އިންޑިއާ ޑޮޓްކޮމް އިން އާންމު ކޮށްފައިވާ އެންމެ މުހިންމު އެއް ޚަބަރަކީ އީރާނުންކުއްލިއަކަށް މޫދަށް ބޭލި އާދަޔާ ޚިލާފު 3 އެއާރކްރާފްޓް ކެރިއަރގެ ވާހަކައެވެ. އެ ޚަބަރުގައި ބުނެފައިވާގޮތުން އީރާނުން ޝަހީދު ބާރޣޭރީގެ ނަން ދީފައިވާ އެއާރކްރފްޓްގައި އާންމުކޮށް ބޭނުންކުރަމުންގެންދާ އެއަރކްރާފްޓް ކެރިއަރ ތަކާއި ޚިލާފަށް ޑްރޯން ނުފެންނާނެގޮތަށް ބެހެއްޓުމާއި އަދި އުދުއްސާލުމުގެ އިންތިޒާމް ހަމަޖެހިފައި ހުރުން ހިމެނެއެވެ. އެ އުޅަނދުގައި ރަންވޭ ތައްޔާރު ކޮށްފައިހުރީ ހަމައެކަނި ޑްރޯން އުދުއްސާލުމުގެ ބޭނުމަށް ތައްޔާރުކޮށްފައެވެ.
ޕާރޝިއަން ގަލްފުގެ ތެރެއިން މީޑިއާތަކަށް ލިބިފައިވާ ފޮޓޯ އިމޭޖްތަކުން އީރާނުން އެ ވައްތަރު 3 އެއާރކްރާފްޓް ކެރިއަރ އުފައްދާފައިވާކަން ކަށަވަރު ކުރެވެއެވެ. އެއީ ޝަހީދު ބާރޣޭރީ އާއި ޝަހީދު ރައުދަކީ އާއި އަދި ޝަހީދު މާހްދާވީ އެވެ. މި އުޅަނދު ތަކަކީ ޓެކްނޯލޮޖީގެ ވަސީލަތުން އީރާނުން ހޯދަމުންގެންދާ ކުރިއެރުން ހާމަކޮށްދޭ ނަމޫނާ އެކެވެ. މިލިޓްރީ ތަޖްރިބާކާރުން ބުނެފައިވަނީ މީގެ 24 އަހަރު ކުރިން އީރާނުން ބޭނުންކުރި ކޮންޓޭނަރ އުފުލާ ބޯޓުފަހަރުތަކެއް އެއާރކްރާފްޓް ކެރިއަރަށް ބަދަލުކޮށްފައިވަނީ ކަމަށެވެ. އެ އުޅަނދުފަހަރު މިހާރު އޮތީ ބަންދަރު އައްބާސްގެ ނޭވަލް ޕޯރޓް ގައެވެ.
މިލިޓްރީ ތަޖްރިބާކާރުން އިތުރަށް ބުނެފައިވަނީ އެ 3 އުޅަނދުގެ ތެރެއިން ޝަހީދު ބާރޣޭރީގައި ހެލިކޮޕްޓަރާއި ކުދި ފައިޓަރ-ޖެޓް އުދުއްސުމުގެ ވަސީލަތްތައްވެސް ފުރިހަމަ ވެފައި ހުރުމާއެކު ފާރަލުމަށްވެސް ( ސަރވެއިލަންސްގެ ބޭނުންތަކަށް ) ބޭނުންކުރެވިދާނެ ކަމަށެވެ.
މި އުޅަނދުތަކުން އެންމެ ފާހަގަކުރެވޭ އެޑްވާންޓޭޖަކީ އެ އުޅަނދުފަހަރުގައި ފޮރުވާފައި ހުންނަ ޑްރޯންތައް ބޭނުން ކޮށްގެން ދުޝަމަނުންގެ ފައިޓަރ-ޖެޓްތަކަށް ހަމަލާދިނުމުގެ މަގު ތަނަވަސް ވެފާއޮތުމެވެ.
1970 ގެ އަހަރުތަކުން ފެށިގެންވެސް އީރާނުގައި ހަނގުރާމަ މަތީ ހެލިކޮޕްޓަރ އާއި ފައިޓަރ-ޖެޓް ގެ ވަސީލަތްތައް ހުރީ ގާއިމް ކޮށްފައެވެ. އެހެންނަމަވެސް އީރާނުގެ މިލިޓްރީގައި މިހާތަނަށް އެއާރކްރާފްޓް ކެރިއަރެއް ނެތެވެ. ދެން ކުއްލިއަކަށް ދިފާއީ ތަޖްރިބާކާރުންނަށް ހައިރާންކަމެއް ލިބިގެން މިދިޔާއި ކަނޑުމަތީގައި ތިބެގެން ޑްރޯނުން ހަމަލާދިނުމުގެ އިންތިޒާމް އީރާނުގެ މިލިޓްރީއަށް ލިބި ގަތުމުންނެވެ. މީގެ ސަބަބުން އެ ސަރަހައްދުގައި އީރާނަކީ އެންމެ ބާރުގަދަ ގައުމު ކަމުގައި ވުމަށް ގިނަ މަގުތަކެއް ހުޅުވިގެން ދިޔައީ ކަމަށް ބެލެވެއެވެ. އަދި މިއީ އެމެރިކާއާއި އިސްރާއީލުންވެސް ވަރަށް ކަންބޮޑުވާންޖެހޭނެ ކަމެކެވެ.