2025 އަދި 2026 ވެގެންދާނީ އިންތިޚާބުގައި ވެވަޑައިގެންފައިވާ ވަޢުދުތައް ފުދިގެންދާނެ ދެ އަހަރަށް:ރައީސް

Loading

December 9, 2024
sandhaanu news
Facebook
Twitter
WhatsApp

2025 އަދި 2026 ވެގެންދާނީ އިންތިޚާބުގައި ވެވަޑައިގެންފައިވާ ވަޢުދުތައް ފުދިގެންދާނެ ދެ އަހަރަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އެ މަނިކުފާނު މިހާރު މާލެއަތޮޅުގެ ރަށްރަށަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ހުރައަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ޖުމްލަ ގޮތެއްގައި ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްގެންދަވާނީ ރަށްރަށުގެ ރައްޔިތުން އެދިވަޑައިގަންނަވާ ގޮތަށް ކަމަށެވެ. ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދެވުމަށް އިސްކަންދެއްވައިގެން، މިއަންނަ 2025 އަދި 2026 ވަނަ އަހަރަކީ އެގޮތަށް ކަންކަން ތަރުތީބުކުރައްވައިގެން ކުރިއަށް ގެންދަވާނެ ދެ އަހަރުކަމަށާއި މިއަންނަ އަހަރު ގިނަ މަޝްރޫޢުތައް ފެށޭނެ ކަމަށާއި، އަންނަ އަހަރު ނުފެށޭ މަޝްރޫޢުތައް ޖެހިގެން އަންނަ 2026 ވަނަ އަހަރު ފެށޭނެ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

އެގޮތުން މި ދެ އަހަރު ވެގެންދާނީ އިންތިޚާބުގައި ވެވަޑައިގެންފައިހުރި ވަޢުދުތައް، ޢަމަލީގޮތުން ފުދިގެންދާނެ ދެ އަހަރަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އަންނަ އަހަރުގެ ބަޖެޓުގައި އެންމެ އިސްކަން ދެއްވާނީ ގެދޮރުވެރިކަން ކަމަށާއި އޭގެ އިތުރަށް ދެން އިސްކަންދެއްވާނެ ކަމަކީ ތައުލީމީ ދާއިރާއަށް ކަމަށާއި އަދި ހަމަ ތަޢުލީމީ ދާއިރާއެކޭ އެއްވަރަށް ޞިއްޙީ ދާއިރާއަށްވެސް އިސްކަން ދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސްގެ ވާހަކަފުޅުގައި، ހުރާ ސްކޫލަށް ބޭނުންވާ މަލްޓިޕަރޕަސް ހޯލު، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން، އަޅުއްވައިދެއްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި ޞިއްޙީ ދާއިރާއިން ހުރާ ރައްޔިތުން އެދޭ ކަންކަމުގެ ތެރެއިން، ޞިއްޙީ މަރުކަޒު ތަރައްޤީކޮށް، ސްކޭން ކުރުމާއި އިތުރު ވަޞީލަތްތައް ގާއިމުކޮށް ފުރިހަމަކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

ދާއިރާގެ މަޖިލިސް މެންބަރާއި ކައުންސިލާއި ގުޅިވަޑައިގެން، ހުރާގައި އޭ.ޓީ.އެމް. މެޝިން ބެހެއްޓުމުގެ އަމަލީ މަސައްކަތް ފެށުމާއި ހިސާބަށް ގެންދަވާފައިވާކަމަށާއި ހަމަ އެގޮތަށް އެހެން ކަންކަންވެސް ގެންދަވާނެ ކަމުގައި ރައީސް މުޢިއްޒު ވިދާޅުވިއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް