އިންޑިއާ ސަފީރު މުނޫ މަހާވަރު ރައީސް މުޢިއްޒުގެ އަރިހަށް ވަދާޢީ ޒިޔާރަތެއް ކުރައްވައިފި

Loading

December 5, 2024
sandhaanu news
Facebook
Twitter
WhatsApp

 އިންޑިއާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ މުނޫ މަހާވަރު، ރައީސް ޑރ.މުހައްމަދު މުޢިއްޒުގެ އަރިހަށް ވަދާޢީ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލު ކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

އެގޮތުން މި ބައްދަލުކުރެއްވުމުގައި އިންޑިއާ ސަފީރުގެ، ސަފީރުކަމުގެ ދައުރަކީ ފަހަކަށްއައިސް ދިވެހިރާއްޖެއާއި އިންޑިއާގެ އެކުވެރިކަމާއި ދެ ޤައުމުގެ ގުޅުން އާރޯވެގެންދިޔަ، މުހިންމު މަރުޙަލާއެއްކަންވެސް ރައީސް މުޢިއްޒު ފާހަގަކުރެއްވިއެވެ.

ހަމައެހެންމެ ވެހިރާއްޖޭގައި އިޤްތިޞާދީ އިޞްލާޙުތައް ގެނައުމަށާއި، އިޖުތިމާޢީ ރައްކާތެރިކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކަށް އިންޑިއާއިން ދެއްވާ އެހީތެރިކަމާއެކު ލިބެމުންދާ ކުރިއެރުންތައްވެސް ދެބޭފުޅުން ވަނީ ފާހަގަކުރައްވާފައެވެ.

މި ބައްދަލުވުމުގައި އިންޑިއާ ސަފީރު ވަނީ، ދިވެހިރާއްޖޭގެ ތަރައްޤީއަށް އިންޑިއާގެ އެހީތެރިކަން އަބަދުވެސް ލިބެމުންދާނެކަމުގެ ޔަޤީންކަންދެއްވައި، ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރާ މަސައްކަތްތަކުގައި، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ދައްކަވާ ލީޑަރޝިޕާއި، އެކުގައި މަސައްކަތްކުރެއްވުމުގެ ރޫޙު އިސްކުރައްވާކަން ފާހަގަކުރައްވާފައެވެ. އަދި މިކަމަކީ ދެ ޤައުމުގެ ގުޅުން އިތުރަށް ވަރުގަދަކޮށްދޭ ކަމެއް ކަމުގައިވެސް އިންޑިއާގެ ސަފީރު ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ދެ ޤައުމުގެ ގުޅުން މިހާރު ކުރިއަށްދާ ގޮތުގައި ދެމިއޮންނާނެކަމާއި، އިންޑިއާގެ އެހީގައި ރާއްޖޭގައި ހިންގާ މަޝްރޫޢުތައް ވަގުތަށް ނިންމޭނެކަމުގެ ޔަޤީންކަން ފާޅުކުރެއްވިއެވެ. އަދި ކުރިއަށް އޮތް ތަނުގައި އެކުގައި މަސައްކަތްކުރެވޭނެ ދާއިރާތަކާމެދުވެސް ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް