ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދުގެ ވެރިކަން ނިމިއްޖެ ކަމަށް އިދިކޮޅު ހަނގުރާމަވެރިން އިއުލާން ކޮށްފިއެވެ.
އިދިކޮޅު ހަނގުރާމަވެރިން ވަނީ ވެރިރަށް ދިމިޝްގުގެ އިތުރުން ތިންވަނަޔަށް އެންމެ ބޮޑު ހޮމްޒް ސިޓީ ހިފާފައެވެ. އަދި ގެންދަނީ މަގުތަކާއި އާންމު ތަންތަނުގައި އުފާފާޅުކުރުމުގެ ހަރަކާތްތައް ހިންގަމުންނެވެ.
އަނެއްކޮޅުން ރައީސް ބައްޝާރުލް އަސަދު ވަނީ ގައުމުދޫކޮށް ފުރާވަޑައިގެންފައެވެ. ވަޑައިގެންނެވި ވަކި ތަނެއް ނޭނގޭކަމަށް ޚަބަރުތައް ބުނެއެވެ.
ބައްޝާރުގެ ކިބައިން ގައުމު މިނިވަންވެއްޖެކަން އިއުލާން ކުރެވުމާއެކު ބައެއް ބޮޑެތި ޖަލުތައް ހުޅުވާ އިދިކޮޅު ހަނގުރާމަވެރިން މިނިވަންވެގެން ދިޔަކަމަށްވެސް ހަބަރުތައް ބުނެއެވެ.
ގައުމަށް މިއައި ކުއްލި ބަދަލާ ގުޅިގެން ބޮޑުވަޒީރު މުހައްމަދު ޣާޒީ އަލް ޖަލާލީ ވިދާޅުވެފައިވަނީ އިދިކޮޅު ފަރާތްތަކާއެކު މަސައްކަތް ކުރެއްވުމަށް ތައްޔާރަށް ހުންނެވި ކަމުގައެވެ. ނަމަވެސް ބައެއް ފަރާތްތަކުން ބުނަނީ އަދިވެސް ބާރުގަދަ ކުރާނީ އަސްކަރިއްޔާއިން ކަމުގައެވެ.
އިދިކޮޅު ހަނގުރާމަވެރިންގެ ލީޑަރު އަބޫ މުހައްމަދު އަލް ޖުލާނީ ބުނެފައިވަނީ ހޮމްޒް ހިފުމަކީ ތާރީޚީ ކާމިޔާބެއް ކަމުގައެވެ. އަދި ހަތިޔާރު ބަހައްޓަން ނިންމި ފަރާތްތަކަށް ދެރަ ގޮތެއް ނުހެދުމަށް އޭނާގެ ސަޕޯޓަރުންނަށް ގޮވާލާފައިވެއެވެ.
މީގެއިތުރުން އެއްވެސް އާންމު މުއައްސާއަކަށް ނުވަތަ ހިދުމަތް ދޭތަނަކަށް ހަމަލާ ނުދިނުމަށް އޭނާ ގޮވާލާފައިވެއެވެ.
ބައްޝާރުލް އަސަދަށް ވެރިކަން ލިބިވަޑައިގެންނެވީ ބައްޕާފުޅު ހާފިޒް އަލް އަސަދު 2000 ވަނަ އަހަރު އަވަހާރަ ވުމާއި ގުޅިގެންނެވެ. ނަމަވެސް ދިހަވަރަކަށް އަހަރުފަހުން ބައްޝާރުގެ ވެރިކަމާމެދު އާންމުން ހިތްހަމަ ނުޖެހި، ޑިމޮކްރަސީއަށް އެދި ގޮވާލާ އާންމުން މަގުތަކުގެ މައްޗަށް ނިކުތެވެ.
މި ހަރަކާތްތަކާ ދެކޮޅަށް ސަރުކާރުން ބާރުގެ ބޭނުން ކުރުމުން މަޝްރަހު ހޫނުވެ އަހުލީ ހަނގުރާމަޔަކަށް ބަދަލުވިއެވެ.
ސޫރިޔާގައި ބައްޝާރުގެ ވެރިކަމާ ދެކޮޅަށް ހަތިޔާރު އެޅި ޖިހާދެއް ނުވަތަ ހަނގުރާމަޔެއް ކުރިޔަށް ގެންދާތާ ވަނީ ތޭރަ އަހަރުވެފައެވެ. މި ހަނގުރާމައިގައި ހަތިޔާރު އެޅި މީހުންނާއި އާންމުން ހިމެނޭ ގޮތުން އެތައް ހާސް މީހުން ވަނީ މަރުވެފައެވެ.
ބައެއް ރިޕޯޓްތައް ބުނާގޮތުން ބައްޝާރުލް އަސަދު އަކީ އެންމެ މަގްބޫލްކަން ކުޑަ ލީޑަރެވެ. ”ފޭކް“ އިންތިހާބު ތަކަށް ފަހު ގަދަ ބާރުން ވެރިކަން ދެމެހެއްޓެވީ އެކުވެރިބައެއް ގައުމުތަކުގެ އެހީގައި ކަމަށް ވެއެވެ.