އިޒްރޭލުގެ މިސްކިތްތަކުން ބަންގި ގޮވާ އަޑު ދުރަށް އިއްވުމަށްޓަކައި ލައުޑްސްޕީކަރު ބޭނުން ކުރުން މަނާކޮށް އެކަން ބެލުމަށް ފުލުހުންނަށް އަންގައިފިއެވެ.
ޗެނަލް 12 ގެ ރިޕޯޓަކާ ހަވާލާދީ ވިއޯން ޗެނެލުން ބުނެފައިވާ ގޮތުގައި އަޑުގަދަ ކުރާ ސިސްޓަމް ބޭނުން ކޮށްފިނަމަ އެތަކެތި އަތުލުމަށްވެސް ނެޝަނަލް ސެކިއުރިޓީ މިނިސްޓަރު ވަނީ ފުލުހުންނަށް އަންގާފައެވެ. މީގެ އިތުރުން އަޑުގަދަކުރާ ބޭނުން ކުރާ މިސްކިތްތައް ޖޫރިމަނާ ކުރުމަށްވެސް އިޒްރޭލް ސަރުކާރުން ވަނީ ނިންމާފައެވެ.
އިޒްރޭލުގެ ނެޝަނަލް ސެކިއުރިޓީ މިނިސްޓަރ އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވާ ގޮތުން މި އައު ޕޮލިސީ ތައާރަފް ކުރަނީ ފަޚުރުވެރިކަމާއެކުގައެވެ. އަދި މިހެން ހެދުމުން، އިޒްރޭލުގެ ރައްޔިތުންނަށް ތުރާލަށްވެފައިވާ މިސްކިތްތަކުން އިވޭ ”އަންރީޒަނަބަލް“ އަޑުތައް ކަނޑުވާލެވޭނެ ކަމަށް މިނިސްޓަރު ބުނެފައި ވެއެވެ.
ނެޝަނަލް ސެކިއުރިޓީ މިނިސްޓަރުގެ އޮފީހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވާ ގޮތުން މިކަމާބެހޭ ގޮތުން ކުރެވުނު ބަހުސްތަކުން ހާމަވެފައިވާ ގޮތުގައި ހުޅަނގުގެ ގިނަ ގައުމުތަކުގައާއި އަދި ބައެއް އަރަބި ގައުމުތަކުގައި ވެސް ބަންގީގެ އަޑު މަޑުކުރުމަށް ވަނީ ފިޔަވަޅު އަޅާފައެވެ. އަދި ބައެއް ގައުމުތަކުގައި މިކަމާ ގުޅޭ ގާނޫނުވެސް ވަނީ ހަދާފައެވެ. މިކަން ނުކޮށް އޮތީ ހަމައެކަނި އިޒްރޭލުގައި ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
އިޒްރޭލު ސަރުކާރުން މި އެޅި ފިޔަވަޅަށް މުސްލިމުންގެ އިތުރުން އިޒްރޭލުގެ އިދިކޮޅު ޕާޓީތަކުން ވެސް ދަނީ ފާޑު ކިޔަމުންނެވެ.
އަދި މިނިސްޓަރުގެ މިފަދަ އަމަލު ތަކުން ސްޓޭޓް އޮފް އިޒްރޭލުގެ ހާލަތު ގޯސްވަމުން ގޮސް އަލިފާން ދަނޑިއެއް އެއްލާ ހަމައިން މުޅި އެތި ގޮވާ ވަރަށް ކަންތައް ގޯސްވަމުން އެބަދާ ކަމަށް އިދިކޮޅު ލީޑަރަކު ބުނެފައިވެއެވެ.
އިޒްރޭލު ސަރުކާރުގެ ނިންމުން ވަނީ އިޒްރޭލުގެ ސިޔާސީ ޕާޓީ ޔުނައިޓަޑް އެރެބް ލިސްޓުންވެސް ކުށްވެރިކޮށްފައެވެ.
ޖެރޫސަލަމްގެ އަލްއަގްސާ މިސްކިތުގައި ހަމަނުޖެހުން ހިންގަން ކުރަމުން އައި މަސައްކަތް ނާކާމިޔާބުވުމުން މިހާރު ވިސްނުން ހުރީ ދީނީ ބައިބައިވުން އުފެއްދުމަށް ކަމަށް ޕާޓީގެ ލީޑަރ ބުނެފައިވެއެވެ.
މީގެ އިތުރުން މިނިސްޓަރު އަބަދުވެސް ގެންދަނީ ”ކޯ އެގްޒިސްޓަންސް“ ނުވަތަ ދެބައި ހަމަހަމަ ކޮށް އުޅުމަށް ހުރަސް އަޅަމުން ކަމަށް ބުނެފައި ވެއެވެ.
”ކައުންސިލް އޮން އެމެރިކަން އިސްލާމިކް ރިލޭޝަންސް“ އިންވެސް ވަނީ އިޒްރޭލު ސަރުކާރުގެ ނިންމުން ކުށްވެރި ކޮށްފައެވެ. އަދި މުސްލިމް މެޖޯރިޓީ އޮންނަ ގައުމުތަކުން މިކަމާ ގުޅިގެން ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ކައުންސިލުން ގޮވާލާފައި ވެއެވެ.