ބްރިކްސް މެމްބަރ ގައުމުތަކުގެ ފައިސާ ބޭނުންކޮށްގެން ބައިނަލް އަގްވާމީ ވިޔަފާރިތަކަށް މަގުފަހިކޮށްދިނުމަށް އެ ޖަމާއަތުން މަސައްކަތް ކުރަމުން ގެންދާ މިދަނޑިވަޅުގައި ބްރިކްސްގައި ހިމެނޭ ގައުމުތަކުގެ އުފެއްދުން އެމެރިކާއަށް އެތެރެކުރާނަމަ %100 ޓެކްސް ނަގާނެކަމަށް ރައީސް ޓްރަމްޕް އިންޒާރު ދެއްވައިފިއެވެ. އެމަނިކުފާނުގެ އިންޒާރުގައި އެމެރިކާޑޮލަރުގެ ބާރު ކަނޑުވާ ނުލެވޭނެ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.
ބްރިކްސްގެ މެމްބަރު ގައުމުތަކަކީ ބްރެޒިލް އާއި ރަޝިޔާއާއި އިންޑިއާއާއި ޗައިނާއާއި ދެކުނު އެފްރިކާއާއި މިސްރާއި އިތިއޯޕިޔާއާއި އީރާނާއި އަދި ޔުނައިޓެޑް އެރެބް އެމިރޭޓްސް އެވެ. މި 9 ގައުމުން މަސައްކަތް ކުރަމުން ގެންދަނީ އެމެރިކާ ޑޮލަރގެ ބަދަލުގައި އެ ގައުމުތަކުގެ ފައިސާ ބޭނުންކޮށްގެން ބައިނަލް އަގްވާމީ ވިޔަފާރިއަށް މަގު ފަހިކުރުމަށެވެ. މިހާރުވެސް އެ ގައުމުތަކުން ކުރާ ވިޔަފާރީގެ މުއާމަލާތުތަކުގައި އެމެރިކާ ޑޮލަރުގެ ބަދަލުގައި އެ ގައުމުތަކުގެ އަމިއްލަ ފައިސާ ގެންދަނީ ބޭނުން ކުރަމުންނެވެ.
ދުނިޔޭގެ ބާޒާރުގައި އެމެރިކާ ޑޮލަރުގެ ބާރު ކުޑަކުރުމަށް ރަޝިޔާއިން މަސައްކަތް ކުރަމުން ގެންދާތީ ރައީސް ޓްރަމްޕް ވަނީ ވަރަށް ބޮޑަށް ކޯފާވެ އެކަން ކުރެވިދާނެ މަގެއް ނުދައްކަވާނެކަން ދޭހަވާ ބަހުރުވައަކުން ވާހަކަ ދައްކަވާފައެވެ. އަދި އެހެން ހުރިހާ ގައުމަކުން އެމެރިކާއައި އެއްބައިވަންތަކަން ދައްކައި އެމެރިކާ ޑޮލަރުގެ ބަދަލުގައި ބްރިކްސްގެ ފައިސާ ނުވަތަ އެހެން ގައުމެއްގެ ފައިސާއިން ވިޔަސް ބާރުގަދަ އެމެރިކާ ޑޮލަރަށް ޗެލެންޖް ކުރިއަ ނުދޭން އަތާއަތް ގުޅާލުމަށާއި އެނޫން ގޮތެއްގައި އެއްވެސް ގައުމެއްގެ އުފެއްދުން އެމެރިކާއަށް އެތެރެ ކުރާނަމަ %100 ޓެކްސް ނަގައި އެ ގައުމެއްގެ އުފެއްދުންތައް ގުދަންތަކުގައި ތާށި ކުރުވާނެ ކަމަށް ޓްރަމްޕްގެ ’ ދަ ޓުރުތު ޕްލޭޓް ފޯމަށް ’ އެމަނިކުފާނު ލިއުއްވާފައި ވެއެވެ. އަދި އެގައުމަކުން ޖެހޭނީ އެމެރިކާއަށް އަލްވިދާ ކިޔަން ކަމަށްވެސް ލިއުއްވާފައި ވެއެވެ.
މީގެ ކުރިން ޓްރަމްޕް ވިދާޅުވެފައިވަނީ އެމެރިކާގެ ވިޔަފާރީގެ އެންމެ ބޮޑެތި ބައިވެރިން ކަމުގައި ބެލެވޭ ޗައިނާއާއި ކެނެޑާއާއި މެކްސިކޯގެ އުފެއްދުންތަކުން %25 ޓެކްސް ނަންގަވާނެ ކަމަށެވެ. ޓްރަމްޕްގެ މި ނިންމެވުމާ ގުޅިގެން ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ވަނީ ރައީސް ޓްރަމްޕާ ވާހަކަ ދައްކަވައި އެކަމުގެ ސަބަބުން 2 ގައުމުގެ ރައްޔިތުންނަށްވެސް ގެއްލުން ވާނެ ކަން ވަނީ ހާމަކުރައްވާފައެވެ. އަދި މިކަމާ ގުޅޭ ގޮތުން އެމަނިކުފާނު ފްލޮރިޑާއަށް ވަޑައިގެން ރައީސް ޓްރަމްޕްގެ ޚާއްސަ ރިސޯރޓުގައި ދެބޭފުޅުން ވަރަށް އެކުވެރި މާހައުލެއްގައި ހުކުރު ދުވަހު މަޝްވަރާ ކުރައްވާފައި ވެއެވެ.
ބްރެޒިލްގެ ރައީސް ކްލޯޑިއާ ޝެއިން ބައުންވެސް މި ކަމާގުޅޭ ގޮތުން ރައީސް ޓްރަމްޕާއެކު މަޝްވަރާކުރައްވާފައިވާ ކަމަށް ބިޒްނަސް އިންސައިޑަރުން ހާމަކޮށްފައި ވެއެވެ.
މިދިޔަ އޮކްޓޯބަރ މަހުގެ ތެރޭގައި ބޭއްވިގެންދިޔަ ބްރިކްސް ގައުމުތަކުގެ އެންމެ އިސްވެރިންގެ ބައްދަލުކުރެއްވުމުގައި ރަޝިޔާގެ ރައީސް ޕޫޓިން ވިދާޅުވެފައިވަނީ އެމެރިކާއިން އެ ގައުމުގެ ޑޮލަރވެސް ބޭނުންކުރަމުން ގެންދަނީ އިގްތިސާދީ ހަތިޔާރެއްގެ ގޮތުގައި ކަމަށާއި އެމެރިކާ ޑޮލަރ ބޭނުން ނުކުރުމަކީ އަހަރެމެންގެ މަގްސަދު ނޫންކަމަށާއި އެހެންނަމަވެސް އެމެރިކާއިން އެނޫން ހުރިހާ މަގެއް ބަންދުކުރީމާ އަހަރެމެންނަށްވެސް އެހެން ގޮތްތައް ހޯދަން މަޖުބޫރުވެގެން ދިޔާއީއެވެ.