް ބުނި ފަތުވާ އަނބުރާ ގެންދާ ކަމުގައެވެ. އެހެން ނަމަވެސް ހަތަރު އަނބިން ހުއްދަ ކުރައްވާފައިވަނީ އިސްލާމް ދީނުގެ ފަރާތުން ކަމަށާއލ އެހެން ކަމުން މިކަމާ ބެހޭ ގޮތުން ކުރެވޭ ބަހުސެއްގައި ބައިވެރިވާން ބޭނުން ނުވާކަމަށް ކައުންސިލްގެ ޗެއާމަން ޓެލެގްރާމްގައި ލިޔެފައި ވެއެވެ.
ރަޝިޔާގެ 143.8 މިލިއަން އާބާދީގެ ގާތްގަނޑަކަށް 10 އިންސަތަޔަކީ މުސްލިމުންނެވެ. މުސްލިމުން އެންމެ ގިނަ ސަރަހައްދުތަކުގެ ތެރޭގައި ޗެޗްނިޔާ، ދާގެސްތާން، އިނގުޝޭތިއާ، ޓާޓާސްތާން އަދި ބަޝްކޯޓޮސްތާން ހިމެނެއެވެ.
މައުލޫމާތު : ވިއޯން ޗެނެލް