އިސްރާއީލުން ގަސްތުކުރަނީ މުސްލިމުންގެ ހުރިހާ ޤައުމުތަކެއް އަޅުވެތި ކުރުމަށް ކަމަށް އަންސާރުﷲ ޖަމާއަތުގެ ލީޑަރު އަބްދުލްމާލިކް އަލް ހޫތީ ވިދާޅުވެއްޖެއެވެ.
ޔަމަނުގެ އަންސާރުﷲ ޖަމާއަތުގެ ލީޑަރު ބުރާސްފަތި ދުވަހު ދެއްވި ތަގުރީރުގައި ވިދާޅުވީ އިސްރާއީލާއި އެމެރިކާއިން މުސްލިމް ގައުމުތައް ބައިބައި ކުރަން މަސައްކަތް ކުރަމުންދާ ކަމަށެވެ
މާލިކް އަލް ހޫތީ ވިދާޅުވީ އިސްރާއީލުގެ ހަމަލާތަކުގައި މި ހަފްތާގައިވެސް ޣައްޒާގެ ގާތްގަނޑަކަށް 1،800 މީހުން ޝަހީދުކޮށްލާފައިވާ ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ ”އިސްރާއީލުން ނަސްލު ނައްތާލުމުގެ ހަނގުރާމަ ކުރިއަށް އެ ގެންދަނީ ފަލަސްތީނުގެ ރައްޔިތުންގެ ގެދޮރު ސުންނާފަތިކޮށް ބަނޑުހައި ހޫނުކަމުގެ ތެރެއަށް ވައްޓާލައިގެން“ ކަމަށެވެ. ހަމައެހެންމެ ގިނަ އަރަބި، މުސްލިމް ރައްޔިތުން ދަނީ ހާލުގައި ޖެހިފައިވާ ފަލަސްތީނަށް އެހީވުމުގެ ވާޖިބަށް އިހުމާލުވަމުން ކަމަށްވެސް މާލިކް އަލް ހޫތީ ވިދާޅުވިއެވެ.
މީގެ އިތުރުން އިސްރާއީލުން ސީރިއާއަށް ދޭ ހަމަލާތަކަށްވެސް އޭނާ ވަނީ ފާޑުވިދާޅުވެފައެވެ. މިގޮތުން އިސްރާއީލުން މަސައްކަތް ކުރަނީ ”ވީހާވެސް ގިނައިން ބިން ހިފުމަށް“ ކަމަށް މާލިކް އަލް ހޫތީ ވިދާޅުވިއެވެ.
އިސްރާއީލާއި އެމެރިކާއިން މަސައްކަތް ކުރަނީ ހުރިހާ މުސްލިމް، އަރަބި ގައުމުތަކަކީ ދިފާއީ ބާރު ނެތް ނާޒުކު ގައުމުތަކަކަށް ހަދާލުމަށް ކަމަށް ވެސް ޔަމަނުގެ ލީޑަރު ވަނީ ވިދާޅުވެފައެވެ.
އިސްރާއީލުން ބޭނުން ވަނީ ހުރިހާ މުސްލިމް ގައުމުތަކަކީ ކުކުޅު ނުވަތަ ބަކަރި ތަކަކަށް ހަދަން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.