ޗާގޯސް ޖަޒީރާތަކުގެ މުސްތަގުބަލާ ބެހޭ ގޮތުން އިނގިރޭސިވިލާތާއެކު ހަދާފައިވާ ޑީލް، މިނިވަން ވިސްނުމެއްގައި ރިވިއު ކޮށްދިނުމަށް އެދިވަޑައިގެންފައިވާ ކަމަށް އަލަށް ހޮވިވަޑައިގެންފައިވާ މޮރިޝަސްގެ ބޮޑުވަޒީރު ނަވީން ރާމްގޫލަމް ވިދާޅުވެއްޖެއެވެ.
އިނގިރޭސިވިލާތާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން މޮރިޝަސްގެ މިލްކިއްޔާތު އިނގިރޭސީން ދޫކޮށްލާ ގޮތަށް އޮތް ނަމަވެސް އާކިފެލެގޯގެ އެންމެ ބޮޑު ޖަޒީރާ ޑިއޭގޯ ގާސިޔާ 99 އަހަރަށް ކުއްޔަށް ގެންގުޅޭ ގޮތަށް ވަނީ ކަނޑައަޅާފައެވެ.
ޑިއޭގޯ ގާސިޔާގައި މިހާރުވެސް އެމެރިކާ އަދި އިނގިރޭސިވިލާތުގެ މިލިޓަރީ އެއާބޭސްތައް އަންނަނީ ހިންގަމުންނެވެ.
އިނގިރޭސި ބޮޑުވަޒީރު ކެއިރު ސްޓާމާގެ ތަރުޖަމާނަކު ބީބީސީ އަށް ބުނެފައިވާ ގޮތުގައި މި މައްސަލައިގައި މޮރިޝަސްގެ އައު ބޮޑުވަޒީރު ހުންނެވީ ވަރަށް ”ހުޅުވާލެވިފައިވާ“ ވިސްނުމެއްގައެވެ.
ރާމްގޫލަމް މަގާމާ ހަވާލުވެ ވަޑައިގެންފައިވަނީ މީގެ ދެ ހަފުތާ ކުރިންނެވެ. އެއްބަސްވުމުގައި ސޮއިކުރިއިރު މަގާމުގައި ހުންނެވީ ޕްރަވިންދު ޖުގްނޯތު އެވެ. އޭރު ޖުގްނޯތު ވެސް އިނގިރޭސި ބޮޑުވަޒީރު ސްޓާމާ ވެސް ވިދާޅުވެފައިވަނީ އެއީ މުސްތަގުބަލަށް ފައިދާހުރި އެއްބަސްވުމެއް ކަމަށާއި މައްސަލަތައް ހައްލު ކުރުމަށް ދެފަރާތުންވެސް ބޭނުންވާ ކަމުގެ ހެއްކެއް ކަމުގައެވެ.
ނަމަވެސް އިލެކްޝަން ކެމްޕެއިންގެ ތެރޭގައި ރާމްގޫލަމް ވަނީ އެއްބަސްވުން ކުށްވެރި ކުރައްވައި އެއީ ގައުމު ވިއްކާލުން ކަމަށް ސިފަކުރައްވާފައެވެ. އަދި އެކަން ކުރީ އިންތިޚާބުގެ ކުރިން ގޮތް ހުސްވެގެން ކަމަށް ވިދާޅުވެފައެވެ.
އައު ސަރުކާރުގެ އެގްރޯ އިންޑަސްޓްރީ އެންޑް ފިޝަރީޒް އަރްވިން ބޫލެލް ވެސް ޑިއޭގޯގާސިޔާ އިގިރޭސިވީލާތަށް އެހާ ދިގުމުއްދަތަކަށް ކުއްޔަށް ދީފައިވާތީ އެކަން ކުށްވެރި ކުރައްވާފައެވެ. މިނިސްޓަރު ވިދާޅުވީ އަސްލު ކުއްޔަށް ދީފައިވަނީ 200 އަހަރަށް ކަމަށާ އާންމު ކުރި ފުރަތަމަ ޓައިމް ފްރޭމްގައި 99 އަހަރު ޖަހާފައި ވަނީ ކަމުގައެވެ.
މޮރިޝަސްގެ އެއްބަސްވުމާބެހޭ ކަންބޮޑުވުން ފާޅުކޮށްފައިވަނީ ހަމައެކަނި މޮރިޝަސްގެ އައު ސަރުކާރަކުން ނޫނެވެ.
އެމެރިކާގެ ރައީސްކަމަށް ހޮވިވަޑައިގެންފައިވާ ޑޮނަލްޑް ޓްރަމްޕްގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރުބިއޯ ވެސް ވަނީ ޗައިނާއާއި ގާތް ގުޅުމެއް އޮންނަ ގައުމަކަށް އެތަން ދީފައިވުމަކީ އެމެރިކާގެ ނެޝަނަލް ސެކިއުރިޓީ އަށް އޮތް ”ސިރިއަސް ތްރެޓެއް“ ކަމުގައި ވިދާޅުވެފައެވެ. ނަމަވެސް އިގިރޭސި ބޮޑުވަޒީރު ސްޓާމާ އަދި އިނގިރޭސި ފޮރިން ސެކްރެޓަރީ ޑޭވިޑް ލަމީ ވިދާޅުވެފައިވަނީ އެއީ ރަގަޅު ޑީލް އެއް ކަމުގައެވެ. ލަމީ ވަނީ މޮރިޝަސްގެ ރައްޔިތުން ޕާޓީ ފިކުރަށް ނުބަލާ ވިސްނާލައިފިނަމަ މިއީ ރަގަޅު ޑީލް އެއްކަން އެނގޭނެ ކަން ޔަގީން ކުރައްވާ ކަމުގައި ވިދާޅުވެފައެވެ.
މޮރިޝަސްގެ އެއްބަސްވުން ފައިނަލައިޒް ވުމުގެ ކުރިން އެކަމާބެހޭ ޓްރީޓީއެއްގައި ސޮއިކުރަން ޖެހެއެވެ.
މައުލޫމާތު : ވިއޯން ޗެނެލް