މާޝަލް ލޯއަކީ ސަރުކާރަކުން ހިންގާ، މިލިޓަރީ ވެރިކަމެއްފަދަ ކުއްލި އަމުރެކެވެ. މާޝަލް ލޯ ހިންގުމުން އެތަނެއްގައި އެއްވުންތަކާއި މުޒާހަރާތައް ފަދަ އިދިކޮޅު ސިޔާސީ ހަރާކާތްތައް ހިންގުން މަނާވާނެއެވެ. މީގެ އިތުރުން ހަޅުތާލުތަކާއި ލޭބާ ގްރޫޕްތަކުން ނާއި ޔޫނިއަން ތަކުން ހިންގާ ހަރަކާތްތައްވެސް މަނާވުމާއި އެކު މީޑިޔާ އަދި ޕަބްލިޝް ކުރުން އޮންނާނީ ސަރުކާރުން ވަރަށް ބޮޑަށް ކޮންޓްރޯލް ކޮށްފައެވެ.
މިއަމުރާ ޚިލާފްވާ ފަރާތައް އެއްވެސް ވޮރަންޓެއްނެތި ހައްޔަރު ކުރެވޭނެއެވެ.
ދެކުނު ކޮރެޔާގައި މާޝަލް ލޯ ހިންގުމަށް ސަރުކާރުން މިއަދު ކުރި މަސައްކަތް އިދިކޮޅު ފަރާތްތަކުން ނިކުމެ ވަނީ ހުއްޓުވާފައެވެ. ރައީސްގެ އިއުލާނާ ގުޅިގެން ނެޝަނަލް އެސެމްބްލީ ދޮށަށް އެއްވި އިދިކޮޅު ފަރާތްތަކާ ދެކޮޅަށް ހަތިޔާރު އެޅި ފުލުހުން ނެރެފައިވާއިރު ފުލުހުންގެ ބިރުދެއްކުމަށް އެމީހުން ފަހަތަށް ޖެހިފައެއް ނުވެއެވެ. ފުލުހުންނާ ކުރިމަތިލީ އިދިކޮޅު އެމްޕީ އަކު ފުލުސްމީހާގެ ރައިފަލް ގައި ހިފި ވީޑިއޯއެއްވެސް ވަނީ ސޯޝަލް މީޑިއާގައި ވައިރަލް ވެފައެވެ.
މަޖިލީހުގެ އިދިކޮޅު މެމްބަރުން މިހާރުވަނީ ރައީސް އަޒުލު ކުރުމަށް މޯޝަން އެއް ވައްދާފައެވެ. ބެލެވޭ ގޮތުގައި މޯޝަން ފާސްވާވަރަށް ވޯޓު ލިބޭނެއެވެ.