މި ފެށޭ އަހަރުގެ ޖަނަވަރީ މަހުގެ 2 ވާ ބުރާސްފަތި ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ. މި ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވިކަން ހާމަކުރެއްވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމުގައެވެ.
މި ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވީ، މީލާދީ އާ އަހަރު ފެށޭ ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއް ކަމަށްވުމާއެކު، ކަލަންޑަރުގައިވާގޮތުން 2025 ޖަނަވަރީ 1ވަނަ ދުވަސް ދިމާވަނީ ބުދަ ދުވަހާ ކަމަށްވެފައި، އެ ދުވަހާ ޖެހިގެން އަންނަ ދުވަސް ކަމުގައިވާ 2025 ޖަނަވަރީ 2 ވާ ބުރާސްފަތި ދުވަހަކީ، ރަސްމީ ދުވަހެއް ކަމަށްވާތީ އެވެ.
އެހެންކަމުން ބަންދު ދުވަސްތަކަށް މެދުކެނޑުމެއްނައިސް މުވައްޒަފުންނަށް ޗުއްޓީ ލިބޭގޮތަށް ހަމަޖައްސަވައި ދެއްވުމަށްޓަކައި އެ ދުވަސް ވަނީ ބަންދުދުވަހެއްގެ ގޮތުގައި ހަމަޖައްސަވާފައެވެ.