ރައްޔިތުން ވެރިޔަކު ހޮވާ ދައުލަތް ހިންގުމަށް ސަރުކާރެއް އެކުލަވާލަނީ ރައްޔިތުންގެ ފައިސާ ސަރުކާރުގެ ވެރިން ހިތުހުރި ވަރަކަށް ކާންދޭ ކަށެއް ނޫނެވެ. ރައްޔިތުން ވެރިޔަޔަކު އިންތިޚާބުކޮށް ދައުލަތް ހިންގުމަށް ސަރުކާރެއް އެކުލަވާލަނީ ރައްޔިތުންގެ ލާބަޔާ މަންފާ އަށްޓަކައެވެ. ރައްޔިތުމީހާ ތަރައްގީކޮށް އަމިއްލަ ބޯހިޔާވަހިކަމުގައި މީހަކަށް ނުދަރާ ދުޅަހެޔޮ ތަނަވަސް ދިރިއުޅުމެއްގައި އަމިއްލަ ފައިމަށްޗަށް ތެދުވެ އުފާވެރި ކަމާއެކު ދިރިއުޅެވޭނެ އަމާން ރައްކާތެރި ވެއްޓެއް ބިނާކުރުމަށެވެ.
އަދި ރައްޔިތުން އިންތިޚާބު ކުރާ ވެރިޔަކާ ސަރުކާރު ޙަވާލު ކުރަނީވެސް އިސްވެ ދެންނެވުނު ކަންކަން އިޚުލާސްތެރި ކަމާއި އަމާނާތްތެރި ކަމާއިއެކު ރައްޔިތުންނަށް ކޮށްދީ ރައްޔިތުން ޙަވާލުކުރާ ރައްޔިތުންގެ މުދަލާފައިސާ ހެޔޮގޮތުގައި ހޭދަކޮށް ރައްޔިތުންގެ މުދަލާ ފައިސާއަށް ޚިޔާނާތްތެރި ނުވުމަށް އެންމެހާ ޚަލްގުތައް ހައްދަވާ ވުޖޫދު ކުރެއްވި މާތްﷲ ސުބުޙާނަހޫ ވަތަޢާލާ ގަންދީ އެ ވަޢުދުވެ، ކަންކަން ކޮށްދިނުމަށް ހުވާކުރުވުމަށް ފަހުގައެވެ. ކަމުގެ ބޮޑުކަމާއެވެ؟
ރައްޔިތުން އިންތިޚާބު ކުރާ ވެރިމީހާގެ ފަރާތުން އިސްވެދެންނެވުނު ކަންކަން ރައްޔިތުންނަށް އިސްވެ ބަޔާން ކުރެވުނު ގޮތަށް ކޮށްދިނުމަށް ހުވާކުރުވަނީ އެ ވެރިމީހާއަށް ބިރުދައްކައި މަޖުބޫރު ކުރުވައިގެން ވެސް ނޫނެވެ. އަދި ވެރިކަމުގެ ހުވާ ކުރުވުމަށްޓަކާ ރައްޔިތުންގެ ފައިސާއިން ނުހަނު ބޮޑުޚަރަދު ކޮށް ވެރިކަމުގެ ހުވާކުރުވަނީ އެކަމަށްޓަކާ ބާއްވާ ޝަރަފުވެރި ވަރަށް ޚަރަދުބޮޑު ޚާއްޞަ ރަސްމިއްޔާތެއް ގައެވެ. އަދި ރައްޔިތުންގެ ވެރިމީހާ (ރައްޔަތުންގެ ޚާދިމު) ރައްޔިތުންގެ ކުރިމަތީގައި ކުރައްވާ ހުވާގެ އިގްރާރުގައި ސޮއި ކުރައްވަނީވެސް އަމިއްލަ އިޚުތިޔާރުގައި އެއްވެސް މަޖުބޫރު ކަމެއް ނެތިއެވެ.
ވެރިޔަކު ހޮވުމަށް ރައްޔިތުންގެ ކުރިމަށްޗަށް ހުށަހެޅޭ ބޭފުޅުންގެ ތެރެއިން ރައްޔިތުން ވެރިޔަކު އިޚުތިޔާރު ކުރަނީ ރައްޔިތުން އެވަގުތަކު އެންމެ ބޭނުންޖެހިފައިވާ ގިނަކަން ކަން ކޮށްދިނުމަށް އެންމެ ގިނަ ވަޢުދު ވެ ވަޑައިގަންނަވާ އިތުބާރު ކުރެވިދާނެ ބޭފުޅަކަށް ބެލުމަށްފަހު އެބޭފުޅެކެވެ.
ކަން މިހެން ހުރިނަމަވެސް ރައްޔިތުން އިންތިޚާބު ކުރާ ރައީސް މީހާ (ޚާދިމު) ރައްޔިތުންގެ ކުރިމަށްޗަށް ވަޑައިގެން ރައްޔިތުންނާ ބައްދަލު ކުރައްވާ ބިސްމިނުގެ ބަރަކާރުން ބައްދަލުވުން ފަށްޓަވާ ނަބިޔާގެ މައްޗަށް ސަލަވާތް ވިދާޅުވެ އަދި ސަޙާބީން ޝާމިލްކޮށް މަދަޙަސަނާ ދަންނަވާ ޙާލުގައި ދުޢާކުރަމުން މާތްﷲ އަށް ޙަމްދުކުރުމަށް ފަހު ހައްދަވަނީ ރޯ ބުހުތާން އިތުރުފުޅެވެ. އެފަދަ އިތުރުފުޅު (ދޮގު) ހެއްދެވުމީ ކިހާވަރެއްގެ ބޮޑު ފާފައެއްކަން ހިތްޕުޅަށް ނާރާކަމީ ހިތާމަހުރި ބިރުވެރިކަމެވެ.
ގަސްދުގައި ދޮގުހަދައި ރައްޔަތުންގެ ބޯކާލައިގެން ވެރިކަމަށް އައުމަށް ﷲ އާއި ﷲގެ ރަސޫލާއި އާއި އެކަލޭގެފާނުންގެ ސަޙާބީންގެ ނަން ބޭނުން ކުރުމަކީ ބޮޑުގެންވޭ ފާފައެއްކަން ޔަގީނެވެ. ބިރުވެތި ވާށެވެ!
މިއީ ގިނަ ޢިއްޒަތްތެރި ޝޭޚުންގެ ރަޢުޔުވެސް މެއެވެ. ރައްޔިތުންގެ ރައީސްމީހާ ބައްދަލުވުންތައް ފަށްޓަވަމުން ﷲ އާއި ނަބިއްޔާގެ ނަންފުޅުވިދާޅުވެ ބައްދަލުވުން ފެށްޓެވި އިރު ރައީސްމީހާގެ ހިތްޕުޅުގައި ވާހާކަންކަން މޮޅަށް ދެނެވޮޑިގެންވާ އިލާހަށް ބިރުވެތި ވުމެެއްނެތި އިތުރުފުޅު (ދޮގު) ހެއްދެވުމަކީ މުރުތައްދު ވާނެ ކަމެއްކަމުގައި ބުނާ ޝޭޚުންވެސް މަދެއް ނޫނެވެ. އެހެން މީހަކަށް ނޭނގުނު ނަމަވެސް ހަމަ ޔަގީނުންވެސް އެފަދަ ދޮގުތައް ހަދާ މީހާއަށް އޭނާ އެހަދަނީ ދޮގުކަނ ް އެނގިވަޑައި އެގެނެތާއެވެ؟
ސައްތައިން ސައްތަ އިސްލާމީ ގައުމެއްގެ ވެރިކަމާ ޙަވާލުވެ ވަޑައިގަންނާއިރު ރައީސްމީހާ ތާއަބަދު ދިރިއުޅުއްވަން އޮތްތަންކީ މިދުނިޔެ ނޫންކަމާއި އަދި ތިމާގެ ކޮނޑުގައި އެ އެޅުނީ އެތައްބައެއްގެ ޙައްގު ކަމާއި އެޙައްގުތަކަށް ރައްކާތެރި ނުވެވިއްޖެނަމަ މާތްﷲ ގެ ކުރިފުޅުމަތީގައި ޖަވާބުދާރީވާން ޖެހޭ ދުވަސް އަންނާނޭ ކަމާއި އެދުވަހު ދޭނީ ކޮންޖަވާބެއްތޯ ވިސްނާވަޑައިގަތުން އެންމެ ރަނގަޅު ތާއެވެ. އެހެނަސް ކޮންމެ ބޭފުޅަކުވެސް ރައްޔިތުންގެ ބޮލަށް އެރި ހެދުނުހާ ދޮގެއް ހައްދަވައި ރައްޔިތުންގެ ވޯޓުން ވެރިކަމަށް އާދެވޭ ހިސާބުން ނުވަތަ އޭގެ ކުރިން ވެސް އެބޭފުޅެއްގެ ސިކުނޑިއަށް އެވަނީ ޝައިތާނާ ސަވާރުވެފައި ކަމަށް ބެލެވެއެވެ.
ވެރިކަން ލިބުމާއެކު ތިމާގެ ކޮނޑުގައި އެޅިފައިވާ މައްސޫލިއްޔަތާ ޒިންމާގެ މަތިން ހަނދުމަފުޅެއް ނުހުރެއެވެ. ދައުލަތުގެ ތިޖޫރިގައި ހުރީ ސަރުކާރުގެ ފައިސާއެއް ނޫންކަމެއް ނުދެނެއެވެ. ތިޖޫރީގައި ހުރީ، ރައްޔިތުން ކުރާ ބުރަމަސައްކަތުން ރައްޔިތުންގެ ކަންކަން ކުރުމަށްޓަކާ ރައްކާކުރާ ރައްޔިތުންގެ ފައިސާކަމެއް ނުދެނެތެވެ. ދައުލަތުގެ ޚަޒާނާއިން ލޯ ލާރިއެއްވެސް ނެގޭނީ ނުވަތަ ޚަރަދު ކުރަން ވާނީ ރައްޔިތުންގެ ގާތުގައި އަހާ ރައްޔިތުންގެ ރުހުން ލިބިގެން ކުރެއްވި ހުވަޔާއި އެއްގޮތަށެވެ.
މިސާލަކަށް އާސަންދަ މުސްކުޅިންނާއި ނުކުޅެދޭ ފަރާތްތަކާއި އެކަނިވެރި މައިންނާއި ހިލޭ ބޭސްފަރުވާއާއި ޙާފިޒުންނަށް ދޭ އެލާވަންސްފަދަ ޚަރަދަކީ ކޮންމެ ސަރުކާރެއް އޮތަސް ދައުލަތުން މިހާރު ކުރަން ޖެހޭނެ ޚަރަދު ތަކެވެ. ވެރީންގެ ވައްކަމާއި ފަސާދެ މިވަރަށް އޮތުމުންކަން ދައުލަތް ދަރައިފިޔޭ ނުވަތަ ދަރަނީ ކީއްވެގެންތޯ ބަލަން ރައްޔިތުން މިހާރު ބޭނުން ވެެެއެވެ.
ދައުލަތެއް ހިންގުމަށް ރައްޔަތުން އެކުލަވާލި ސަރުކާރުގެ ތެރޭގައި މުސާރަދީގެން ރައްޔިތުންނަށް ޚިދުމަތް ކުރާއެންމެންނަކީ ރައްޔިތުންގެ ނޯކަރުންނެވެ. އެކަން ހަނދާނުގައި ބަހަށްޓަން ޖެހޭނެއެވެ. އެފަރާތްތަކަށް ރައްޔިތުން މުސާރަދެނީ ހުދުގަމީސްލައްވާ ޓައީ އަޅުވާކޯޓުލައްވާ ބުރިއަށް ބާރު ފަޓުލޫނުލައްވައިގެން އެއަރކޯންރޫމުގައި މީހާއަށްވުރެ ބޮޑު ގޮނޑިއެއްގައި ރައްޔިތުންގެ ނޯކަރު ބައިންދާފައި އިންނަނީ ރީތިތޯ ބަލާކަށެއް ނޫނެވެ. ރައްޔިތުންނަށް ޚިދުމަތް ކޮށްދިނުމަށެވެ.
ބޭރު ގައުމުތަކުނާއި ޖެހުނުތާކުން ދީފާނެހެން ހިވާ ހުރިހާ ދިމާލަކުން ރިބާ އެކުލެވޭ ލޯނުނަގަނީ ރައްޔިތުންގެ ނަމުގައެވެ. ސަރުކާރު ހިންގަނީ ރައްޔިތުންދޭ ޓެކްސްފައިސާއިންނާއި ރައްޔަތުންގެ ނިކަމެތިކަން ހުށަހަޅައިގެން ބޭރުގައުމުތަކުން ހޯދާ އެނހީއާއިވެސް އެކުގައެވެ. މިފަދަ އެނހީ އާއި ލޯނު ނަގަނީ ރައްޔިތުންގެ ކަންކަން ކުރުމަށޭ ބުނެއެވެ.
އެހެނަސް ރައްޔިތުންނަށް އެއްވެސް ކަމެއް ކޮށް ނުދީ ކުރިން ރައްޔިތުންނަށް ލިބެމުންދިޔަ އެތަކެއް ޢިނާޔަށް ހުއްޓާލާއި ހިލޭ ލިބެމުންދިޔަ އެތަކެއް ޚިދުމަތަކުން ބޮޑުއަގުނަގަމުން ޓެކްސް އިތުރުކުރަމުން ދާއިރު ދައުލަތް ދަރަންޖެހުނު ސަބަބު ރައްޔިތުންނަށް ހާމަކޮށް ދޭން އެބަޖެހެއެވެ. ހަމަ ގައިމުވެސް ރައްޔަތުންގެ ދިރިއުޅުން ދުވަހެއް ދުވަހަކަށް ދަނީ ދަތިވަމުންނެވެ. ސަރުކާރުގެ ވެރިން (ޚާދިމުންތައް) އުޅުއްވަނީ މާލެއިން ބިން ގަނެ ބޭރުގައުމު ތަކުން ގެދޮރުގަނެ އަމިއްލަ ކާރުގައެވެ. އެވެރިން އެ ޚަރަދު ކުރަމުން އެ ގެންދަނީ ކޮންތާކުން ހޯދާ ފައިސާއެއްތޯވެސް ބަލަން ޖެހިއްޖެއެވެ. ގިނަމީހުންނަކީ ވެރިކަމުގެ ކޯލަށް ވަދެވުނު އިރު އަތްމަތީ ކޮފީބޯނެ ފައިސާފޮއްޗެއްވެސް ނެތް މީހުނެވެ.
ރައްޔިތުންވަނީ ހަމަ ފަގީރެވެ. ސަރުކަރުގެ ވެރިން ހަމަ އުދުހެނީއެވެ. ބޭރުގައުމަކަށް ދަތުރެއް ކުރެއްވިޔަސް އެތަކެއް ބޮޑުންނާއި ރޮނގާލިފަތިވެސް ގެންދަނީއެވެ. ދައުލަތް ދުވަހަކަށްވުރެ ދުވަހެއް ދަރަނީއެވެ. ދައުލަތް ސުމާރެއްނެތި ދަރާގޮތް ނުވަތަ ދަރުވާލާ ގޮތުގެ ސަބަބުތަކަކީ ރައްޔިތުންނަށް ސާފުވާންޖެހޭނެ ސަބަބުތަކެކެވެ. ރައްޔިތަކަށް ހިލޭ ދެވުނު ބޯހިޔާވަހިކަމެއް ނެތެވެ. ވީއިރު ދައުލަތް ދެރިގޮތް ރައްޔިތުންގެ ގާތުގައި ބުނަން އެބަޖެހެއެވެ. ޚާދިމާ އަބަދާއި އަބަދު ދައުލަތް ދަރާވިއްޖެއޭ ބުނެ އޭނާއާއި އޭނާގެ ސަނާކިޔާ ބައިގަނޑުގެ ޚަރަދުތައް ކުޑަނުކޮށް ރައްޔަތުމީހާގެ އަތުން ނަގާ ޓެކްސްތައް ބޮޑުކުރަމަކީ ރައްޔަތުންނަށް މަކަރާއި ޙިލަތް ހެދުމެވެ.
2 Responses
ދައުލަތް ދަރާ ވިކެނީ ދައުލަތް ހިންގަން ޙަވާލުވާ ސަރުކާރުތަކުން ހަބޭހަށް ދައުލަތް ލޫޓްވާތީއެވެ.
އާއެކެވެ. ވަގު ސަރުކާރު ތަކުން ހަބޭހަށް ވައްކަން ކުރާތީއެވެ. ވަގުންތައް ހިފާފަ އެއް އަތް ކަނޑަން ފަށަންވީއެވެ. އެ ނޫންގޮތަކަށް ވަގުންތައް މައިތިރިއެއް ނުވާނެއެވެ.