ދުންފަތް ކޮންޓްރޯލް ކުރުމަށް ސަރުކާރުން ކުރަމުން އަންނަ މުހިންމު އަދި ހަރުދަނާ ފިޔަވަޅުތަކުގެތެރޭން ކައުންސިލްތަކުން އިސްނަގައިގެން ރަށުފެންވަރުގައި އަދި އަތޮޅު ފެންވަރުގައި ދުންފަތް ކޮންޓްރޯލް ކުރުމަށް ހިންގާ މަސައްކަތުގެ އަގުވަޒަންކޮށް ސަރުކާރުން އެހީތެރިވާން ނިންމައިފި އެވެ.
ދުންފަތް ކޮންޓްރޯލް ކުރުމަށް ސަރުކާރުން އަޅުއްވަން ނިންމާފައިވާ ފިޔަވަޅުތަކާއި ގުޅޭގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިިނިސްޓަރ އަބުދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ، މިކަމާއި ގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތް ވީހާވެސް ރޭވުންތެރިކަމާއެކު ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން މިނިސްޓަރު ވިދާޅުވީ މި މަސައްކަތުގެ އެންމެ އެދެވޭ ނަތީޖާ ލިބޭނެ އަދި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް 5 އަހަރުގެ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށެވެ. މި ޕްލޭން އެކުލަވާލުމުގައި ކަމާބެހޭ އިދާރާތަކުގެ އިތުރުން، ރައްޔިތުންގެ ޚިޔާލާއި ބައިވެރިވުންވެސް ހޯއްދަވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ދުންފަތް ކޮންޓްރޯލް ކުރުމަށް ރަށު ފެންވަރުގައި އެންމެ ރަނަގަޅު މަސައްކަތަތަށް ކުރާ ކައުންސިލްތަކަށް އެ ދާއިރާގެ ތަރައްޤީއަށް ކުރާ މަސައްކަތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް މި ޕްލޭންގައި ހިމަނާނެ ކަމަށްވެސް މިނިސްޓަަަރު ވިދާޅުވި އެވެ.
“ އެ އިދާރާއިން ހިންގާ ތަރައްޤީގެ މަޝްރޫއުތަކަށް ޚާއްޞަ އެހީތެރިކަން ފޯރުކޮށްދިނުމުގެ ނިޒާމް ދުންފަތް ކޮންޓްރޯލްކުރުމާއި ބެހޭ ދުރު ރާސްތާ ޕްލޭން އެކުލެވިގެންދާއިރު އެ ނިޒާމް ސަރުކާރުން ފަހިކޮށްދޭވޭނެ“ މިނިސްޓަރ ނާޒިމް ވިދާޅުވި އެވެ.
ދުންފަތް ކޮންޓްރޯލް ކުރުމަށް 5 އަހަރުގެ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތްފަށާފައިވާއިރު، ’ދަފަރާ‘ ގެ ނަމުގައި ދުންފަތާ ދެކޮޅު ޚާއްޞަ ކެމްެއިނެއް އެޗްޕީއޭ އިން ވަނީ ފަށާފައެވެ. މި ކެމްޕެއިން މިހާތަނަށް ނ، ތ، ލ، އަދި ސ އަތޮޅުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.