އީރާނުން ރަން ނެގޭނެ މިންވަރު އިތުރުވެއްޖެ

Loading

Facebook
Twitter
WhatsApp

އީރާނުގެ ހުޅަނގުން އަޒަރުބައިޖާނާ ވީ ފަރާތުގައި ހުންނަ އީރާނުގެ އެންމެ ބޮޑު ގޯލްޑް މައިނުން ރަން ނެގޭނެ ވަރު ވަރަށް ބޮޑު ތަނުން އިތުރުވެއްޖެ ކަމަށް އެ ގައުމުގެ ކަމާބެހޭ ކުންފުނިން މިދިޔަ ނޮވެމްބަރ މަހުގެ 30 ވަނަ ދުވަހު ހާމަކޮށްފިއެވެ.

އީރާނުން ރަން ނެގުމުގެ މަސައްކަތް ކުރަނީ ސަރުކާރުން އެކަމަށް ޚާއްސަކޮށްފައިވާ އީރާނުގެ މައިނިންގ ކޮމްޕެނީގެ ޒަރޝޯރަން މައިނިންގ ކޮމްޕެނީގެ ފަރާތުންނެވެ. އެއީ ހުޅަނގު އޭޝިޔާގައި ރަން ކޮނެގެން ނެގުމުގެ މަސައްކަތްކުރާ އެންމެ ބިޔަ ކުންފުންޏެވެ. އެ ކުންފުނީގެ ވަގުތީ ޗީފް އެގްޒެކެޓިވް އޮފިސަރ މުހަންމަދު ޕަރްވީންގެ ބަޔާނުގައި ބުނެފައިވަނީ ކުރިން 27 މިލިއަން މެޓްރިކް ޓަން ރަނުގެ ( ގޯލްޑް އޯރ…ނުވަތަ ރަން އެކުލެވިފައިވާ މައުދަން ) ގެ ޑިޕޮޒިޓެއް އެކުލެވިފައިވާ މައިންގައި އެންމެ ފަހުން ކުރި ސާރވޭ ތަކުގެ ނަތީޖާއިން 43 މިލިއަން މެޓްރިކް ޓަނުގެ ރިޒާވެއް ހުރިކަން ކަށަވަރު ކުރެވިފައިވާ ކަމަށެވެ. އޭގެ މާނައަކީ އެ މައިންގައި ހުރި ގޯލްޑް އޯރ ނަގައި ސާފުކުރުމުން 116 މެޓްރިކް ޓަނުގެ ޚާލިސް ރަން ލިބޭނެއެވެ. އަދި އެ މަސައްކަތް ކުރުމަށް 65 އަހަރު ދުވަހުގެ މުއްދަތެއް ނަގާނެއެވެ. އޭގެ ސަބަބުން އިތުރު ގިނަ ބަޔަކަށް ވަޒީފާގެ ފުރުސަތުވެސް 65 އަހަރުގެ މުއްދަތަށް ކަށަވަރު ކުރެވިގެންދާނެއެވެ.

އީރާނުގެ މައިނިންގ ކުންފުނިން މިހާރުވެއސް އަހަރަކު އެއްޓނުގެ ޚާލިސް ރަން އުފައްދައެވެ.

މިދިޔަ އަހަރު ފެބްރުއަރީމަހުގެ ތެރޭގައި އީރާނުން ވަނީ އެ ސަރަހައްދުގައި ޒަމާނީ ވަސީލަތްތަކާއެކު ޓެއިލިންސް ޑޭމެއް ( ރަން ސާފުކުރުމަށްފަހު ވެލިތައް އަޅާނެ ތަނެއް ) ވެސް އެ ސަރަހައްދުގައި ގާއިމުކޮށްފައެވެ. ތިމާވެއްޓާ ބެހޭ ފަރާތްތަކުން ވަރަށް ބޮޑަށް މިކަމާ ނުރުހުން ފާޅުކުރަމުން ގެންދިޔަ ކަމަށް ވެއެވެ. އެހެންނަމަވެސް އެމެރިކާއާއި ކެނެޑާފަދަ މައިނިންގ މަސައްކަތްކުރާ ގައުމުތަކުގައި ޓެއިލިންގްސް ޑޭމް ނުވަތަ އެމްބޭންކްމެންޓް ބޭންކުތައް ވަރަށް ގިނައެވެ.

އީރާނަށް ހުޅަނގުގެ ގައުމުތަކުން ކުރިމަތި ކުރަމުންގެންދާ އިގްތިސާދީ ދަތިކުރުން ތަކާހުރެ އެގައުމުގެ ތެޔޮ ވިއްކުމަށް ހުރަސް އެޅެމުންދާތީ ފަހަކަށް އައިސް އެ ގައުމުގެ މައިނިންގ ހަރަކާތްތައްވަނީ އިތުރުކޮށްފައެވެ.

އީރާނުން ލިބިފައިވާ އެހެން ޚަބަރުތަކަށްބަލާއިރު ބައިނަލް އަގްވާމީ އެޓޮމިކް އެނަރޖީއާ ބެހޭ އިދާރާއިން އީރާނުގެ ނިއުކްލިއަރ މަޝްރޫއު ސެންސަރުކުރުމަށް ނެރެފައިވާ އަމުރަށް ތާއީދުކުރުމާއެކުގައިވެސް ޑޮނާލްޑް ޓްރަމްޕް އެމެރިކާގެ ރިޔާސީ ގޮނޑީގައި އިށީނދެވަޑައިގަތުމުގެ ކުރިން އީރާނާއެކު ނިއުކްލިއަރ ޕްރޮގްރާމުގެ މަޝްވަރާކުރަން ތައްޔާރަށް ތިބިކަން އިނގިރޭސިވިލާތާއި ޖަރުމަނާއި ފަރަންސޭސިވިލާތުން ހާމަކޮށްފިއެވެ.

އެހެންނަމަވެސް އީރާނުން މިހާރުވަނީ އަލަށް ތަރައްގީކޮށް ހަރަކާތަށް ގެނެސްފައިވާ ސެންޓްރިފިއުޖްތަކަށް ޔުރޭނިއަމްގޭސް އިންޖެކްޓް ކުރަން ފަށާފައެވެ. ( މީގެ މާނައަކީ ޔުރޭނިއަމް-235 އަށް ފައްކާކުރުމުގެ ފުރަތަމަ ފިޔަވަޅު އެޅުމެވެ. )

އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމަށް ފާރަލުން ހަވާލުކޮށްފައިވާ އެޓްމިކް އެނަރޖީގެ އިންސްޕެކްޓަރުންނަށް އެއްބާރުލުން ނުދޭތީ އެމެރިކާވެސް ހިމެނޭ ގޮތުގައި ހުޅަނގު ގައުމުތަކުން ގެންދަނީ އީރާނަށް ފާޑުކިޔަމުންނެވެ. ޔޫ އެން ވޮޗްޑޯގް ( އެޓޮމިކް އެނަރޖީގެ އިދާރާ ) އިން ފާޑު ކިޔަމުން ގެންދަނިކޮށް އީރާނުން ވަނީ އެގައުމުގެ ނިއުކްލިއަރ މަޝްރޫއު އިތުރަށް ކުރިއަށް ގެންދިއުމުގެ ބޭނުމުގައި އަލަށް ތަރައްގީ ކުރެވުނު ސެންޓްރިފިއުޖްތައް ހަރަކާތް ކުރުވަން ފަށައިފިކަންވެސް އިއުލާން ކޮށްފައެވެ. އަދި އީރާނުން ބޭނުންވާނަމަ މިހާރުވެސް އެތައް ނިއުކްލިއަރ ބޮމެއް އުފެއްދޭ ވަރަށް ފައްކާކޮށްފައި ހުރި ޔުރޭނިއަމްގެ ފުނިވަރުތަކެއް ހުރިކަން ގެންދަނީ ފަޚްރުވެރިކަމާއެކު ހާމަކުރަމުންނެވެ.

އީރާނުން ބައިނަލްއަގްވާމީ ހަކަތައާ ބެހޭ އިދާރާގެ އިންސްޕެކްޓަރުންނަށް ފުރިހަމައަށް އެއްބާރުލުން ނުދޭ ކަމަށް ކަނޑައަޅައި މިދިޔަ ހަފުތާގައި 35 ގައުމު ހިމެނޭ އައި އޭ އީ އޭ ގެ ގަވަރނަރުންގެ ބޯޑުން ނިންމާފައިވަނީ އީރާނަށް ދަތިކުރުމުގެ އިތުރު ފިޔަވަޅު އެޅުމަށްޓަކައި އީރާނުގެ ނިއުކްލިއަރ މަޝްރޫއުއާ ބެހޭ ތަފްސީލު ރިޕޯރޓެއް ހުށަހެޅުމަށް އެ ޖަމްއިއްޔާއަށް އެންގުމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް