ބްރިކްސް ގައުމުތަކުގެ މުދަލުން %100 ޓެކްސް ނަގާނަން:ޓްރަމްޕްގެ އިންޒާރު

Loading

Facebook
Twitter
WhatsApp

ބްރިކްސް މެމްބަރ ގައުމުތަކުގެ ފައިސާ ބޭނުންކޮށްގެން ބައިނަލް އަގްވާމީ ވިޔަފާރިތަކަށް މަގުފަހިކޮށްދިނުމަށް އެޖަމާއަތުން މަސައްކަތް ކުރަމުން ގެންދާ މިދަނޑިވަޅުގައި ބްރިކްސްގައި ހިމެނޭ ގައުމުތަކުގެ އުފެއްދުން އެމެރިކާއަށް އެތެރެކުރާނަމަ %100 ޓެކްސް ނަގާނެކަމަށް ރައީސް ޓްރަމްޕް އިންޒާރު ދެއްވައިފިއެވެ. އެމަނިކުފާނުގެ އިންޒާރުގައި އެމެރިކާ ޑޮލަރުގެ ބާރު ކަނޑުވާ ނުލެވޭނެ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.

ބްރިކްސްގެ މެމްބަރު ގައުމުތަކަކީ ބްރެޒިލް އާއި ރަޝިޔާއާއި އިންޑިއާއާއި ޗައިނާއާއި ދެކުނު އެފްރިކާއާއި މިސްރާއި އިތިއޯޕިޔާއާއި އީރާނާއި އަދި ޔުނައިޓެޑް އެރެބް އެމިރޭޓްސް އެވެ.  މި 9 ގައުމުން މަސައްކަތް ކުރަމުން ގެންދަނީ އެމެރިކާ ޑޮލަރގެ ބަދަލުގައި އެ ގައުމުތަކުގެ ފައިސާ ބޭނުންކޮށްގެން ބައިނަލް އަގްވާމީ ވިޔަފާރިއަށް މަގު ފަހިކުރުމަށެވެ. މިހާރުވެސް އެ ގައުމުތަކުން ކުރާ ވިޔަފާރީގެ މުއާމަލާތުތަކުގައި އެމެރިކާ ޑޮލަރުގެ ބަދަލުގައި އެ ގައުމުތަކުގެ އަމިއްލަ ފައިސާ ގެންދަނީ ބޭނުން ކުރަމުންނެވެ.

ދުނިޔޭގެ ބާޒާރުގައި އެމެރިކާޑޮލަރުގެ ބާރު ކުޑަކުރުމަށް ރަޝިޔާއިން މަސައްކަތް ކުރަމުން ގެންދާތީ ރައީސް ޓްރަމްޕް ވަނީ ވަރަށް ބޮޑަށް ކޯފާވެ އެކަންކުރެވިދާނެ މަގެއް ނުދައްކަވާނެކަން ދޭހަވާ ބަހުރުވައަކުން ވާހަކަ ދައްކަވާފައެވެ. އަދި އެހެން ހުރިހާ ގައުމަކުން އެމެރިކާއައި އެއްބައިވަންތަކަން ދައްކައި އެމެރިކާ ޑޮލަރުގެ ބަދަލުގައި ބްރިކްސްގެ ފައިސާ ނުވަތަ އެހެން ގައުމެއްގެ ފައިސާއިން ވިޔަސް ބާރުގަދަ އެމެރިކާ ޑޮލަރަށް ޗެލެންޖް ކުރިއަ ނުދޭން އަތާއަތް ގުޅާލުމަށާއި އެނޫންގޮތެއްގައި އެއްވެސް ގައުމެއްގެ އުފެއްދުން އެމެރިކާއަށް އެތެރެ ކުރާނަމަ %100  ޓެކްސް ނަގައި އެ ގައުމެއްގެ އުފެއްދުންތައް ގުދަންތަކުގައި ތާށި ކުރުވާނެ ކަމަށް  ޓްރަމްޕްގެ ’ ދަ ޓުރުތު ޕްލޭޓް ފޯމަށް ’ އެމަނިކުފާނު ލިއުއްވާފައި ވެއެވެ. އަދި އެގައުމަކުން ޖެހޭނީ އެމެރިކާއަށް އަލްވިދާ ކިޔަން ކަމަށްވެސް ލިއުއްވާފައި ވެއެވެ.

މީގެ ކުރިން ޓްރަމްޕް ވިދާޅުވެފައިވަނީ އެމެރިކާގެ ވިޔަފާރީގެ އެންމެ ބޮޑެތި ބައިވެރިން ކަމުގައި ބެލެވޭ ޗައިނާއާއި ކެނެޑާއާއި މެކްސިކޯގެ އުފެއްދުންތަކުން %25 ޓެކްސް ނަންގަވާނެކަމަށެވެ. ޓްރަމްޕްގެ މި ނިންމެވުމާގުޅިގެން ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ވަނީރައީސް ޓްރަމްޕާއި ވާހަކަ ދައްކަވައި އެކަމުގެ ސަބަބުން 2 ގައުމުގެ ރައްޔިތުންނަށްވެސް ގެއްލުން ވާނެ ކަން ވަނީ ހާމަކުރައްވާފައެވެ. އަދި މިކަމާގުޅޭގޮތުން އެމަނިކުފާނު ފްލޮރިޑާއަށް ވަޑައިގެން ރައީސް ޓްރަމްޕްގެ ޚާއްސަ ރިސޯރޓުގައި ދެބޭފުޅުން ވަރަށް އެކުވެރި މާހައުލެއްގައި ހުކުރު ދުވަހު މަޝްވަރާ ކުރައްވާފައި ވެއެވެ.

ބްރެޒިލްގެ ރައީސް ކްލޯޑިއާ ޝެއިން ބައުންވެސް  މި ކަމާގުޅޭގޮތުން ރައީސް ޓްރަމްޕާއެކު މަޝްވަރާކުރައްވާފައިވާ ކަމަށް ބިޒްނަސް އިންސައިޑަރުން ހާމަކޮށްފައި ވެއެވެ.

މިދިޔަ އޮކްޓޯބަރ މަހުގެ ތެރޭގައި ބޭއްވިގެންދިޔަ ބްރިކްސް ގައުމުތަކުގެ އެންމެ އިސްވެރިންގެ ބައްދަލުކުރެއްވުމުގައި ރަޝިޔާގެ ރައީސް ޕޫޓިން ވިދާޅުވެފައިވަނީ އެމެރިކާއިން އެ ގައުމުގެ ޑޮލަރވެސް ބޭނުންކުރަމުން ގެންދަނީ އިގްތިސާދީ ހަތިޔާރެއްގެ ގޮތުގައި ކަމަށާއި އެމެރިކާ ޑޮލަރ ބޭނުން ނުކުރުމަކީ އަހަރެމެންގެ މަގްސަދު ނޫންކަމަށާއި އެހެންނަމަވެސް އެމެރިކާއިން އެނޫން ހުރިހާ މަގެއް ބަންދުކުރީމާ އަހަރެމެންނަށްވެސް އެހެންގޮތްތައް ހޯދަން މަޖުބޫރު ވެގެން ދިޔާއީ އެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް