ކުޑަކުދިންނަށް ޚާއްސަ ކޮށްގެން އިސްލާމީ ހަމަތަކަށް ފެތޭނެ ކުރެހުމުގެ މުބާރާތެއް ބާއްވަން އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މި މުބާރާތަކީ ރާއްޖެ އިސްލާމްވި ދުވާހާ ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތެއްކަމަށާއި މި މުބާރާތުގެ މަގްސަދަކީ ކުޑަކުދިންގެ މެދުގައި އިސްލާމީ އަޚްލާގް އަށަގަންނުވައި އިސްލާމީ އަގީދާގެ މަތީގައި އުފެއްދުންތެރި ޖީލެއް ބިނާކުރުން ކަމަށެވެ.
އުމުރުން ފަސް އަހަރާ 13 އަހަރާ ދެމެދުގެ ކުދިންނަށް ޚާއްސަކޮށްގެން ބާއްވާ މި ކުރެހުމުގެ މުބާރާތުގެ ތީމް ތަކުގެ ގޮތުގައި މިނިސްޓްރީން ކަނޑައަޅާފައިވަނީ ނަމާދު، މަންމަ އާއި ބައްޕަ އަދި ގެފުޅުއެވެ.
މުބާރާތުގައި ބައިވެރިކުރުމަށް ބޭނުންވާ ކުރެހުންތައް މި މަހުގެ 16ގެ ކުރިން އިސްލާމިކް މިނިސްޓްރީގެ މެއިލް އެއްކަމަށްވާ [email protected] އަށް މެއިލް ކުރުމަށް އެމިނިސްޓްރީން އެދެއެވެ.
ކުރެހުމާ އެކީގައި ކުރެހުންތެރިއާގެ އައިޑީކާޑު ކޮޕީ އާއި ކުރެހުންތެރިއާގެ ސްޓޭމްޕްސައިޒްގެ ޕޮޓޯގެ އިތުރުން ކުރެހި ވަގުތު ނަގާފައިވާ ފޮޓޯއެއްގެ އިތުރުން ކުރެހުމާއެކު ކުރެހުންތެރިޔާ ނަގާފައިވާ ފޮޓޯއެއް ފޮނުވަން ޖެހޭނެކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކުރެއެވެ.