ޕީއެސްއެމްއިން ގެނެސްދިން ކޮންޓެންޓެއްގައި ޤުރުއާންގެ ބައެއް އުނިވެފައިވާތީ އެކަމަށް އެ ކުންފުނިން މާފަށް އެދިއްޖެއެވެ.
ޕީއެސްއެމްއިން މިއަދު އާންމުކުރި ވީޑިއޯއެއްގައި ހާމަކޮށްފައިވާ ގޮތުން އެ ކޮންޓެންޓްގައި ކީރިތި ގުރުއާންގެ ބައެއް އުނިވެފައިވާކަން އެނގުމާއެކު އެކަންތައް ހިނގަން މެދުވެރިވި ސަބަބު ސީރިއަސް މައްސަލައެއްގެ ގޮތުގައި އެ ކުންފުނީގެ އިސް މުވައްޒަފުން ހިމެނޭ ކޮމިޓީއަކުން ވަނީ ބަލާފައެވެ.
ލައިވްކޮށް ގެނެސްދޭ ޕްރޮގްރާމެއްގެ ސިގްނަލް އެއް ކޮންޓްރޯލްރޫމުން އަނެއް ކޮންޓްރޯލްރޫމަށް ބަދަލުކުރުމަކީ އާއްމުގޮތެއްގައި ކުރާކަމެއް ކަން ފާހަގަކޮށް ޕީއެސްއެމްއިން ބުނީ އެކަން ދިމާވީ ކޮންޓެންޓް އެއް ކޮންޓްރޯލް ރޫމުން އަނެއް ކޮންޓްރޯލް ރޫމަށް ބަދަލުކުރުމުގެ ތެރޭގައި ކަމަށެވެ. އަދި އެފަދަ ހާލަތްތަކުގަ ސިގްނަލް ބަދަލުކުރަނީ މީހަކު ވާހަކަދައްކާ ގަޑިއެއްގައި ނޫން ކަމަށްވެސް އެ ކުންފުނިން ހާމަކޮށްފައި ވެއެވެ.
ނަމަވެސް އެ ކޮންޓެންޓް ލައިވްކޮށް ގެނެސްދިންއިރު އެއް ކޮންޓްރޯލް ރޫމުން އަނެއް ކޮންޓްރޯލް ރޫމަށް ސިގްނަލް ބަދަލުކުރީ ލައިވްކޮށް ގުރުއާން ކިޔަވަމުން ގެންދަނިކޮށް ކަމަށްވެސް ޕީއެސްއެމްއިން ހާމަކޮށްފައި ވެއެވެ. އެހެންކަމުން އެކަމާ ގުޅިގެން އިހުމާލުވި މުވައްޒަފުން މިހާރު މަސައްކަތުން އެކަހެރި ކޮށްފައިވާ ކަމަށާއި މައްސަލަ ދިމާވީ އެޑިޓް ކުރުމުންތޯ ބައްލަވައިދެއްވުމަށް އެދި ބްރޯޑްކާސްޓިންގ ކޮމިޝަނަށް ސިޓީއެއްވެސް ފޮނުވާފައިވާ ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.
މީގެ އިތުރުން އެ ކުންފުނީގެ ޗެނަލްތަކުން ގެނެސްދިން ކޮންޓެންޓެއްގައި ކީރިތި ގުރުއާންގެ ބައެއް އުނިވެފައިވަނީ، އެ ކޮންޓެންޓް އެޑިޓްކުރުމުގެ ސަބަބުން ނޫން ކަމަށާއި އެފަދަ ކަމެއް ދުވަހަކުވެސް އެކުންފުނިން ނުކުރާނެ ކަމަށް ޕީއެސްއެމް އިން ބުނެފައި ވެއެވެ.