ވެއްޓޭނެއެވެ. އެކަމަކު އަލުން ތެދުވާނަމެވެ.

Loading

December 15, 2024
sandhaanu news
Facebook
Twitter
WhatsApp

ހައިރާންކުރުވަނިވި ޔޫ-ޓާރނެއްގައި ހަނގުރާމަ ހުއްޓުމަށްފަހުވެސް އިސްރާއީލުގެ ސިފައިން ވަގުތީގޮތުން ގައްޒާގައި ތިބުމަށް ހަމާސްއިން އެއްބަސްވެއްޖެކަމަށް އިނގިރޭސި ވިލާތުގެ ދަ ޓެލިގްރާފުން މިއަދު ޚަބަރު ދީފިއެވެ. އެ ނޫހުން ބުނެފައިވާ ގޮތުގައި މިއީ ރަހީނުން މިނިވަން ކުރުމަށްވެސް ހުޅުވިގެންދިޔަ ރަނގަޅު ފުރުސަތެކެވެ.


ހަނގުރާމަ ހުއްޓުމުގެ އެބަސްވުމުގެ ދަށުން މިނިވަން ކުރެވޭނެ 30 ރަހީނުންގެ ލިސްޓެއް މިއަދު ހަމާސްއިން ވަނީ ހާމަކޮށްފައެވެ. އޭގެތެރޭގައި އެމެރިކާގެ ރައްޔިތުންވެސް ހިމެނެއެވެ. އަދި އޭގެ ތެރޭގައި މަރުވެފައިވާ 5 މީހެއްގެ ހަށިގަނޑުވެސް ހިމެނެއެވެ. ހަމާސްގެ މި ފިޔަވަޅުން ސުލްހައިގެ އެއްބަސްވުމަކަށް އާދެވިދާނެ ކަމުގެ ފުރިހަމަ އުންމީދު ލިބިއްޖެ ކަމަށް މީޑިއޭޓަރުން ބުނެފައިވެއެވެ. ރަޙީނުން މިނިވަން ކުރުމުގެ މައްސަލައަކީ ސުލްހައިގެ އެއްބަސްވުމަށް މެދުވެރިވެފައިވާ ވަރަށް ތޫނު ކައްޓެކެވެ. މިހާރު ބެލެވެމުންދާގޮތުން ރަހީނުންނާއި ގައިދީން މިނިވަން ކުރުން ހިނގަމުންދާނީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށްފަހުގައެވެ.
މިހާރު ރޭވެމުންދާ ސުލްހައިގެ ވާހަކަ ތަކާއި ގުޅިގެން އިސްރާއީލުން މިނިވަންކުރަން ޖެހޭނެ ފަލަސްތީނުގެ ގައިދީންގެ ލިސްޓެއްވެސް ހަމާސްއިން ވަނީ އާންމުކޮށްފައެވެ.
އޮކްޓޯބަރ 7 ގައި ހަނގުރާމަ ފެށުނުފަހުން އިސްރާއީލުގެ ބާރުގެ ދަށަށް ގެނެވިފައިވާ ފަލަސްތީނުގެ ސަރަހައްދުތައްވެސް މިހާރު ވަނީ އިތުރު ވެފައެވެ، އޭގެ ތެރޭގައި މަޝްހޫރު ފިލަޑެލަފީ ކޮރިޑޯރއާއި ނެޓިޒާއިމް ކޮރިޑޯރ ވެސް ހިމެނެއެވެ. މި ދެ ކޮރިޑޯރއަކީ ފަލަސްތީނުގެ ސަރަހައްދުގެ އުތުރާއި ދެކުނުގެ އިންފާރު ކަނޑައަޅާފައިވާ ކޮރިޑޯރއެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ބުނަމުންގެންދަނީ އެ ކޮރިޑޯރތައް އަބަދުވެސް އޮންނަން ޖެހޭނީ އިސްރާއީލުގެ ބާރުގެ ދަށުގައި ކަމަށެވެ. އެކަމަކު ހަމާސް އިން މީގެ ކުރިން އެކަމަށް އެއްބަހެއް ނުވެއެވެ. އެހެންނަމަވެސް ހަނގުރާމަ ހުއްޓާލުމަށްފަހު ވަގުތީގޮތުން އިސްރާއީލުގެ ސިފައިން ފިލަޑެލްފީ ކޮރިޑޯރގައި ތިބުމަކީ މައްސަލައެއް ނޫންކަން ހަމާސްއިން ވަނީ ހާމަކޮށްފައިވާކަމަށް މިއަދު ރޮއިޓާރސް އިން ދީފައިވާ ޚަބަރުތަކުގައި ބުނެފައިވެއެވެ.
ފިލަޑެލްފީ ކޮރިޑޯރގެ ނަން ދެވިފައިވަނީ މިސްރާއި ގައްޒާއާއި ދޭތެރޭ އޮންނަ 100 ވަރަކަށް މީޓަރ ފުޅާމިނުގައި 14 ވަރަކަށް ކިލޯ މީޓަރަށް ދެމިފައިވާ މަގަކަށެވެ. ހަމާސް އިން ބުނެފައިވަނީ ވަގުތީ ގޮތުން ފިލަޑެލްފީ ކޮރިޑޯރ ގައި އިސްރާއީލުގެ ސިފައިން ތިބި ކަމުގައި ވިޔަސް މިސްރާއި ގައްޒާއާއި ދޭތެރޭ އޮންނަ “ ރަފާހް ހުރަސްކުރުން “ ނަންދެވިފައިވާ ސަރަހައްދުގައި އިސްރާއީލު ސިފައިން ތިބެގެން ނުވާނެކަމަށެވެ.
އަރަބި ގައުމުތަކުގެ މީޑިޔާއިން މިހާރުވެސް ބުންމުން ގެންދަނީ ހަމާސް އިން އެގޮތަށް އެއްބަސް ވެދާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ. އަދި ހަމާސްއަކީ ބަލިވުން ގަބޫލުކޮށްފާނެ ޖަމާއަތެއްކަމަށްވެސް ގަބޫލު ނުކުރެވޭ ކަމަށެވެ. ފަލަސްތީނުގެ ބިންތައ މިނިވަންކުރުމުގައި ހަމާސްގެ ފަލްސަފާއަކީ ވެއްޓި ދާނެއެވެ. އެކަމަކު އަލުން ތެދުވާނަމެވެ.
މިހާރު މަޝްވަރާ ކުރެވެމުންދާ 60 ދުވަހުގެ މުއްދަތަށް ހަނގުރާމަ ހުއްޓުވުމުގެ އެއްބަސްވުމަށް އެމެރިކާއާއި މިސްރުން ވަނީ އެއްބަސްވެފައެވެ. އެހެންނަމަވެސް ނަތަންޔާހޫ އަދިވެސް ބުނަމުންގެންދަނީ ހަނގުރާމަ ހުއްޓާލެވިދާނެއޭ ބުނަން އަދި މާ އަވަސް ކަމަށެވެ. އެމެރިކާގެ ގައުމީ ސަލާމަތާބެހޭ ޚާއްސަ މުޝީރު ގެ ބަހަކީ ނަތަންޔާހޫ އަކީ ވަރަށް ކާމިޔާބު ލީޑަރެކެވެ. ހިޒްބުއްލާގެ ދެފައި ބިންދާލައިފިއެވެ. ބައްޝާރުލް އަސަދު މީގެ ފަހުން ދުވަހަކުވެސް މެދުއިރުމައްޗަށް ނާދެވޭގޮތަށް އެހުރީ އަރުވާލާފައެވެ. ހަމާސްގެ ހުރިހާ ލީޑަރުން މަރާލައިފިއެވެ. މިލިޓްރީގޮތުން މިއަށްވުރެން ބޮޑު ކާމިޔާބެއް ކޮބައި ހެއްޔެވެ !!
މިއީ ދުނިޔޭގައި ތިބޭ ޣައްދާރުންގެ ވިސްނުން ހުންނަގޮތްކަން މާޒީގެ ފަތްފުށްތަކުން ވަރަށް ރީތިކޮށް ފެންނާން ހުރެއެވެ.
އިންޑިއާގައި ބްރިޓިޝް ރާޖް ވެރިކަންކުރަމުން ދިޔަ ދުވަސްވަރު އާންމު ރައްޔިތުންގެ އެތައް ހާސް ބަޔަކު އެއް މައިދާނަކަށް ގެނެސް މިހާރުގެ ބަހުރުވައިން ބުނާނަމަ ފަޔަރިން ސްކޯޑްގެ ކުރިމަތީގައި ރައުންޑްއަޕް ކުރުމަށްފަހު އެހުރިހާމީހުން މާރާލި މަންޒަރު ދޭތެރެ ދޭތެރެއިން މީޑިޔާއިން ފެނެއެވެ. ވަރަށްފަހުން ބްރިޓިޝް ރާޖުގައި އެ އަމުރުކުރި އޮފިޝަލްގެ އިންޓަރވިއު އެއްގައި އޭނާވެސް ފަޚުރުވެރިކމާއެކު ބުނެފައިވަނީ އެކަހަލަ ވާހަކައެވެ. “ އެމަންޒަރު ފެނުމުން އިންޑިއާގެ ރައްޔިތުންގެ ހިތްތަކަށް ބިރުވެރިކަން ވެއްދުމަކީ އަހަރެމެންގެ މަގްސަދެވެ. “ އެކަމަކު އާޚިރު ނަތީޖާއަކަށް ވެގެން ދިޔައީ ލަޓިބުރިއެއްގެ އެހީގައި ސަހާރާ ލިބިގަނެގެން ދެކޮޅަށް ނިކުން ހިތްވަރުގަދަ ލީޑަރެއްގެ ކުރިމަތީގައި ބްރިޓިޝް ރާޖް ބަނޑުފުރެންދެން ވެލިކާން ޖެހުނު މަންޒަރު ފެންނަ ކޮންމެ ފަހަރަކު އިންޑިއާގެ އެތައް މިލިއަން އާންމު ރައްޔިތުންގެ ލޭކައްކުވާލައެވެ. މިއިން އެނގިގެންދަނީ ކާމިޔާބީ އަކީ ހަމައެކަނި ބޮޑެތި ހަތިޔާރުގެ ބޭނުން ކޮށްގެން ހާސިލުކުރެވޭ އެއްޗެއް ނޫންކަމާއި އެކަމަށްޓަކައި ބޭނުންވަނީ ވަރުގަދަ އަޒުމަކާއި އެއްބައި ވަންތަކަމެވެ. ވެއްޓޭނެއެވެ. އެކަމަކު އަލުން ތެދުވާނަމެވެ.

Loading

One Response

  1. އިޒްރޭހެލް އެއްވެސް ސުލްޙަޔަކަށް އެއްބަހެއް ނުވާނެއެވެ. އެމީހުން ބޭނުންވާގޮތް އެވަނީ ޔޫ. އެން. ގައިވެސް ޗާޓްކުރަހާ ދައަކާފައެވެ. އެ ބޮޑު ޗާޓްގައިވާގޮތަށް ސަޢޫދީ އެރެބިޔާއިންވެސް ބަޔެއް ކާލެވެންދެން އެމެރިކާ އާއި އިނގިރޭސީންގެ އެނހީގައި އިސްލާމީ ގައުމުތައް ސުންނާފަތި ކޮށް މިލިޔަނުން މީހުން މަރާނެއެވެ. އިސްލާމީގއުމު ތަކުގައިވެސް ވެރީންނަށް ތިބީ އެ ޝައިތާނުންގެ އަނހީ ލިބިގެން މާތްﷲ ނަންފުޅު ބޭނުންކޮށް އިސްލާމޫންނަށް ޙަރާމްކޯރުވާ ފަދަ ވެރީންނެވެ. ދުނިޔެ ކާނީ މަކަރާ ޖަހައިގެނެވެ. އެކަން އެބައިމީހުން އެބަ ކުރެތެވެ!

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް