ރުކުމަޑި ކޮންޓްރޯލް ކުރަން ޗައިނާގެ އެހީގައި ރާއްޖޭގައި ލެބޯޓަރީއެއް ޤާއިމުކުރަން ނިންމައިފިއެވެ.
މި ލެބޯޓަރީ ތަރައްޤީކުރަން ނިންމާފައި ވަނީ ހދ. ހަނިމާދޫގައެވެ.
ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާއި ދެމެދު މި އަހަރު ސޮއިކުރި އެއްބަސްވުމެއްގެ ދަށުން ދިވެހިރާއްޖޭގެ ރުއްތަކަށް ގެއްލުންދޭ ރުކު މަޑި ކޮންޓްރޯލްކުރުމަށް ތިމާވެއްޓާއި ރައްޓެހި، އަދި ދެމެހެއްޓެނިވި ޙައްލެއް ހޯދުމަށް ދިވެހިރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ދެ ސަރުކާރުގެ ދެމެދުގައި ވަނީ އެއްބަސްވުމެއް އެކުލަވާލާފައެވެ.
މި އެއްބަސްވުމުގެ ދަށުން ދިވެހިރާއްޖޭގައި ކޮކޮނަޓް ހިސްޕިޑް ބީޓްލްއަށް ހަމަލާދޭ ޕެރެސިޓޮއިޑް އާލާކޮށް ގިނަކުރުމަށް ޚާއްޞަ ލެބޯޓްރީއެއް ޤާއިމްކޮށްދީ، އެތަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ ހުނަރާއި ޤާބިލްކަން އިތުރުކޮށްދިނުމަށް ޚާއްޞަ މަޝްރޫޢެއް ހިންގުމަށް ޗައިނާގެ މައި ސަރުކާރުން މިހާރު ވަނީ ޗައިނީޒް އެކަޑަމީ އޮފް ޓްރޮޕިކަލް އެގްރިކަލްޗަރަލް ސައިންސަސް (ކަޓާސް) އާއި ޙަވާލުކޮށްފައެވެ.
އެ އިންސްޓިޓިއުޓްގެ 4 ޕްރޮފެސަރުން މި މަހުގެ 11 ވަނަ ދުވަހު ވަނީ ރާއްޖެއަށް ވަޑައިގެންފައެވެ. ފަންނީ މާހިރުންގެ އެ ޓީމުން ރާއްޖެއަށް ކުރާ އެ ދަތުރުގެ މަޤްޞަދަކީ ދިވެހިރާއްޖޭގައި ކޮކޮނަޓް ހިސްޕިޑް ބީޓްލް ކޮންޓްރޯލްކުރުމަށް ނެޗުރަލް އެނެމީ ލެބޯޓަރީއެއް ޤާއިމުކުރުމަށްޓަކައި ހަދަންޖެހޭ އެންމެ ފަހުގެ ދިރާސާތައް ހެދުމަށާއި، ލެބޯޓްރީ ހަދަން ކަނޑައަޅާ ސަރަޙައްދު ބަލައި އެތަނުގައި ލެބޯޓްރީ ޤާއިމްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ދެނެގަނެ، ވީހާވެސް އަވަހަކަށް މަސައްކަތް ފެށޭނެ މަގު ތަނަވަސްކުރުމަށް ވާންޖެހޭ ތައްޔާރީތައްވުން ކަމަށް ސަރުކާރުން ހާމަކުރެއެވެ.
ހަނިމާދޫއަކީ ހިސްޕިޑް ބީޓްލްގެ މައްސަލަ އުޅޭ ރަށަކަށްވެފައި ސެންޓަރުން ލިބެންހުރި ބައެއް އިމާރާތްތަކަކީ ލެބޯޓްރީއެއް ހެދުމަށް ބޭނުންކުރެވިދާނެ އިމާރާތްތަކެއް ކަމަށް ފެންނާތީ ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރަކީ މި ވަގުތު އެންމެ އަވަހަށް މިފަދަ ލެބޯޓަރީއެއް ޤާއިމުކޮށް މަސައްކަތްފެށުމަށް އެންމެ އެކަށީގެންވާ ތަން ކަމުގައި އެ ޓީމުން ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން، ކަޓާސްގެ މާހިރުންނާއި މިނިސްޓްރީ އޮފް އެގްރިކަލްޗަރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރގެ ފަންނީ މުވައްޒަފުން ވަނީ ހއ. މާފައްސަށްވެސް ޒިޔާރަތްކުރައްވާފައެވެ. މި ދަތުރުގެ މައިގަނޑު މަޤްޞަދަކީ ހިސްޕިޑް ބީޓްލް ކޮންޓްރޯލްކުރުމަށް މާފަހީގައި މިހާރު ފަށާފައިވާ ބަޔޮލޮޖިކަލް ކޮންޓްރޯލް ޕްރޮގްރާމްގެ މަސައްކަތްތައް ކުރިޔަށްދާގޮތް ބަލައި މައުލޫމާތު ބަދަލުކުރުން ކަމަށް ސަރުކާރުން ހާމަކުރެއެވެ.