އުތުރު ކޮރެޔާގައި ފާޅުގައި އިސްލާމްދީނަށް އުޅުން ހުއްދަ ކޮށްފި

Loading

December 5, 2024
profile
Facebook
Twitter
WhatsApp

އުތުރުކޮރެއާއޭ ބުނީމާ ހަމަކޮންމެމީހެއްގެ ތަސައްވުރަކަށްވެސް ވެގެންދާނީ އާދަޔާޚިލާފު ޚުދުމުޚްތާރު ވެރިކަމެއްގެ މައްޗަށް ބިނާވެފައިވާ ޤައުމެކެވެ. އެހެންނަމަވެސް އެ ގައުމުގެ ވެރިން ދެކޭގޮތުގައި ރައްޔިތުންގެ ވެރިކަމެއް ރައްޔިތުންނަށްޓަކައި އެންމެ ފުރިހަމައަށް ކޮށްދެމުންގެންދާ ޖުމްހޫރިއްޔަތެއްގެ ގޮތުގައެވެ. 

ވެރިކަމުގެ ޒާތުގައިވެސް 2 ގައުމަކަށް ފެތޭއެއް ނިޒާމެއް އޮތް ކަމަށް ނުވެސް ބުނެވޭނެއެވެ. އެއީ ވެރިކަމުގައި ތިބޭ ބަޔަކު ރައްޔިތުންގެ ބޮލަށް ވައްދާދީފައި އޮންނަނިޒާމަކަށްވާތީއެވެ. ހެވާއި ނުބައި ކަނޑައަޅަންތިބީވެސް ހަމަ ވެރިންނެވެ. ރައްޔިތުންގެ ޒިންމާއަކީ ހަމައެކަނި  އެމީހުންނަށް ވެރިކަމުގެ ގޮނޑި ކަށަވަރުކޮށް ދިނުމެވެ. ޚުދު މުޚުތާރު ވެރިކަމެކޭ ޑިމޮކްރެސީ އެކޭ ކިޔާނެ ކަމެއް ނެތެވެ.  

އުތުރު ކޮރެއާއަކީ ދުނިޔޭގެ އެހެން ގައުމުތަކާތަފާތުގޮތަކަށް ވެރިކަން ކުރަމުންގެންދާ ގައުމެއްކަން މީޑިއާތަކުން ގެންދަނީ ދުނިޔެއަށް ދައްކަމުންނެވެ. މީޑިއާއަކީ ވަރަށް ގިނަފަހަރަށް ގިނައިން ފައިސާ ދޭ ފަރާތަކަށް ސަނާކިޔަން ތިބޭ ބައެކެވެ. އުތުރު ކޮރެޔާގައި އަދުލު އިންސާފާއި ދުލުގެ މިނިވަންކަމާއި މީސްތަކުން ބައިބަޔަށް އެއްވެ އުޅުމުގެ މިނިވަން ކަންވެސް އޮންނަނީ ވަރަށް ހަނި ދާއިރާއެއްގެ ތެރެއަށް ފައްތާފައިކަމަށް މީޑިއާތަކުން ކެނޑިނޭޅި ހާމަކުރަމުންގެންދެއެވެ. އެގައުމުގެ ރައްޔިތުން ހެދުންއަޅަންޖެހޭގޮތް ނިންމުމަކީވެސް އެއީ ސުޕްރީމް ލީޑަރ ކިމް ޖޯން އުންގެ އިޚްތިޔާރުގެ ދަށުގައި އޮންނަ ބާރެއްކަމަށް މީޑިއާތަކުން ސިފަކުރެއެވެ.. ދީނީ މިނިވަން ކަމަކީ އެމީހެއްގެ ހިތުތެރޭގައި އޮންނަން ޖެހޭނެ ކަމެއް ކަމަށާއި ދީނީ ޝިޢާރުތައް ފެތުރުމާއި ދީނީ އާދަކާދަ ތަކާއި ނަމާދުކުރުންފަދަ އަޅުކަންވެސް އޮންނަންޖެހެނީ އެކަންކުރަން ކަނޑައަޅާފައިވާ އިންފާރުގެ އެތެރޭގައެވެ. ދުނިޔޭގެ ބައެއް އެހެން ގައުމުތަކެކޭ އެއްފަދައިން ފާޅުގައި އިސްލާމް ދީނަށް އުޅުމަކީ ހުއްދަ ކަމެއް ނޫނެވެ. މިސްކިތުގައި ނަމާދަށް ބަންގި ގޮވާއަޑު ބޭރަށް އިވިގެން ނުވާނެއެވެ. އެހެންނަމަވެސް ދުނިޔޭގެ ބައެއް އެހެން ގައުމުތަކުގައި ރައްޔިތުންގެ ހިތްތަކުގައި އިސްލާމް ދީނާއި މުސްލިމުންނާދޭތެރޭ ނަފްރަތާއި ރުޅިވެރިކަން އުފައްދަން މަސައްކަތްކުތާ ގޮތަށް މުސްލިމުންނާ ދިމާކުރުން ފަދަކަންތައް އުތުރު ކޮރެޔާ އަކުން ނުފެނެއެވެ. 

ކުއްލިއަކަށް އުތުރު ކޮރެއާގައި ވަރުގަދައަކަށް ހިފޭއްޓިފައިއޮތް ދީނީ މިނިވަންކަމަށް ޚާއްސަކޮށް އިސްލާމް ދީނުގެ އަގީދާއަށް ފާޅުކުރުމަށް އަޅާފައިވާ ހުރަސްތަކަށް ލުޔެއް މިދިނީ ކީއްވެގެން ހެއްޔެވެ؟  އިސްލާމްދީނާއި ކީރިތި ގުރުއާނަށް އުތުރު ކޮރެޔާގެ ސުޕްރީމް ލީޑަރގެ ހިތުން ޖާގައެއް މިލިބުނީ ކޮންފަދަ އިލާހީ މުއުޖިޒާތެއްގެ މައްޗަށް ބިނާކޮށް ބާވައެވެ؟ މިކަމުގެ އަސްލު ސަބަބު އޮޅުން ފިލާނެގޮތެއް ނެތިފައި ވަނިކޮށް ފާހަގަކުރެވިގެން މިދިޔައީ އެ ގައުމުގެ ރިޔާސަތުން ގެނައި ވަރަށް އަޖައިބު ކުރަނިވި ބަދަލުތަކެކެވެ. އޭގެ ތެރޭގައި އޭގެ ކުރިން އިންފާރެއް ކަނޑައަޅާފައިވާ ދީނީ މިނިވަންކަމުގެ އިންފާރު ތަޅާލައި ފާޅުގައި އިސްލާމީ އަގީދާ އަށް އަމަލުކުރުމުގެ މިނިވަންކަމާއި މިސްކިތް ތަކުގައި ލައުޑް ސްޕީކަރ ހަރުކުރުމުގެ ހުއްދަ ދިނުމާއި ބަންގިއާއި ނަމާދުކުރުން ބޭރަށް އަޑު އިއްވުން ހުއްދަ ކުރެއްވުން ހިމެނެއެވެ. އުތުރު ކޮރެޔާގެ މި އަމަލުން ދުނިޔޭގެ ގިނަ ގައުމުތަކަކަށް ބޮޑު ހައިރާން ކަމެއް ގެނުވިއެވެ. ހަމައެއާއެކު އުތުރުކޮރެޔާގެ ސުޕްރީމް ކޯޓުން މިސްކިތްތަކުގެ ފުރާޅުގައި މައިކްރޯފޯނު ހަރުކުރުންވެސް ހުއްދަ ކޮށްދީފިއެވެ. މިއީ މިހާތަނަށް އެގައުމުގެ މުސްލިމުންނަށް ހުވަފެނުގައިވެސް ހުއްދަ ލިބިދާނެކަމަށް ބެލެވުނު ކަންތަކެއް ނޫނެވެ.

ކުއްލިއަކަށް މުސްލިމުންނަށް މިލބުނު މިނިވަންކަމާދޭތެރޭ އެ ގައުމުގެ މުސްލިމުންވެސް ތިބީ ވާނުވާ ނޭންގުމެއްގެ ތެރޭގައެވެ. މި ނޭންގުމުގެ ތެރޭގައި އޭގެ ދެ ތިން އަހަރު ކުރިން މެދުވެރިވި ހާދިސާއެއްގެ ވާހަކަ ފެންމަތިވެއްޖެއެވެ.

އުތުރު ކޮރެޔާގެ ހޮސްޕިޓަލްތަކުގައި ވިހާ ކުދިންގެ މަންމަގެ ނަން ފާހަގަކޮށް ކުއްޖާ ވިހެއުމާއެކު އެ ކުއްޖަކުގެ ގައިގާ ލިއުމެއް ނުވަތަ ޓެގެއް ހަރުކޮށްފައި ބަހައްޓަން ޖެހެއެވެ. އެހެންނަމަވެސް މި ފާހަގކުރެވުނު ހާދިސާގައި އެއްވަގުތަކު ވިހެއި 2 ކުދިންގެ ގައިގާ މަންމަގެ ނަން ފާހަގަކުރަން ޓެގް ބަހައްޓަކަށް ހޮސްޕިޓަލުން ހަނދާނެއް ނުވިއެވެ. އެއީ އަންހެން ކުއްޖަކާ އަދި ފިރިހެން ކުއްޖެކެވެ. ދަރިފުޅުގެ މަންމަ ނަން އެނގޭގޮތަށް ޓެގެއް ނުބެހެއްޓުމަކީ އުތުރު ކޮރެޔާގެ ގާނޫނުގެ ދަށުން ބޮޑު ޖަރީމާއެކެވެ. ހޮސްޕިޓަލްގެ ފަރާތުން މިކަން ހައްލުކުރުމަށް ތަފާތު ގޮތްގޮތުން މަސައްކަތް ކުރަމުން ގެން ދިޔައެވެ.  މިކަން ފަޅާއަރާފާނެ ކަމުގެ ބިރަށް ޑީ އެން އޭ ހެދުން ފަދަ ކަންތައް ކުރަންވެސް ހޮސްޕިޓަލުން އޮތީ ތައްޔާރަކަށް ނޫނެވެ. އެ 2 ކުދިންގެ މައިންގެ ކަންބޮޑުވުން ވަނީ އިންތިހާއަށް ގޮސްފައެވެ.

އެންމެފަހުން ހޮސްޕިޓަލްގެ ޑޮކްޓަރަކު އޭނާގެ ރައްޓެހި އެހެން ޑޮކްޓަތަކަށް މި ހާދިސާ ހިއްސާ ކޮށްފިއެވެ. އެއީ އުތުރު ކޮރެޔާގައި މަސައްކަތްކުރާ އީރާނުގެ ނަސްލަށް ނިސްބަތްކުރެވޭ ޑޮކްޓަރ އަޙްމަދު ކިޔާ މީހެކެވެ. ޑޮކްޓަރ އަހްމަދު ޔަގީންކަންދިނީ ކީރިތި ގުރުއާނުގެ އަލީގައި ކޮންމެ މައްސަލައަކަށްވެސް ހައްލު ހޯދި ދާނެކަމަށެވެ.

ޑޮކްޓަރ އަހްމަދު ބޭނުންވީ އިސްލާމް ދީނުގެ އިލްމުވެރިންނާ މަޝްވަރާކޮށްލާނެ ކުޑަ ފުރުސަތެކެވެ. އިލްމުވެރިންގެ ފަރާތުން ޑޮކްޓަރ އަހްމަދަށް މައުލޫމާތު ލިބުނީ ނިސާ ސޫރަތުގެ 11 އާޔަތުން އެ މައްސަލައިގެ ހައްލު ދެނެގަތުމަށެވެ. އެ އާޔަތުގައި ވަހީ ކުރައްވާފައިވަނީ ކޮންމެ ފިރިހެނަކުގެ ހިއްސާ 2  އަންހެނުންގެ ހިއްސާއާއި އެއްވަރު ވާނެއެވެ.  މި އާޔަތުން ޑޮކްޓަރ އަޙްމަދަށް މައްސަލައިގެ ހައްލު ދެނެގަނެވިއްޖެއެވެ. އެ 2 ކުދިންގެ މަންމަގެ ކިރުގައި އެކުލެވިގެންވާ ގިޒާއިއްޔަތު ( ނިއުޓްރިޝަން ) ގެ ބައިތަކުން ދަރިންގެ މަންމައަކީ ކާކުކަން ދެނެގަނެވޭނެކަން އެނގިގެން ދިޔައީއެވެ. ޑޮކްޓަރ އަހްމަދު އިރުޝާދު ދިނީ އެ ދެ ކުދިންގެ މަންމަގެ ކިރުގައި ހިމެނޭ ގިޒާއިއްޔަތުގެ މިންވަރު ދެނެގަތުމަށެވެ. އޭގެ މައްޗަށް ބިނާކޮށް ދަރީގެ މަންމައަކީ ކާކުކަން ދެނެގަނެވޭނެތީއެވެ. ފިރިހެންދަރީގެ މަންމަގެ ކިރުގައި އެކުލެވޭ ގިޒާއިއްޔަތުގެ މާއްދާތައް މާގިނަވާނެކަން މިހާރު މެޑިކަލް ސައެންސުންވެސް އޮތީ ސާބިތު ކުރެވިފައެވެ. ހޮސްޕިޓަލްގެ ޑޮކްޓަރުން އެ ދެމައިންގެ ކިރުގައި ހިމެނޭ ބައިތައް ތަހްލީލު ކުރުމުން ފިރިހެން ދަރީގެ މަންމަގެ ކިރުގައި އެކުލެވޭ ގިޒާއިއްޔަތު މާގިނަކަން އެނގި ދަރިންގެ މަންމައަކީ ކާކުކަން ކަށަވަރު ކުރެވިއްޖެއެވެ. ކީރިތި ގުރުއާނުން މި ހައްލު ލިބުމުން އެ ހޮސްޕިޓަލްގެ ޑޮކްޓަރުންނަށް ލިބިގެން ދިޔައީ ވަރަށް ބޮޑު ހައިރާން ކަމެކެވެ.

ނަތީޖާއެއްގެ ގޮތުން ކީރިތި ގުރުއާނާއި އިސްލާމް ދީނުގެ އިލްމު އެއްވެސް ވަރަކަށް ލިބިފައި ނުވާ ބަޔަކަށް ކީރިތި ގުރުއާނާ ދޭތެރޭ ވިސްނާ ފިކުރުކުރުމުގެ ރޫހެއް މާތް ﷲ މެދުވެރި ކުރައްވައިފިއެވެ. އަދި ކުޑަދުވަސްކޮޅެއްގެ ތެރޭގައި އެ ހޮސްޕިޓަލްގެ ބައެއް ޑޮކްޓަރުންނާއި ނަރުހުންނަށް އިސްލާމްދީނުގެ ިގުރުއާނުގެ މި އަޖައިބު ކުރުވަނިވި ބަސްފުޅު އިތުރަށް ކަށަވަރު ވެގެން ދިޔައީއެވެ.

އުތުރު ކޮރެޔާގައި މިބާވަތުގެ މުހިން ހާދިސާތައް ސުޕްރީމް ލީޑަރަށް އެނގިވަޑައި ގަންނަވަން ޖެހެއެވެ. މި ހާދިސާގެ މައުލޫމާތު ކިމް ޖޯން އުން އަށް ލިބިވަޑައިގަތުމުން ކީރިތި ގުރުއާނާމެދު އެމަނިކުފާނުގެ ހިތްޕުޅުގައި ޚާއްސަ އިހްސާސްތަކެއް އުފެއްދީ ކަމަށް ބުނެވެއެވެ. އަދި އެއާގުޅިގެން  ފާޅުގައި އިސްލާމްދީނަށް އަމަލު ނުކުރުމަށް އެ ގައުމުގައި ކަނޑައަޅާފައިއޮތް މިންތަކަށް ބޮޑު ލުޔެއްވެސް ލިބިގެން ދިޔައީ ކަމަށް ވެއެވެ.  އިސްލާމް ދީނަށް އުޅުމުގައި އުތުރު ކޮރެޔާގައި ދިރިއުޅޭ މުސްލިމުންނަށް ލިބިގެން ދިޔަ މިނިވަން ކަމުގެ ސަބަބަކީ އެ ހޮސްޕިޓަލްގައި މެދުވެރިވި ހާދިސާ ކަމަށް ބުނެވެއެވެ. ދަންނަ ބޭކަލުންގެ ދަރުސްތަކުގައި ކީރިތި ގުރުއާނުގެ ބަސްފުޅުތަކާ ދޭތެރޭ ވިސްނާ ފިކުރުކުރަން ބާރު އަޅުއްވަމުން ގެންދަވަނީ ސަބަބެއް ނެތިއެއް ނޫނެވެ. 

އުތުރު ކޮރެއާގެ އާބާދީގައި 2015 ވަނައަހަރު ހަމައެކަނި ތިންހާސް މުސްލިމުން ތިބިއިރު މިހާރު އެ އަދަދު ތިރީސް ހާސް ހުރަސްކޮށްފިއެވެ. 

މި ޒަމާނުގެބައެއް އިލްމުވެރިން  ތިމަތިމާމެންގެ ފަތުވާއަކީ އެންމެ ސައްހަ ގޮތްކަން މީސްތަކުންގެ ބޮލަށް ވައްދަން މަސައްކަތްކުރަމުން ގެންދާއިރު އިލްމީ ދިރާސާތަކުން އިސްލާމް ދީނުގެ ތެދުމަގު މީސްތަކުންނަށް ހާމަކޮށްދިނުމުގެ މަސައްކަތުގައި ގިނަ އިލްމުވެރިންތަކެއްގެ ވަގުތުތައް ހޭދަކުރަމުން ގެންދާކަންވެސް ގަބޫލުކުރަން ޖެހެއެވެ. އަދި އެ ސިލްސިލާ މެދުކެނޑުމެއްނެތި ކުރިޔަށް ގެންދާ ކަމަށްޓަކައި އެބޭފުޅުންނަށް އިޙްތިރާމާއެކު ޝުކުރު ދަނަނަވަން ބޭނުންވެސް މެއެވެ. 

ދާދި ފަހުން އާންމު މީޑިއާއަށް ތިލަވެފައިވާ ދިރާސާއެއްގައި ކީރިތި ގުރުއާނުގެ އައްޝަމްސު ސޫރަތާއި ( ނަންބަރު 91 ) އަދި އައްނަޖްމް ސޫރަތުގައި ( ނަންބަރު 53 ) ހިމެނޭ ވަރަށް އާދަޔާޚިލާފް ކަމަކަށް ސައިންސުން އަލިއަޅުވާލާފައި ވެއެވެ. ދިރާސާގައި ހާމަކޮށްފައިވާގޮތުން ނަޖުމް ސޫރަތުގައި ނަންގަނެވިފައިވަނީ ސައިންސުގެ ބަހުރުވައިން “ ސީރިއަސް “ ގެ ނަމުން ނަންދެވިފައިވާ ތަރިއެވެ. ބުނެވޭ ގޮތުގައި އެއީ އުޑުމަތިން ފެންނަ އެންމެ އަލިގަދަ ތަރިއެވެ. މި ތަރީގެ ރޭޑިއަސް އިރުގެ ރޭޑިއަސް އަށްވުރެން 1.71  ގުނަ އިތުރު ކަމަށާއި މި 2 ސޫރަތުގެ ޜޭޝިއޯއަކީވެސް ( 53/91 =1.71 ) 1.71 އަށް ވުމަކީ އިންސާނީ ފިކުރުން ބޭރުގައިވާ ކަމެއް ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ހަމައެފަދައިން ނަޖުމް ސޫރަތުގެ ފުރަތަމަ އާޔަތުގައި ތަރީގެ ވާހަކަ ނަންގަނެވިފައި ވުމާއެކު 31 ވަނައާޔަތުގައި ބިމުގެ ނަން ގެނެވިފައި އޮތުމަކީވެސް އަޖައިބެކެވެ. ސަބަބަކީ އެ ސޫރަތް ފެށޭ އައްނަޖުމް އާޔަތާއި 31 ވަނައާޔަތުގައި ނަންގަނެވިފައިވާ ބިމުގެ ލަފްޒާ ދެމެދުދައި ހުރި އަކުރުތަކުގެ އަދަދކީ 861 އަކުރެވެ. ސައިންސުގެ ހޯދުންތަކުން ސީރިއަސްގެ ނަންދެވިފައިވާ މި ތަރިއާއި ބިމާދޭތެރޭގެ ދުރުމިނަކީވެސް  އަލި ދަތުރުކުރާ ދުވެލީގެ ބާރުމިނުގައި 861 އަހަރެވެ.  

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް