އިސްތިއުނާފް މަރުހަލާގައި ކަފާލާތު ދެވޭ އުސޫލު ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު މިއަދު ތަސްދީގު ކުރައްވައިފިއެވެ.
މި ބިލަކީ، މި މަހުގެ 9 ވަނަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2024 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 58 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.
މި ބިލުގެ ދަށުން، މިހާރު ތަންފީޛުކުރެވެމުންދާ ކަފާލާތުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް ފުރިހަމަކުރުމަށްޓަކައި ޤާނޫނުގައި މިހާރު އެކުލެވޭ، ކަފާލާތުގެ ޢާންމު އުސޫލުތަކާއި، ތަޙްޤީޤު އަދި ޝަރީޢަތުގެ މަރުޙަލާގައި ކަފާލާތުގެ ދަށުން ދޫކުރުމާގުޅޭ އުސޫލުތައް އިޞްލާޙުކުރުމާއެކު، މީހެއްގެ މައްޗަށް ކުށް ސާބިތުވާކަމަށް ޙުކުމްކުރުމަށްފަހު ވަކި މަޖިލީހެއްގައި އަދަބު ކަނޑައަޅާ ޙާލަތުގައި ކަފާލާތުގެ ދަށުން ދޫކޮށްދިނުމަށް އެދެވޭނެ ޙާލަތްތަކާއި، ކުށް ސާބިތުވާކަމުގެ ޙުކުމެއް ކަނޑައެޅިފައިވާ މީހަކަށް އިސްތިއުނާފުގެ މަރުޙަލާގައި ކަފާލާތުގެ ދަށުން ދޫކޮށްދިނުމަށް އެދެވޭނެ ޙާލަތްތަކާއި، އެކަމުގައި ޢަމަލުކުރަންޖެހޭ އިޖުރާއަތުތަކާ ގުޅޭ އިޞްލާޙުތައް ވަނީ ހިމަނާފައެވެ.
ހަމައެހެންމެ ސްކޭމްގެ މައްސަލަތައް އިތުރުވަމުންދާތީ އެފަދަ މައްސަލަތަކުގައި ތުހުމަތު ކުރެވޭ ފަރާތްތަކުން ކުށް ކޮށްގެން ހޯދައިފައިވާ ފައިސާ އަވަސް ގޮތެއްގައި ހިފަހައްޓައި، އެ ފައިސާއިން މުޢާމަލާތްކުރުން ހުއްޓުވައި، ޤާނޫނީ ނިޒާމުގެ ތެރެއިން އެ ކުށް ހުއްޓުވުމުގެ ގޮތުން އިތުރު ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް އިޞްލާޙުތަކެއް އެ ބިލުގައި ހިމަނާފައިވެއެވެ.
މީގެ އިތުރުން ސައިބަރސްޕޭސްގައި ކުށްތައް ކުރާ ފަރާތްތަކުން ޓެކްނޯލޮޖީ މެދުވެރިކޮށް ހިންގާ ސައިބަރކްރައިމްތަކާއި، އެނޫންވެސް ކޮމްޕިއުޓަރ ސިސްޓަމް މެދުވެރިކޮށް ކުރާ އެހެން ކުށްތަކާއި، އިލެކްޓްރޯނިކް ހެކި އެކުލެވިގެންވާ ކުށްތައް ހުއްޓުވައި ފިޔަވަޅުއެޅުމަށް ޤާނޫނު ތަންފީޛުކުރާ އިދާރާތަކަށް ލިބިދޭންޖެހޭ ބާރުތައް ލިބިދީ، އެފަދަ ކުށްތައް ތަޙްޤީޤުކޮށް ދަޢުވާ އުފުލުމުގައި ޢަމަލުކުރާނެ އިޖުރާއީ އުސޫލުތައް ކަނޑައަޅައިފައިވެއެވެ.