ހުކުރު ދުވަހު ހަވީރު ބުލޫމްބާރގުން ދީފައިވާ ޚަބަރުތަކުގައި މަހެއްހާ ދުވަހުގެ މެދުކެނޑުމަކަށްފަހު ރަޝިޔާއިން ކީވަށް އަނެއްކާވެސް މިސައިލް ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކުގައި އެ ޝަހަރުގައި ހުރި ހުޅަނގުގެ ގައުމުތަކުގެ އެމްބަސީތަކަށްވަނީ ގެއްލުންތަކެއް ލިބިފައެވެ. އެހެންނަމަވެސް އެމްބަސީތަކުގައި މަސައްކަތްކުރާ އެއްވެސް މީހަކަށް ގެއލުން ލިބިފައިނުވާކަމަށް ބުނެފައި ވެއެވެ. ޔޫރަޕިއަން ޔޫނިއަންގެ ޚާރިޖީ ސިޔާސަތުގެ މިހާރުގެ އެންމެ އިސްވެރިޔާ ކާޖާ ކަލާސް ވަނީ ރަޝިޔާގެ މި ހމަލާތައް ކުށްވެރި ކުރައްވާފައެވެ.
ރަޝިޔާއިން މި ހަމަލާދިނުމުގައި ޔޫކްރެއިނުގެ ސިއްރު އޭޖެންޓުން ބޭނުންކޮށްގެން ދިން ބޮމުގެ ހަމަލާއެއްގައި މިދިޔަ އަންގާރަ ދުވަހު ރަޝިޔާގެ ރޭޑިއޯލޮޖިކަލް ކެމިކަލް އަދި ބައިއޯލޮޖިކަލްއާ ބެހޭ ދިފާއީ ބާރުގެ އެންމެ އިސްވެރިޔާ ލެފްޓިނެންޓް ޖެނެރަލް އީގޯވް ކިރިލޯވް މަރާލުމާވެސް ގުޅުން ހުރިކަމަށް ބެލެވެއެވެ.
ކީވުގެ މިލިޓްރީ އެޑްމިނިސްޓްރޭޝަނުން ހާމަކޮށްފައިވާ ގޮތުގައި މި ހަމަލާތަކުގައި އެކަކު މަރުވެ އަދި ނުވަ މީހަކު ވަނީ ޒަޚަމް ކޮށްލާފައެވެ. އަދި ކީވް ޝަހަރުގެ ހަތަރު ސަރަހައްދަކުން އިމާރާތްތަކާއި ގުދަންތަކާއި އަދި ވިޔަފާރީގެ މަރުކަޒްތަކަށްވެސް ވަނީ ގެއްލުންތަކެއް ލިބިފައެވެ.
ޔޫކްރެއިންގެ އެއާރޑިފެންސް ކޮމާންޑަރ ދަ ޓެލިގްރާފަށް ކިޔާދީފައިވާގޮތުގައި ރަޝިޔާއިން ހަމަލާދީނުމަށް ބޭނުންކުރި 5 ބެލިސްޓިކް މިސައިލް އާއި 40 ޑްރޯން ވާނީ ޖައްވުތެރޭގައި ނައްތާލާފައެވެ. ކީވްގެ އިމާރާތްތަކަށް ގެއްލުންލިބުނީ ހަލާކުކޮށް ލެވުނު މިސައިލްތަކުން ވެއްޓުނު ބައިތަކުގެ ސަބަބުންނެވެ. އެހެންނަމަވެސް ރަޝިޔާގެ ރައީސް ޕޫޓިން ވިދާޅުވެފައިވަނީ އެމެރިކާއިން ޔޫކްރެއިނަށް ދީފައިވާ އެއާރޑިފެން ސް ސިސްޓަމަކީ ރަޝިޔާގެ ހަމަލާތަކުން ދިފާއު ވެވިދާނެ އެއްޗެއް ނޫންކަމަށެވެ.
މޮސްކޯގެ ދިފާއީ ވުޒާރާއިން ބުނެފައިވަނީ ރަޝިޔާގެ މި ހަމަލާއަކީ އެމެރިކާއިން ޔޫކްރެއިނަށް ދީފައިހުރި ދުރުރާސްތާ ހަތިޔާރު ބޭނުން ކޮށްގެން މި ދިޔަ ބުދަދުވަހު ރަޝިޔާގެ އެތެރެއަށް ހަމަލާދިނުމުން ދިން ރައްދެއް ކަމަށެވެ. އަދި ރަޝިޔާގެ ހަމަލާތައް އަމާޒުކޮށްފައިވާނީ ޔޫކްރެއިންގެ ސަލާމަތީ ނިޒާމްގެ ކޮމާންޑިން ޕޯސްޓް ތަކަށާއި އަދި އެމެރިކާއިން ދީފައިހުރި ޕެޓްރިއޮޓް އެއާރ ޑިފެންސް ނިޒާމް ތަކަށެވެ.
ރަޝިޔާއިން މިހަމަލާތައް ދިނުމުގެ ކުރިން ރަޝިޔާއިން ވަނީ ޔޫކްރެއިންގެ ގައުމީ ރަޖިސްޓްރީތަކަށް ވަރުގަދަ ސައިބަރ ހަމަލާއެއްވެސް ދީފައިކަން ޔޫކްރެއިނުންވަނީ ހާމަކޮށްފައެވެ. އެ ސައިބަރ ހަމަލާގައި ޔޫކްރެއިންގެ ރިއަލް އެސްޓޭޓާއި ގުޅުންހުރި ގިނަ މައުލޫމާތުކަކާއި އަދި ކައިވެންޏާއި ވަރީގެ ގިނަ ރެކޯރޑްތަކެއް ދެނެގަތުމުގެ ނިޒާމް ވަނީ ނެތިކޮށްލާފައެވެ. އެހެންނަމަވެސް އެއިން އެއްވެސް ރެކޯރޑަކަށް ނުވަތަ އޭގައި ހިމެނޭ މައުލޫމާތަކަށް ގެއްލުން ލިބިފައިވާ ކަމަކަށް ނުބެލެވެއެވެ. އެ މައުލޫމާތުތައް އަލުން ދެނެގަތުމަށް ދެ ހަފުތާއެއްހާ ދުވަސް ނަގާނެކަމަށް އަންދާޒާކުރެވެއެވެ.
ޔޫކްރެއިނުން ތުހުމަތުކުރާ ސައިބަރ އެޓޭކާ ބެހޭގޮތުންރަޝިޔާއިން އެއްވެސް އެއްޗެއް ނުބުނެއެވެ.
ރަޝިޔާގެ މިސައިލްހަމަލާތައް ޔޫކްރެއިނަށް އައިސްފައި މިވަނީ ޑޮނާލްޑް ޓްރަމްޕް އެމެރިކާގެ ރިޔާސީ ތަޚްތަށް ވަދައިގަތުމުގެ ކުރިން މި ހަނގުރާމަ ނިންމަން ބޭނުންވާކަމަށް މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ނިއުސް ކޮންފަރެންސެއްގައި ރައީސް ޕޫޓިން ވިދާޅުވެފައި ވަނިކޮށެވެ.
ޑޮނާލްޑް ޓްރަމްޕްގެ ރިޔާސީ ކެމްޕޭނުގެ ތެރޭގައި އެ މަނިކުފާނަށް އެމެރިކާގެ ރިޔާސީ ތަޚްތު ކާމީޔާބު ކުރެވިއްޖެނަމަ 24 ގަޑިއިރުތެރޭގައި ޔޫކްރެއިންގައި ހިނގަމުންދާ ހަނގުރާމަ ނިންމަވާނެކަން އެތައްފަހަރަކު ވަނީ އިއުލާން ކުރައވާފައެވެ. އަދި މިހާރު ރައީސް ޒެލެންސްކީވެސް ވަނީ ޑޮނާލްޑް ޓްރަމްޕްގެ ވިސްނުން ފުޅާ އެއްގޮތަށް ޔޫކްރެއިން-ރަޝިޔާގެ ހަނގުރާ ހުއްޓުވައި ދިނުމަށް ޑޮނާލްޑް ޓްރަމްޕްގެ ކިބައިން އެދިވަޑައިގެންފައެވެ.